އޭދަފުށީ ހިއްކިބިމުން “ދަނޑުބިން” ދޫކުރަން ކައުންސިލުން ނިންމައިފި

12744169_587889751376666_1018488152234311035_n-702x432.jpg

ބ. އޭދަފުށީ ހިއްކިބިމުގެ ސަރަހައްދުން އޭދަފުށީ ރައްޔިތުންނަށް ވަގުތީގޮތުން ދަނޑުބިން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން މިގޮތަށް ނިންމީ ޕީޕީއެމް ކައުންސިލަރ މުހައްމަދު ރިޒާ ހުށައެޅުއްވި ހުށައެޅުމަކާ ގުޅިގެން އިއްޔެ އޮތް އެކައުންސިލްގެ ޖަލްސާއެއްގައެވެ. ކައުންސިލް މެމްބަރ ރިޒާ އީވީއަށް ވިދާޅުވީ ކައުންސިލަށް މިކަހަލަ ހުށައެޅުމެއް ހުށައެޅީ ރަމަޟާންމަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ރަށުގެ ގިނަ ބަޔަކު މަގުމަތީގައި ތަފާތުގަސް ގަސް ހެއްދުމަށް މަސައްކަތްކުރާތީ، އެކަން ހުއްޓުވައި، ރަނގަޅުގޮތްތަކެއް ރައްޔިތުންނަށް ހޯދާދިނުމަށް ކަމަށެވެ.

ކައުންސިލުން ފާސްކުރިގޮތުން އޭދަފުށީގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ ގޯއްޗަކަށްވެސް އަންނަ ޝައްވާލުމަހުގެ ނިޔަލަށް ދަނޑު ހެއްދުމަށް ބޭނުންވާ 2500 އަކަފޫޓްގެ ބިން ދޫކުރާނެކަމަށް ރިޒާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިނިންމުމާއެކު ދަނޑުބިން ދޫކުރާނެ އުސޫލުތަކާ، ނިންމުންތައް ވަރަށް އަވަހަށް އާންމުކުރައްވާނެކަމަށެވެ.

“މިހާރު މިވާގޮތަކީ ކޮޕީފަތް ނުހައްދާ ވާކަށްވެސް ނެތް. ހައްދާނެ ތަނެއްވެސް ނެތް. ކައުންސިލުން ތަނެއް ދެއްކީމާ ދެން ކައުންސިލްގެ ޒިންމާ އަދާކުރެވުނީ އެހެންނޫންތޯ. ހަމަ ކޮންމެ ގޯއްޗަކަށްވެސް އެދުނީމާ ދެހާސް ފައްސަތޭކަ އަކަފޫޓް ލިބޭނެ”

އޭދަފުށީ ހިއްކިބިމުން ވަގުތީ ދަނޑުބިން ދޫކުރުމަށް ކައުންސިލުން އިއްޔެ ނިންމިއިރު، އޭދަފުށިން 100 ގޯތި ދޫކުރުމަށް މަޝްވަރާ ކުރެވެމުންދާކަންވެސް މިހަފްތާތެރޭގައި ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ބުނަމުންދަނީ މިއީ އިންތިހާބާ ގުޅިގެން ވޯޓް ހޯދުމަށް ކައުންސިލްގެ ބައެއް މެމްބަރުން ޖަހަމުންދާ މަޅިއެއްކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top