ނަތީޖާއާމެދު ހިތްހަމަޖެހޭ. މިދިޔަ އަހަރަށްވުރެ ރަނގަޅު – ޕްރިންސިޕަލް

DSCN1280.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ،އަހްމަދު ރަފީއު - ފޮޓޯ :އީވީ

ޖީސީއީ އޯލެވެލްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަހަރު ހޯދި ނަތީޖާ ކުރީއަހަރަށްވުރެ މަތިކަމަށާ، ކުރީ އަހަރަށްވުރެ ނަތީޖާ ރަނގަޅު ނޫންކަމަށް ބުނެ އަޑު ފެތުރުމަކީ ގޯހެއްކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވެއްޖެއެވެ.

އޯލެވެލް ނަތީޖާ ދަށްކަމަށްބުނެ ސޯޝަލް މީޑިޔާގައި ތައުލީމީ މަރުކަޒަށް އަމާޒުވަމުންދާ ފާޑުކިއުންތަކާ ގުޅިގެން އީވީން ޕްރިންސިޕަލް އަހްމަދު ރަފީއުއަށް ދެންނެވުމުން އޭނާވެސް ކުރެއްވީ ސުވާލެކެވެ. އޭނާ ވިދާޅުވީ ނަތީޖާ ދަށޭ ބަޔަކު ކިޔައިގެން އުޅެނީ ކީއްވެގެންކަން ނޭނގޭ ކަމަށާ، ފާޑުކިޔަންވާނީ ކަންއޮތްގޮތް ރަނގަޅަށް ބެލުމަށްފަހުކަމަށެވެ.

“ކޮންބައެއްތޯ ބުނީ ނަތީޖާ ދަށޭ؟ އަޅުގަނޑު ހައިރާންވެއްޖެ ތިހެން ބުނާތީ. ޖީސީއޯލެވެލްގެ ނަތީޖާ މިދިޔަ އަހަރަށްވުރެ މިއަހަރު މަތިވީ. ތަފާސްހިސާބު ބައްލަވާ! މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ނިސްބަތަކީ 77 އިންސައްތަ. މިއަހަރު 84 އިންސައްތަ ފާސްވި. އެހެންވީމާ، އެއީހަގީގަތް ރަނގަޅަށް ނުބަލާ ދައްކާ ވާހަކައެއްކަމަށް އަޅުގަނޑު ދެކެނީ.” 2000 ވަނަ އަހަރު ސާނަވީ އިމްތިހާނުން މުޅިރާއްޖެއިން 1 ވަނަ ބ. އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރުވެސް ސްކޫލްގެ އިސްވެރިއަކަށް ހުންނެވި ރަފީއު ވިދާޅުވިއެވެ.

ރަފީއު ވިދާޅުވީ ވަކިވަކި މާއްދާތަކަށް ބަލާއިރު މިއަހަރު އެސްކޫލުން 3 މާއްދާއަކުން 100 ޕަސެންޓް ފާސްވެފައިވާކަމަށާ، 5 މާއްދާއަކުން އައްޑިހަ ފަސެންޓަށްވުރެ މަތިން ނަތީޖާ ހޯދިކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ބައެއް މާއްދާތަކުން ބޮޑު ކުރިއެރުން ހޯދަމުން އަންނައިރު ބައެއް މާއްދާއިން ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއްވެސް އަންނަކަމަށެވެ.

“ކޮންމެ އަހަރަކުވެސް ކުރިއެރުން އަންނަ މާއްދާތަކަކާ، ދަށްވާ މާއްދާތަކެއް ހުރޭ. ނަމަވެސް ޖުމްލަކޮށް ބަލާއިރު ހުރިހާ މާއްދާތަކުންވެސް ކުރިއެރުން ފެންނަމުން މިދަނީ. ހަމައެފަދައިން އިސްލާމުންވެސް ކުރީ އަހަރަށްވުރެ މިއަހަރުގެ ނަތީޖާ ރަނގަޅު.”

އޭނާ އިތުރަށް ވިދާޅުވީ މުޅި އަތޮޅަށް ބަލާއިރު ގްރޭޑް 10 ނިންމައިގެން އޯލެވެލް ހަދާ ދަރިވަރުންގެ އަދަދު އެހެން ސްކޫލަތަކަށް ވުރެ މި ސްކޫލްގައި ގިނަވާނެ ކަމުގައެވެ. އާދައިގެ ކުދިކުދި ސްކޫލްތަކުގަ ވަރަށް މަދު ކުދިން ކޮޅެއް އޯލެވެލް ހަދައިގެން ބައެއް މާއްދާއިން %100 ހޯދިފަ ހުރެދާނެ ކަމަށާއި އެކަމަކު އެސްކޫލްތަކާއި މި ސްކޫލާ އަޅާ ނުކިޔޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. “ބައެއް މީހުންނަށް އޮޅުން އަރާ ކަމެއް އެއީ. ގިނަ މާއްދާއަކުން %100 އޭ ބުނީމަ އެ ވެދާނެ ތިން ކުއްޖަކު އިމްތިހާނު ހަދައިގެން 100 % ލިބުނީކަމަށްވެސް. “ޕްރިންސިޕަލް އޮޅުން ފިލުވައިދެއްވިއެވެ.  

ރަފީއު ވިދާޅުވީ ނެޝަނަލް ޓޮޕް ޓެންގެ ގަވާއިދު ބަދަލުވެފައިވާތީ، ޓޮޕްޓެންއަށް ކުރިން ހޮވުނު އަދަދަށް މިއަހަރު ކުދިން ނުހޮވިދާނެކަމަށެވެ. އެހެންނަމަވެސް އަށް މާއްދާއިން އޭ ފާސް ހޯދައިގެން މިއަހަރު ތިން ކުއްޖަކު ސްކޫލްގެ ރެކޯޑް އާކޮށްފައިވާކަން އޭނާ ފާހަގަކުރިއެވެ.

“މީގެކުރިން އެއްވެސް އަހަރަކު މިސްކޫލްގެ ތިން ކުއްޖަކު 8 އޭ ނުހޯދާ މިއަހަރު ނޫނީ. އެއީ ރެކޯޑެއް. އެހެންވީމާ، ނަތީޖާ އެއްމެ ރަނގަޅު އެއްއަހަރަކަށް މިއަހަރު ވާނެ”

1978 ވަނަ އަހަރުން ފެށިގެން ތައުލީމު ދެމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ސާނަވީ ތައުލީމުގައި ރެކޯޑްތަކެއް އޮތް ސްކޫލެކެވެ. އެމަރުކަޒު ވަނީ ސާނަވީ އިމްތިހާނުގައި މާލޭގެ ސްކޫލްތަކާ ވާދަކޮށް 2000ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖެތެރޭގެ ސްކޫލަކުން 1 ވަނަ މަގާމުގެ ޝަރަފު ހޯދާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top