ސެންޓޭއަށް އޭދަފުށީން ރަތްދޫލައިގެ މަރުހަބާއެއް

sente.jpg

ސެންޓޭއަށް މަރްހަބާކިއުމުގެ ގޮތުން އާއިލާގެ ބައެއް މެންބަރުން ފާލަމުގައި

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފްވެރި މަޤާމް ހާސިލް ކުރުމަށްފަހު އޭދަފުއްޓަށް އުފަން ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އޭދަފުއްޓަށް އައުމުން އިއްޔެ އޭނާއަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.

ސެންޓޭގެ އާއިލާއާއި، ކްލަބް ކޮންބިނޭޝަން ޖަމްއިއްޔާއާއި، އާންމުން ގުޅިގެން އިންތިޒާމްކޮށް އިއްޔެ ހަވީރު އޭދަފުށި ބަނދަރު ސަރަހައްދުގައި އޮތް މަރުހަބާ ދެންނެވުމަށް އޭދަފުށީގެ ގިނަބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވިއެވެ.

އިއްޔެ އޮތް ރަސްމިއްޔާތުގައި ސެންޓޭއަށް މަރުހަބާ ކިއުމުގެ ގޮތުން އޭދަފުށީ ޑައުންޓައުން ބޮޑުބެރު ގްރޫޕުން ލަވައެއްވެސް ހުށައެޅިއެވެ. އެއަށްފަހު ސެންޓޭއަށް މިދިޔަ އަހަރު ލިބުނު އެވޯޑްތަކާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ހުޅުވާލާފައި އޮތެވެ.

ސެންޓޭ:އާއިލާގެ ބައެއް މެންބަރުންނާއެކު

މިއިވެންޓް އިންތިޒާމް ކުރި ސީސީގެ އޮފިޝަލަކު ބުނީ ސެންޓޭ ގެ ގޯލްޑް ނައިޓްނަމުގައި މިރޭ އޭދަފުށީގައި ހަފްލާއެއްވެސް އޮންނާނެކަމަށާ، އެހަފްލާގައި ރާއްޖޭގެ ފުޓްބޯޅައިގެ ފުންނާބު އުސް ބޭފުޅުންނާ، އޭދަފުށީގެ ފުޓްބޯޅައިގެ ގިނަބަޔަކު ބައިވެރިވާނޭކަމަށެވެ.

ސެންޓޭ ވަނީ މިދިޔަ ސީޒަނުގައި 34 ގޯލު ޖަހައިގެން އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓުވެސް ހޯދާފައެވެ. މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގެ ދެވަނަ ޓީސީން ހޯދުމުގައި ސެންޓޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި ދިވެހި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ސެންޓޭ ވަނީ ހޯދާފައެވެ. ސެންޓޭ މިދިޔަ ސީޒަނުގައި ދެއްކި ކުޅުމަށް ރާއްޖޭގެ ގިނަ ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން ފުޓްބޯޅަ ބެލުންތެރިން ވަނީ ތައުރީފު ކޮށްފައެވެ. އަދި މި މަގާމް ހޯދާނެކަމަށް އެންމެ ބޮޑަށް ބެލެވުނީވެސް ސެންޓޭ އެވެ. މިއަހަރު ސެންޓޭ ފެނިގެންދާނީ ނިއުރޭޑިއަންޓްގެ ޖޯޒީގައެވެ.

މިއީ ފުޓްބޯޅައިގެ ދިގު ތާރީހެއް އޮންނަ އޭދަފުށީ ކުޅުންތެރިއަކަށް މި މަޤާމް ލިބުނު ފުރަތަމަ ފަހަރެވެ. ސެންޓޭ ވަނީ 2014 ވަނަ އަހަރުވެސް މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކޮށް ދެވަނަ ހޯދާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top