ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް އަންނަ މަހު ނުވަތަ މި އަހަރުގެ ޖުލައި މަސް ނިމެންވާ އިރަށް ބ. އަތޮޅުގައި ފެށޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
ސައުދީ ވިދާޅުވީ މި އަހަރު ނިމެންވާއިރަށް މުޅި ރާއްޖެއަށް އާރްޓީއެލް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.
އެގޮތުން މިމަސް ނިމެންވާއިރަށް ރ. އަތޮޅުގައި އާރްޓީއެލްގެ މަސައްކަތް ފެއްޓޭނެ ކަމަށާއި މި އަހަރުގެ ޖުލައި މަސް ނިމެންވާއިރަށް ބ. އަތޮޅުގައިވެސް އާރްޓީއެލްގެ ހިދުމަތް ފެއްޓޭނެ ކަމަށް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ވިދާޅުވި އެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.
މި ހިދުމަތް ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި އަންނަނީ ދެމުންނެވެ.