ފެނަކަ ވަޒީފާއާއެކު ސުއޫދުގެ ދުނިޔެ ބަދަލުވީ އުއްމީދު ނުކުރާ އުފާވެރިކަމަކަށް

20180109_103138.jpg

ސުއޫދު ގާސިމް އޭނާގެ މަންމައާއި، ދައްތައާއެކު. ސުއޫދަށް ވަޒީފާ ލިބުމާއެކު އޭނާގެ އާއިލާއަށްވަނީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައި / ފޮޓޯ: އޭދަފުށީ ވޮއިސް

މިވޭތުވެދިޔަ ހުރިހާ ދުވަހަކު އަހަރެންމެންނަށް ދަސްވެފައިވަނީ ނުކުޅެދޭ ކުދިންނަކީ މައިން ބަފައިންނަށް އުފުލަން ޖެހޭ ބުރައެއްގެ ގޮތުގައެވެ. އެފަދަ ކުދިންގެ ބޭނުން މީހުން ހިފައިއުޅެނީ ދެކޮޅުނުޖެހޭ ބޭކާރު ވާހަކަތައް ދައްކުވައިގެން މުނި ފޫހި ފިލުވުމަށެވެ. ރަށް ރަށުގެ ހޮޅުއަށި ތަކުގައާއި މައިޒާންތަކުން މި މަންޒަރު ފެންނަލެއް މަދެއް ނޫނެވެ. ދެން ފެންނާނީ އެކުދިންނަކީ ދުނިޔެއަށް އައުމުގައި އުނި ކަމެއް ހުންނަ ކުދިންކަމަށް ވާތީ ހަނގާކުރުމާއި އެއީ މުޖްތަމައުގެ ހަވާސާއިން ބޭރުކޮށްފައިވާ ބައެއްގެ ގޮތަށް އެކުދިންނަށްވެސް ވިސްނައިދޭން އުޅޭ ތަނެވެ.

މިއަދު އެ ހަގީގަތް ބަދަލުވެއްޖެއެވެ. އެކުދިންނަކީވެސް މި މުޖްތަމައުގެ ބައެއްކަމުގައި ހަދައި އެކުދިންގެ ބޭނުން އެދެވޭ ގޮތެއްގައި ހިފަން ފަށައިފިއެވެ. ރައީސް ޔާމީންގެ ގިޔާދަތުގައި ރާއްޖޭގެ އެކި ކަންކޮޅުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މުސްތަގްބަލް އުޖާލާ ކޮށްދީފިއެވެ. އެކުދިންގެ ދިރުންނެތް މުސްތަގްބަލް އަލިކޮށްދިނީ ގޭގެ އަށިމަތިން ނުވަތަ ޖޯލިފަތީގައި އުމުރުގެ ދުވަސްތައް ކުރު ކުރަމުން ދަނިކޮށެވެ. އެފަދަ ދަރިން ލިބިގެން މޮޅިވެފައި ތިބި އެތައް ބެލެނިވެރިންގެ ހިތްތައް އުފަލުން ރޮއްވާލީ ރައީސް ޔާމީން ގެ ޒައާމަތުގައި އެމަނިކުފާނެވެ. އެހެނީ ރައީސް ޔާމީންގެ ސަރުކާރުން ވަނީ މިދެންނެވި އެތައް ސަތޭކަ ކުދިންނަށް ވަޡީފާ އާއި އިތުރު އެހެނިހެން އިނާޔަތްތަކާއެކު އެކުދިން އާ ދުނިޔެއަކަށް ނެރެދެއްވާފައެވެ.

ބ. ހިތާދޫ އިތުރުގޭ ސުއޫދު ގާސިމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ލޭބަލް ޖެހިފައިވާ ކުއްޖެއް ނަމަވެސް ޖިސްމާނީ ގޮތިުން ފުރިހަމަ މީހެކެވެ. ހަމައެކަނި މައްސަލައަކީ ސިކުނޑީގައި ކުޑަކުޑަ އުނި ކަމެއް ހުރުމެވެ.

ރައީސް ޔާމީން މިފަދަ ކުދިން މުޖްތަމައަށް ނެރެ އެކުދިންނަށް ކުރެވޭ ވަރުގެ ކަންކަމާއެކު ވަޒީފާގެ ބާޒާރު ގަރަމް ކޮށް އެކުދިންނަށް ވަޒީފާ ހަމަޖައްސަައިދިން އިރު 2016 ވަނަ އަހަރު ޑިސެމްބަރުމަހު ފެނަކަ ކޯޕަރޭޝަންގެ ބ. އަތޮޅު ބްރާންޗްތަކުން ވަޒީފާ ހަމަޖެހުނު ޚާއްސަ އެހީއަށް ބޭނުންވާ ތިން ކުދިންގެ ތެރެއިން އެކަކީ ބ. ހިތާދޫ އުތުރުގެ ސުއޫދު ގާސިމްއެވެ.

ބ. ހިތާދޫ އިންޖީނުގޭގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާއާއެކު އޭނާ މިހާރުވަޒީފާ އަދާކުރާތާ އެއްއަހަރުވީއެވެ. ސުއޫދުގެ ދިރިއުޅުމަށް އައި މި އުފާވެރި ކުއްލި ބަދަލާއެކު ސުއޫދުގެ ދިރިއުޅުމަށް ވެގެންދިޔަގޮތް ކިއުންތެރިންނަށް ގެނެސްދިނުމަށް އީވީގެ ޓީމް މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ފަހުން ހިތާދޫއަށް ކުރި ދަތުރެއްގައި ސުއޫދުއާ ބައްދަލުވީ އިއްތިފާގަކުންނެވެ.

ސުއޫދުއާއި އާއިލާގެ މެމްބަރުންނާ ބައްދަލުކޮށްލުމަށް އޭނާ ދިރިއުޅޭ އެރަށު އުތުރުގެ އަށް ދިިޔުމުން ސުއޫދުގެ މަންމަ އަމީނާއާއި، ދައްތަ ޒައިނަބު އަޅުގަނޑުމެންނަށް ހޫނު މަރުހަބާއެއް ކިއެވެ. ހަގީގަތުގައި މި މަރުހަބާއަކީ އީވީ މެދުވެރިކޮށް އެއާއިލާގެ ހިތުގައި އުފެދިފައިހުރި ޝުކުރުގެ ބަސްތައް އޭގެ ހައްގުވެރިންނަށް އޮއްސާލުމަށް ލިބުނު ފުރުސަތަކަށް ވާތީވެ އެގޮތުން ކީ މަރުހަބާއެކެވެ.

ސުއޫދުގެ ވަޒީފާގެ ވާހަކަ ދައްކަން ފެށުމުން ސުއޫދުގެ މަންމަ އަމީނާއަށް ވާހަކަ ދައްކަން ފުރަތަމަ އުނދަގޫ ވިއެވެ. އަމީނާ ބުނީ ސުއޫދަކީ ވަރަށް އަހްލާގު ރަނގަޅު ބަސްއަހާ ކުއްޖެއްކަމަށާ، އޭނާއަށް ސަރުކާރުން ވަޒީފާއެއް ލިބުމަކީ ދުވަހަކުވެސް އުއްމީދުކުރިކަމެއް ނޫންކަމަށެވެ.

“ކީއްކުރަންތޯ އަޅުގަނޑު އުއްމީދެއް ނުކުރަން. ނުވެސް ކުރެވޭނެތާ ދެއްތޯ. އެހެންނަމަވެސް ﷲގެ ހެޔޮރަހްމަތާއެކު ސަރުކާރުން މިވަރުކަމެއް އެދަރިފުޅަށް ކޮށްދިނީތީ ރައީސުލްޖުމްހޫރިއްޔާ އަށް ފަށްފަށުން ޝުކުރު ދަންނަވަން” ސުއޫދުގެ މަންމަ އަމީނާ ބުންޏެވެ.

ސުއޫދު އޭދަފުށީ ވޮއިސް ޓީމާ ވާހަކަ ދައްކަނީ. އޭނާބުނީ ސަރުކާރު ވަޒީފާއެއް ލިބުމަކީ ވަރަށް އުފާވާ ކަމެއްކަމަށް / ފޮޓޯ: އޭދަފުށީ ވޮއިސް

ސުއޫދަކީ އަމީނާއަށް ލިބުނު އަށްކުދިންގެ ތެރެއިން އެންމެ ހަގުމީހާއެވެ. އުމުރުން ވަރަށް ކުޑައިރު ބައްޕަވަނީ ނިޔާވެފައެވެ. އަށްކުދިންގެ އާއިލާގައި މިހާރު ސުއޫދުގެ ކަންކަން ބެލެހެއްޓުމުގައި އިސްދައުރެއް އަދާކުރަނީ އެރަށު މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސުއޫދުގެ ދައްތަ ޒައިނަބު ގާސިމެވެ.

ސުއޫދުއާ ބެހޭ ގޮތުން ޒައިނަބު ބުނީ އޭނާއަކީ ވަރަށް މަޖާކޮށް އެންމެންނާވެސް ސަކަރާތްގަނެ ސަކަމިޒާޖެއްގެ ކުއްޖެއްކަމަށާ، އަބަދުވެސް ވަރަށް ބަސް އަހާނެކަމަށެވެ. އޭނާ ބުނީ ސްކޫލް ނިމުނުފަހުން އޭނާ ރަށުގެ އަމިއްލަ ބައެއް ތަންތަނުގައި ކުޑަދުވަސްކޮޅަކު ވަގުތީގޮތުން ވަޒީފާވެސް އަދާކުރިކަމަށެވެ.

“ކުރިން ހޮޓަލެއްގައިވެސް އުޅުނު. ދެން ފަހުން ސްކޫލްގައި އަމިއްލަ މީހަކު ސެކިއުރިޓީ ބެލެހެއްޓިއިރު އެތަނަށްވެސް ދިޔަ ސެކިއުރިޓީ ގާޑަކަށް. ރަށު އެންމެންވެސް ސުއޫދުއާ ވަރަށް ގުޅުން އޮންނާނެ. ސަމާސާ ކުރާނެ ވަރަށް. އޭނަ ވެސް ވަރަށް ސަކަމިޒާޖެއް ހުންނާނީ”

ޒައިނަބު ބުނީ ސުއޫދު ފެނަކަ ކޯޕަރޭޝަން ވަޒީފާ ލިބުނުފަހުން ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެކަމަށާ، އާއިލާގެ ތެރޭގައި އޭނާ އުޅޭ އުޅުމާ، އަހުލާގަށް ވެސް ހެޔޮބަދަލުތަކެއް އަންނަމުން ދާކަމަށެވެ. ހަމައެއާއެކު މާލީ ގޮތުން އާއިލާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަންވެސް ޒައިނަބު ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

“ކުރިން ވަޒީފާއަކަށް ނުދާއިރު ދެން ހުންނާނީ ކަމެއް ނެތިފަ. އަޅުގަނޑުމެންވެސް ވަރަށް ދެރަވޭ. މިހާރު ދެން ސުއޫދު އުޅެނީ ވަރަށް އުފަލުން.   ވަރަށް އުފާވެފަ ހުންނާނީ. ރައްޓެހިންނާވެސް ވަރަށް ގުޅުން ބަދަހިވާނެ. ދެން ވަރަށް އުފާވެރިއޭ ބުނެވޭނީ މިހާރު. ހަގީގަތުގައި ރައީސް ޔާމީން އެކުރެއްވީ ދިރުން ގެއްލިފައި ތިބި އެތައް އާއިލާތަކަކަށް ދިރުން ގެނެސް ދެއްވައި ކުރިއަށް ދާނެ މަގެއް އެދެއްކެވީ.” ޒައިނަބް ބުންޏެވެ

ސުއޫދުއަށް ވަޒީފާ ހަމަޖެހިގެން ފުރަތަމަ އޮފީހަށް ނުކުތްދުވަހު ހިތާދޫ އިންޖީނުގޭގެ މުވައްޒަފުންވެސް ސުއޫދުއަށް އާދަޔާހިލާފު ހޫނު މަރުހަބާއެއް ކިއެވެ. އޭނާއަށް ހަދިޔާދީ، އޭނާގެ ޝަރަފުގައި އޮފީހުގެ މުވައްޒަފުންނަށް ސައިޕާޓީއެއްވެސް އޮތެވެ.

ސުއޫދަށް މަރުހަބާ ކިއުމަށް ހިތާދޫ އިންޖީނުގޭ މުވައްޒަފުން އެއިންޖީނުގޭގައި ބޭއްވި ސައިޕާޓީގެ ތެރެއިން / ފޮޓޯ: ހިތާދޫ އިންޖީނުގެ

ހިތާދޫ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖަރ އަލީ އަބޫބަކުރު ވިދާޅުވީ ސުއޫދަކީ ވަރަށް ބަސްއަހާ ހުރިހާ މުވައްޒަފުންނާވެސް ގުޅިގެން މަސައްކަތްކުރާ ކުއްޖެއްކަމަށާ، ހުރިހާ މުވައްޒަފުން ވެސް ސުއޫދާ މެދު ހާއްސަގޮތްތަކެއް ބަހައްޓާކަމަށެވެ.

“ކޮންމެ މުވައްޒަފަކުވެސް ވަރަށް ސަމާސާކުރާނެ. ސުއޫދަކީ ވަރަށް ބޮޑަށް މަސައްކަތަށް ކަމޭހިތާ އަހްލާގު ރަނގަޅު ބަސްއަހާ މުވައްޒަފެއް. އެހެންމުވައްޒަފުންނާ ވަރަށް ބޮޑަށް ގުޅިގެން އެކުވެރިކޮށް އުޅޭނީ. ހުރިހާ މުވައްޒަފުން ވަރަށް އަޅާލާ، ލޯބިވާ މުވައްޒަފެއް ސުއޫދަކީ” އަލީ އަބޫބަކުރު ވިދާޅުވިއެވެ.

ސުއޫދުވެސް ބުނީ އޭނާއަށް އޮފީހުގެ މުވައްޒަފުން ވަރަށް ރަނގަޅު ކަމަށާ، އެމީހުންގެ އެހީތެރިކަން ވަރަށްބޮޑަށް ލިބޭކަމަށެވެ. އޭނާ ބުނީ މިވަޒީފާއަކީ އޭނާ ވަރަށް ގަޔާވާ ވަޒީފާއެއްކަމަށާ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

“ރައީސް ޔާމީން މިވަރު ކަމެއް ކޮށްދިނުމަކީ ވަރަށް އުފާވާ ކަމެއް. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ވަޒީފާއެއް ސެކިއުރިޓި ގާޑް ވަޒީފާއަކީ. އަދި ވަރަށް ބޮޑަށް އެންމެންގެ އެހީތެރިކަންވެސް ލިބޭ”

އީވީގެ ޓީމު އެގެއަށް ދިޔައީ ސުއޫދުއަށް ވަޒީފާ ލިބުމުން އެމީހުންގެ އިހްސާސްތައް ހުރި ގޮތް އޮޅުން ފިލުވާލާށެވެ. އެއާއިލާއާއި، ސުއޫދުވެސް ހުރީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްދެއްވި ކަންތައްތައް ހެޔޮހިތުން ބަލައިގަނެ އެކަމަށް ޝުކުރު ވެރިވާ ހާލުގައި ނިކަން އުފާވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top