ޑރ އަޒަމްގެ ގަލަމުން : ކެންސަރު – ބަލީގެ ކުރީކޮޅު ފަރުވާ ފެށުން މުހިއްމު

cancer-650_650x400_51452925154.jpg

ލިޔުނީ: އަޒަމް ފާރިޝް

ކޮންމެ އަހަރެއްގެ ފެބްރުއަރީ 4 ފާހަގަކުރަނީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަހުގެ ގޮތުގައެވެ. އެހެންކަމުން މިބައްޔާ ބެހޭގޮތުން މައުލޫމާތުކޮޅެއް ހިއްސާކޮށްލާނަމެވެ.

ކެންސަރުބައްޔަކީ މީގެކުރިން ދިވެހިރާއްޖޭގައި އެހާ އާންމު ބައްޔެއްކަމަށް ފާހަގަ ކުރެވިފައިނުވިނަމަވެސް ޒަމާނާއެކު މީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކެންސަރުބަލީގެ ވޭން ތަޙައްމަލް ކުރަމުންދާ ކުޑަކުދިންނާއި، ބޮޑެތިމީހުން ރާއްޖޭގައިވެސްވަނީ ގިނަވާން ފަށާފައެވެ. ހަމައެއާއެކު، ސިއްހީދާއިރާއަށް މިއަދު އައިސްފައިވާ ކުރިއެރުންތަކާއެކު ބަލީގެ ކުރީކޮޅުގައި ކެންސަރުބަލި ދެނެގަނެވި ފަރުވާކުރެވޭލެއްވެސް ވަނީ އަވަސްވެފައެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި ކޮންމެ އަހަރަކުވެސް އެތައްހާސް ބަޔަކު މިނުރައްކާތެރި ބަލީގެ ޝިކާރައަކަށްވެ، ދުނިޔެ ދޫކުރަމުންދެއެވެ.

ކެންސަރުބަލި ޖެހެނީ ހަށިގަނޑުގައިވާ ސެލްތައް އޭގެ އާންމު އުސޫލާ ހިލާފަށް މާގިނައިން އުފެދެން ފެށުމުންނެވެ. ނަތީޖާއެއްގެގޮތުން އެސެލްތައް އިތުރުވެ ޓިއުމަރެއްގެ ސިފައިގައި ބޮޑުވަމުންދެއެވެ. އަދި މި ޓިއުމަރުގެ ވަށައިގެންވާ ސިއްހަތު ރަނގަޅު ސެލްތަކާއި، ހަށިގަނޑުގެ އެހެން ގުނަވަންތައް ހަލާކުކޮށްލައެވެ.

ކެންސަރުބަލީގެ ގިނަ ވައްތަރުތަކަކީ އެބަލި ޖެހުމަށް ދިމާވާ ސަބަބެއް ހޯދިފައިނުވާ ވައްތަރުތަކެކެވެ. ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުގައި “ކާސިނޯޖެން” އޭކިޔާ މާއްދާއެއް ހަށިގަނޑުގެ ތަބީއީ ސެލްތައް ، ކެންސަރ ސެލްތަކަކަށް ބަދަލުކުރުމުގައި ވަރަށް ބޮޑު ރޯލެއްކުޅޭކަން ވަނީ ހޯދިފައެވެ.

ކެންސަރުގެ ބައެއް ވައްތަރުތަކަކީ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި އުފެދި ބޮޑުވުމަށްފަހު، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރޭ ބައްޔެކެވެ. ކެންސަރުގެ 200 އަށްވުރެ ގިނަ ވައްތަރު މިހާރު ވަނީ ދެނެގަނެވިފައެވެ. އެއިން ކޮންމެ ވައްތަރެއްގެ ކެންސަރެއް ދެނެގަނެވުމަށްފަހު އެއަށް ހާއްސަކޮށް ފަރުވާ ފަށަންޖެހެއެވެ. ކެންސަރުގެ އެންމެ އާންމު ވައްތަރުތަކަކީ:

އުރަމަތީގެ ކެންސަރ

ފުއްޕާމޭގެ ކެންސަރ

ޕޮރޮސްޓޭޓް ކެންސަރ

ގޮހޮރުގެ ކެންސަރ

ރަހިމުގެ ކެންސަރ

އަނގައިގެ ކެންސަރ

ކެންސަރުބަލި ޖެހުމުގެ ފުރުސަތު ބޮޑުމީހުންނަކީ ކޮންބައެއް؟

– ދުންފަތްލައިގެން ދުފާމީހުންނަށް އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

– ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނަށް ފުއްޕާމެގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މިގޮތުން ބިޑި، ސުއްޓާ ސިނގިރޭޓް އަދި ގުޑުގުޑާ ބޯމީހުން ހިމެނެއެވެ.

– ކާރުހާނާތަކުން ބޭރުވާ ދުމާއި ، ވެހިކަލްތަކުން އަރާ ބޯ ދުމުގެ އަސަރުކުރާ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

– ރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ގޮހޮރާއި ލިވާ އަދި ޕެންކްރިއަސްއަށް ކެންސަރު ޖެހުމުގެ ފުރުސަތު  ބޮޑުވެއެވެ.

– މަސްވެރިންނާއި  ދަނޑުވެރިން ގިނަވަގުތު ގަދަ އަވީގައި އުޅޭނަމަ ހަމުގެ ކެންސަރު ޖެހުމުގެ މަގުފަހިވެއެވެ.

ކެންސަރުގެ ބައެއް އަލާމާތްތައް

  • ހަށިގަނޑުގެ އެއްވެސް ތަނެއްގައި ކުއްލިއަކަށް”ދުޅައެއް” ނުވަތަ “ގަނޑު”ލުމެއް ފާހަގަކުރެވުން
  • އާދަޔާޙިލާފަށް ހަށިގަނޑުން ލޭއައުން
  • ކެއުންބުއިމާއި ގޮހޮރުގެ އުނދަގޫތައް ކުރިމަތިވުން  (ބަނޑުހިކުން،  މޭނުބައިކޮށް ހޮޑުލެވުން،  ބޭރަށް ހިންގުން)
  • ވަރުބަލިވެ، ކާހިތްނުވުން
  • ބަރުދަން މާބޮޑަށް ލުއިވުން
  • ހަށިގަނޑުގެ އެއްވެސް ތަނެއްގައި ފާރުހެދި ފަސޭހަނުވެ ގިނަދުވަސް ނެގުން
  • ކާތަކެތި ދިރުވަން އުނދަގޫވުން
  • އަނގައިގައި ފާރުއުފެދި ފަސޭހަ ނުވެ ގިނަދުވަސްވުން
  • ނޭވާލާން އުނދާގޫވެ އަޑުކުރަކިވެ ބެދޭހެން ހީވުން
  • ގިނަ ގިނައިން ބޮލުގައި ރިއްސުމާއި ، ހޭނެތުމާއި، ބޯ އެނބުރުން

*ކެންސަރު ނޫނަސް އެހެން ބަލިތަކުންވެސް މިއަލާމާތްތައް ފެނިދާނެއެވެ. އެހެންކަމުން މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ.

ޓިއުމަރގެ ވައްތަރުތައް

ދުޅަ ނުވަތަ ޓިއުމަރ ދެބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ ”ބިނައިން ޓިއުމަރ”އަދި ”މެލިގްނަންޓް ޓިއުމަރ”އެވެ. މިދެވައްތަރުގެ ތެރެއިން ”ބިނައިން ޓިއުމަރަކީ” ކެންސަރެއް ނޫނެވެ. އާންމުކޮށް ކެންސަރޭ ކިޔަނީ ”މެލިގްނަންޓް ޓިއުމަރ” އަށެވެ. ޓިއުމަރ އެއް އުފެދި ބޮޑުވުމަށް ބޭނުންވާ ހަކަތަ ލިބެނީ ޓިއުމަރ އުފެދިފައިވާ ހިސާބު ވަށައިގެން ހުންނަ ލޭހޮޅި ތަކުންނެވެ.

ކެންސަރުގެ ފަރުވާ

ކެންސަރުބަލީގެ ތަފާތު ވައްތަރުތަކުގެ ފަރުވާ ތަފާތުނަމަވެސް، އެންމެ އާންމު ގޮތެއްގައި ދެވޭ ފަރުވާއަކީ ކީމޯތެރެޕީއާއި، ރޭޑިއޯތެރަޕީ އަދި ހޮމޯންތެރެޕީ އެވެ. ކީމޯތެރަޕިއަކީ ކެންސަރު ޖެހިފައިފާ ސެލްތައް ހަލާކުކޮށްލުމަށް ދެވޭ ބާރުގަދަ ބޭސްތަކަކަށް ކިޔާ ނަމެކެވެ. އަދި ރޯޑިއޯ ތެރަޕީގައި ކޮންޓްރޯލްކުރެވިގެން ދެވޭ ބާރުގަދަ ރޭޑިއޭޝަންތަކެއް ކެންސަރުޖެހިފައިވާ ހިސާބުތަކަށް ފޮނުވާލައެވެ. މީގެ އިތުރުން އޮޕަރޭޝަންކޮށްގެން ކެންސަރ ޓިއުމަރުތައް ނެގުމަކީވެސް ވަރަށް އާންމުކޮށް ދެވޭ ފަރުވާއެކެވެ. މިބައްޔަކީ ބޮޑެތި މީހުންނެކޭ އެއްފަދައި ކުޑަކުދިންނަށްވެސް ޖެހޭ ބައްޔެއްކަމުން ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެ ފަރުވާ ފެށުން ވަރަށް މުހިންމެވެ.

ބަލި ދެނެގަތުމާއި މަޑުކުރަންޖެހޭ މުއްދަތު

ކެންސަރުބަލި ޖެހިފައިވާކަން ޔަގީންކޮށް ޑައިގްނޯސްކުރުމަށް އެތައް ހަފްތާއެއް ނުވަތަ މަސްތަކެއްވެސް ނަގާފާނެއެވެ. އެއީ ކެންސަރަކީ އާންމުގޮތެއްގައި އެތައް އަހަރެއް ވަަަންދެން ހަށިގަނޑުގެ ތެރޭގައި އުފެދި ބޮޑުވަމުން އަންނަ އެއްޗެއްކަމުން، ބަލި ދެނެ ގަނެވެން ދެން މަދު ދުވަސްކޮޅެއް ވަންދެން ފަރުވާ ނުފެށި މަޑުކުރެވިދާނެއެވެ. ނަމަވެސް ކެންސަރު ޖެހިއްޖެކަން ކަށަވަރުވުމާއެކު މިބަލީގެ ފަރުވާ ވަގުތުން ފަށަންޖެހޭނެއެވެ. ކެންސަރު ހުރިތޯ ޔަގީން ކުރުމަށް ޓިއުމަރުގެ ސާމްޕަލްއެއް އެތިކޮޅެއް (ބަޔޮޕްސީ) ނެގުމަށްފަހު ލެބޯޓްރީގައި ޓެސްޓްކުރެވޭނެއެވެ. އެޓެސްޓުގެ ނަތީޖާއަށް ބެލުމަށްފަހު ބަލީގެ ފަރުވާ ކުރިއަށްދާނެގޮތް ކަނޑައެޅޭނެއެވެ.

ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

ދިރިއުޅުމުގެ އާދަތަކަށް ވަރަށް ކުދިކުދި ނަމަވެސް މުހިންމު ބަދަލުތައް ގެނެވިއްޖެނަމަ، ކެންސަރު ޖެހުމުގެ ފުރުސަތު ނުހަނު ބޮޑުތަން ކުޑަކުރެވިދާނެއެވެ. މިގޮތުން

  • ސިއްހަތަށް ފައިދާހުރި ތާޒާ ކާނާކެއުން އަދި ޕްރޮސެސްޑް ދަޅުކާނާ ކެއުން މަދުކުރުން
  • ގަވާއިދުން ކަސްރަތުކުރުން
  • ދުންފަތުގެ އިސްތިއުމާލު ނުކުރުން
  • ޝައްކުކުރެވޭފަދަ އެއްވެސް އާދަޔާ ހިލާފު ދުޅައެއް ނުވަތަ ފަސޭހަ ނުވެ ހުންނަ ފާރުކޮޅެއް ހުރިނަމަ ޑޮކްޓަރަކަށް ދެއްކުން
  • ކޮންމެހެން ނަގަން ޖެހިގެން ނުނީ އެކްސްރޭ އަދި ސީޓީ ސްކޭންތައް ހެދުން މަދުކުރުން
  • މަސައްކަތުގެ ދާއިރާގައި ގިނަވަގުތު އަވީގައި އުޅެންޖެހުމާއި، ތަފާތު ކެމިކަލްތަކާއި ދުމުގެ ތެރޭގައި އުޅެންޖެހޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުން
  • އަމިއްލައަށް ގޭގައިވެސް ގަވައިދުން ހަށިގަނޑު ބަލާ ޗެކްކުށް، އެއްވެސް ދުޅައެއް، ގަނޑުލުމެއް ނުވަތަ ފަސޭހަނުވާ ފާރުކޮޅެއް ހުރިތޯ ބެލުން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top