ދައުލަތުގެ ބަޖެޓުން މިއަހަރު ފެހެންދޫއަށް ކޮށްދެއްވާ އެންމެ އުފާވެރި ކަމަކަށްވާނީ އެރަށުގައި އަލަށް ގާއިމްކުރާ ހެލްތު ސެންޓަރުގެ އިމާރާތްކަމަށް ފެހެންދޫ ކައުންސިލުން ބުނެފިއެވެ.
ފެހެންދޫ ކައުންސިލުން މިހެންބުނީ އެރަށުގައި މިހާރު ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ރަށު ކައުންސިލްގެ ރައީސް މޫސާ ނަސީމްއަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މޫސަ ވިދާޅުވީ ފެހެންދޫގައި މިވަގުތު ސަރުކާރުން ދެ މަޝްރޫއެއް ކުރިޔަށް ގެންދާކަމަށެވެ. ނަމަވެސް މިއަހަރު ފެހެންދޫގައި އަލަށް ފަށާ ސިއްހީ މަރުކަޒު ގާއިމްކުރުމުގެ މަޝްރޫއުއަކީ ވަރަށް އުފާވެރި އިހްސާސްތަކެއް ކުރެވޭ މަޝްރޫއަކަށް ވާނެކަމަށެވެ.
“ސިއްހީ މަރުކަޒެއް ނެތި ގިނަ ޒަމާންތަކެއް ވޭތުވެގެން ހިނގައްޖެ. ކޮންމެވެސް ތަންކޮޅެއް ކުއްޔަށް ހިފައިގެން އަމިއްލަ މީހެއްގެ ގޭގައި މިކަހަލަ ގޮތަކަށް މިއޮތީ މިޚިދުމަތް. އަޅުގަނޑު ވަރަށް އެދިއެދިހުރި ކަމެއް ސަރުކާރުން މިހާރު ފައްޓަވަން ތައްޔާރުވެފައި މިއޮތީ. އެހެންވީމާ މިމަޝްރޫއަކީ އަޅުގަނޑުގެ އިތުރުން ފެހެންދޫ ރައްޔިތުންވެސް އެންމެ ބޭނުންވެފައި އޮތް އަދި އެންމެ އުފާވާނެ އެއްމަޝްރޫއަށް ވާނެކަމާމެދު ޝައްކެތްނެތް” އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައި ފެހެންދޫ ކައުންސިލްގެ ތިން ވަނަ ދައުރު ފުރިހަމަ ކުރަމުން އަންނަ މޫސަ ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން 2018 ވަނަ އަހަރު ބ. އަތޮޅުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ 5 މަޝްރޫއުގެ ތެރޭގައި ފެހެންދޫ ސިއްހީ މަރުކަޒުގެ އިމާރާތް ވަނީ ހިމެނިފައެވެ. އެމަސައްކަތަށް ބަޖެޓްގައި 1.1 މިލިޔަން ރުފިޔާ ވަނީ މިއަހަރަށް ކަނޑައަޅާފައެވެ. ފެހެންދޫގައި މިދިޔަ އަހަރު ފަށައި އަދި މިހާރުވެސް މަސައްކަތް ހިނގަމުންދާ ދެ މަޝްރޫއަކީ ޖެޓީ ހެދުމުގެ މަޝްރޫއާއި، އާއިންޖީނުގެއެއް އެޅުމުގެ މަޝްރޫއުއެވެ. މި ދެ މަޝްރޫއުވެސް މިހާރުވަނީ ނިމުމަކާ ދާދިގާތުގައި ކަމަށް ފެހެންދޫ ކައުންސިލުން ބުނެއެވެ.
ފެހެންދޫ ކައުންސިލުން ބުނީ ސިއްހީ މަރުކަޒު އެޅުމަށް ބޭނުންވާ 22500 އަކަފޫޓްގެ ބިން މިހާރު އެރަށު ކައުންސިލުން ހަމަޖައްސައިދީފައިވާ ކަމަށާ، އެކަން ހެލްތް މިނިސްޓްރީއަށްވެސް އަންގާފައިވާ ކަމަށެވެ. އަދި މަސައްކަތް ފެށުމަށްޓަކައި ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެމުންގެންދާނެ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
300އެއްހާ މީހުންގެ އާބާދީއެއްއޮތް ފެހެންދޫގައި މިވަގުތު ދިރިއުޅެނީ ސަތޭކަވަރަކަށް މީހުންނެވެ. މީހުން ދިރިއުޅޭ އަދަދު މަދުނަމަވެސް ފެހެންދޫއަކީ ގެސްޓް ހައުސް ވިޔަފާރީގައި ބ. އަތޮޅުގައި ވަރަށްބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ރަށެކެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް އެރަށުގައި ފަންސާހަށްވުރެ ގިނަ ރޫމް ގެސްޓް ހައުސް ވިޔަފާރިއަށް ނެރެވޭނެކަމަށް މިދިޔަ އަހަރު ފެހެންދޫ ކައުންސިލުން ބުނެފައިއެވެ.