ވޯލްޑް ބޭންކްގެ ލަފާ: އިންކަމް ޓެކްސް ނަގަން ފަށާ އަދަދު ދަށްކޮށް ޓެކްސްތައް ބޮޑުކުރުން

World-Bank-pszss5c6gmfq8ovrca3x45yj1fqam1dbnjm4ebg3o4.jpeg

ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅޭނެ މުހިންމު އިސްލާހީ ފިޔަވަޅުތަކެއްގެ ގޮތުގައި އިންކަމް ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކޮށް، އާންމު ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް މަތިކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ވޯލްޑް ބޭންކުން  ރާއްޖެއަށް ލަފާ ދީފި އެވެ.

މިގޮތަށް ލަފާ ދީފައިވަނީ، މިއަދު ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނަނީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހާއްސަކޮށް ރާއްޖޭގެ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް އިތުރުކުރުން މުހިންމު ކަމަށެވެ. އަދި ދައުލަތުގެ ދަރަންޏާއި ގެރެންޓީތައް މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ޕީއީއާރު ރިޕޯޓުން ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ދައުލަތުން ދީފައިވާ ގެރެންޓީތައް ހިމެނުމަށްޓަކައި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް މިހާރަށް ވުރެ ހަރުދަނާކޮށް މޮނިޓާ ކުރުން ހިމެނެ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އޭގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު ލޮޅުމެއް އެރުމަށް ފަހު ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ އަނބުރާ އިއާދަވުމުގެ މަގުމަތީގައި ކަމަށާއި ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެ ފުށް ފެންނަ ގޮތެއްގައި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށްވެސް އެރިޕޯޓުގައި ލަފާދީފައި ވެއެވެ.

“ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ޚަރަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް، ހާއްސަކޮށް ބޯހިޔާވަހިކަމަށް، އިންވެސްޓްކުރުމަށެވެ. އެކަމަކު މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ، ދެފުށް ފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ، ދައުލަތުގެ ހަރަދުތަކާއި ދަރަނި އިންތިހާއަށް އަވަސްމިނެއްގައި މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.” ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން މިހާރު ވެސް ވަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާވާފައި ކަމަށާ އޭގެ ތެރޭގައި ޖީއެސްޓީ ބޮޑުކުރުމާއި މުވައްޒަފުންގެ އުޖޫރައާއި ޕެންޗަން އެންމެ އިންސާފުވެރިކަމާއެކު ދިނުމާއި ދަރަނީގެ ގާނޫނެއް ހެދުމާއި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުން ހިމެނޭ ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށާއި ސްރީންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދުޒާވޮސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ވޯލްޑް ބޭންކުން މަރުހަބާ ކިޔާ ކަމަށެވެ.

ދިވެހި ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މި އިސްލާހުތައް ތަންފީޒުކުރުމަށާއި، އިތުރު އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުންދިނުމަށް  ވާލްޑް ބޭންކުން އޮތީ ތައްޔާރަށް ކަމަށް ފާރިސް ވިދާޅުވެފައި ވެއެވެ

ޕަބްލިކް އެކްސްޕެންޑިޗަ ރިވިއު އަކީ، ވާލްޑް ބޭންކުގެ މައިގަނޑު އެނަލިޓިކަލް ޕްރޮޑަކްޓެކެވެ. މީގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ހަރަދުތަކުގެ ފެންވަރު ވަޒަންކޮށް، ގައުމުތަކުން ރަނގަޅު ކުރިއެރުމާއި ތަރައްގީގެ ނަތީޖާތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މާލީ އިސްލާހުތައް ދެނެގަތުމެވެ. މިއީ 2002 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް ހާއްސަކޮށް ޕީއާރު ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top