
އޭދަފުށީ ދާއިރާގެ މެމްބަރ ސަލީމް. ވިލާ ކޮލެޖް އޭދަފުށީ ގޮފީގައި މާސްޓާޒް ހަދާކުދިންނަށް ވަނީ 1 ލައްކަރުފިޔާ ދީފައި / ފޮޓޯ: އީވީ ފައިލް
ވިލާކޮލެޖް އޭދަފުށީ ކެމްޕަހުގައި މިއަހަރު އަލަށް މާސްޓާޒް ޑިގްރީއަށް ކިޔަވަންފެށި ހުރިހާ ދަރިވަރުންނަށް އެހީއެއްގެ ގޮތުގައި، އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް (ރެޑްވޭވް) އެއްލައްކަ ރުފިޔާ ދެއްވައިފިއެވެ.
ސަލީމް ކެންޕޭން އޮފީހުން ރޭބުނީ އެފައިސާ އިއްޔެ މެންދުރުފަހު މާސްޓާޒް ހަދާކުދިން އެދިފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަމަށާ، އަދި އެކަން އެކުދިންނަށްވެސް އަންގާފައިވާކަމަށެވެ. މާސްޓާޒް ހަދާކުދިންގެ ފަރާތުން ރޭ އީވީއާ ވާހަކަދެއްކި ހުސައިން ޝިމްހާދު ބުނީ އެފައިސާ ލިބިފައިވާކަމަށެވެ. އަދި މިއެހީގެ ސަބަބުން ކޯހުގައި ބައިވެރިވެފައިވާ ކުދިންނަށް އިތުރު ހިއްވަރެއް ލިބިއްޖެ ކަމަށާ، މިކަމަށްޓަކައި ސަލީމަށް ހުރިހާ ކުދިން ޝުކުރުވެރިވާކަމަށްވެސް ޝިމްހާދު ބުންޏެވެ.
ސަލީމް ކެންޕޭން އޮފީހުން ބުނީ މިފައިސާގެ އިތުރުންވެސް މިދާއިރާގެ އެކިރަށްރަށުގެ ޖަމްއިއްޔާތަކާ، އެކި ގްރޫޕްތަކަށްވެސް އިޖްތިމާއީ ކަންކަން ތަރައްޤީކުރުމަށް ބޮޑެތި އެހީތަކެއް ދެމުންދާކަމަށާ، އާންމުފަރުދުންނަށްވެސް ބޭސްފަރުވާކަހަލަ ބޮޑެތި ކަންކަމަށް އަބަދުވެސް ސަލީމްގެ އެހީދޫކުރެވެމުންދާކަމަށެވެ.
ސަލީމް ވިދާޅުވީ ކޮލެޖްގެ ކުރިއެރުމަށް މީގެ އިތުރުންވެސް ވެވެންއޮތް އެހީތެރިކަމެއް ދެއްވާނެކަމަށާ، އޭދަފުށީގެ ތަރައްޤީއަށް އެޅޭކޮންމެ ފިޔަވަޅެއްގައިވެސް ބައިވެރިވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއްކަމަށެވެ.
މިދިޔައަހަރު ޖެނުއަރީމަހު އޭދަފުށީގައި ގާއިމްކުރި ވިލާކޮލެޖް ކެމްޕަހުގައި މިއަހަރު މާސްޓާޒް ކޯސްތައް ފެށިއިރު މިދިޔައަހަރުވަނީ ޑިގްރީކޯސްތައްވެސް ފަށާފައެވެ.