ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އަންނަނީ މާދަމާއިން ފެށިގެންނެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޖޮބް މެޓްރިކްސްގައި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަތަކަށް ގެންނަ ބަދަލުތައް ހިމަނާފައިވެ އެވެ. އެގޮތުން ވިޔަފާރި އާއި އެޑްމިނިސްޓްރޭޓިވް ދާއިރާ އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ދާއިރާ އާއި ލީގަލް އަދި ކަލްޗާގެ ދާއިރާގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ފަންނީ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތައް އާންމުކޮށްފަައިވެ އެވެ.
އޭގެތެރޭގައި، ތައުލީމާއި ސިއްހީ ދާއިރާގެ އިތުރަށް ބިޒްނަސް އެޑްމިނިސްޓްރޭޓިވްއާއި އެހެނިހެން ސިވިލް ސާވިސް ދާއިރާތައް ހިމެނެއެވެ. އެ ދާއިރާތަކުގެ ތެރެއިން، އިދާރީ މުވައްޒަފުންނާއި ފިސްކަލް އެނަލިސްޓުންނާއި އެކައުންޓެންޓުންނާއި މީޑިއާ ކޮމިޝަނުގެ މުވައްޒަފުންނާއި އޭވިއޭޝަން ކޮމާންޑުގައި ހަރަކާތްތެރިވާ މުސާރައަށް ގެންނަ ބަދަލުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ.
މިއަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަަން ރައީސް މުއިއްޒު ހާމަކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ރައީސް މުއިއްޒު ވިދާޅުވީ މުސާރަ ބޮޑުކުރަނީ ހުރިހާ މަގާމެއްގެ މުސާރަ އެއްހަމަކުރުމުގެ ގޮތުންނެވެ.
މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުންވެސް ރައީސް ވަނީ ހުރިހާ މުވައްޒަފުންގެ މުސާރައަށް މި އަހަރު ހެޔޮ ބަދަލު އަންނާނެކަން އިއުލާނު ކުރައްވާފައެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެ ކަމަށް 500 މިލިއަން ރުފިޔާ ހިމެނިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަސް ފެށުނުއިރު މުސާރަ އާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ހަރަދު ކުރީ ޖުމްލަ 9.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 575.4 މިލިއަން ރުފިޔާއިން އިތުރު އަދަދެކެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަސް ފެށުނުއިރު މުސާރަ އާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ހަރަދު ކުރީ ޖުމްލަ 9.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 575.4 މިލިއަން ރުފިޔާއިން އިތުރު އަދަދެކެވެ.





