
ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް ގެއަކަށް ޒިޔާރަތްކޮށް އާއިލީ ޑޮކްޓަރު ޕްރޮޤްރާމަށް ބަޔަކު ރަޖިސްޓްރީ ކުރަނީ. މިޕްރޮޤްރާމްގައި 3000 އަށްވުރެ ގިނަމީހުން ވަނީ ރަޖިސްޓްރީވެފައި / ފޮޓޯ: އަތޮޅު ހޮސްޕިޓަލް
ހަފްތާއެއްހާ ދުވަހުގެތެރޭގައި އާއިލީ ޑޮކްޓަރުގެ ހިދްމަތަށް އެދި 3000 އަށްވުރެ ގިނަމީހުން ބ. އަތޮޅުން ރަޖިސްޓްރީކޮށްފިކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިދިޔަ ހަފްތާ އަނެއްކާވެސް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައި، އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް މުޅިއަތޮޅުގައިވެސް ޑޯޓުޑޯ ކެންޕޭނެއް ފަށައި، ސީދާ މުވައްޒަފުން ގޭގެއަށްގޮސްގެންވެސް ރަޖިސްޓްރީކުރަން ފަށާފައިވާކަމަށެވެ. ބ. އަތޮޅު ހޮސްޕިޓަލްގެ އ. މެނޭޖަރ މުހައްމަދު ރަޝީދު އީވީއަށް ވިދާޅުވީ ކުރިން ހީކުރިވަރަށްވުރެ މިމަސައްކަތް ކާމިޔާބުވަމުންދާކަމަށާ، އޭދަފުށިން އެކަނިވެސް 1200 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށެވެ.
“ވަރަށް ބޮޑު ތަރުހީބެއް ލިބޭ. ފެށިއިރު އަޅުގަނޑުމެން ހީކުރީ އާންމުން އެހާ ޝައުޤުވެރިނުވާނެކަމަށް. އެހެންނަމަވެސް އަޅުގަނޑުމެންގެ މުވައްޒަފުންގެވެސް މަސައްކަތާއެކު ވަރަށްބޮޑު ކުރިއެރުމެއް ލިބެމުން އެބަދޭ.” މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވީ އަމާޒަކީ ރާއްޖޭގެ އެހެންއަތޮޅުތަކަށްވުރެ ކުރިން ބ. އަތޮޅުގެ ވީހާވެސް ގިނަރައްޔިތުން މިޕްރޮޤްރާމްގައި ރަޖިސްޓްރީކުރުން ކަމަށާ، އަމާޒަށް ވާސިލްވާނޭކަމުގެ އުއްމީދު ވަރަށްބޮޑުކަމަށެވެ.
ވަށާޖެހޭ ސިއްހީ ހިދްމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް މިސަރުކާރުން ތައާރަފް ކޮށްފައިވާ އާއިލީ ޑޮކްޓަރުގެ ހިދްމަތަށް ރަޖިސްޓްރީކުރުމަށް މީގެ ކުރިންވެސް ބ. އަތޮޅުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލިއެވެ. ނަމަވެސް އެފަހަރު މާބޮޑު ތަރުހީބެއް ނުލިބުމުން ބ. އަތޮޅު ރަށްރަށުގެ ސިއްހީ ދާއިރާގެ މުވައްޒަފުން މިދިޔަ ހަފްތާގައިވަނީ ފޯމް ހިފައިގެން ގޭގެއަށް ޒިޔާރަތްކުރަން ފަށާފައެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ސަރުކާރުން ފޯރުކޮށްދޭ އާސަންދަ އިންޝުއަރެންސް ނިޒާމްގެ ކަންކަން އެންމެ ފަސޭހައިން ހަމަޖެއްސުމަށްޓަކައިވެސް އާއިލީ ޑޮކްޓަރު ޕްރޮޤްރާމްގައި ރަޖިސްޓްރީ ވުން ވަރަށް މުހިއްމުކަމަށެވެ.
ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް މިޕްރޮޤްރާމްގެ ދަށުން އާންމު ރައްޔިތުންނަށް ހިދްމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ އެއާއިލާއަކަށް ކަނޑައަޅާ ޑޮކްޓަރެއްގެ ގޮތުގައި މެޑިކަލް އޮފިސަރަކާ، ނަރުހުން އަދި ހެލްތް ވޯކަރުންގެ ޓީމަކުންކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.