ވޭން ރޫނީ

Wayne_Rooney_2605916b.jpg

އިނގިރޭސިވިލާތުގެ ލިވަޕޫލަށް އުފަން ވޭން ރޫނީ އަކީ ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި ފަހަކަށް އައިސް އެގައުމުގައި އުފެދުނު އެންމެމޮޅު ކުޅުންތެރިޔާއެވެ. ކުޑައިރުންސުރެ އެވަޓަންގެ ސަޕޯޓަރެއްގެ ގޮތުގައި ބޮޑުވަމުން އައި މިކުޅުންތެރިޔާ ވަނީ އުމުރުން ނުވަ އަހަރުގައި އެވަޓަންގެ ޔޫތް ޓީމުން ޖާގަހޯދާފައެވެ. އެވަޓަންގެ 10 އަހަރުންދަށުގެ ޓީމަށާއި 11 އަހަރުން ދަށަށް ކުޅުނުއިރު ރޫނީ ވަނީ 1996-1995 ސީޒަންގައި އެޓީމަށް 29 މެޗްގައި 114 ގޯލް ކާމިޔާބުކޮށްދީފައެވެ. ރޫނީގެ މި އާދަޔާޚިލާފު ހުނަރާއިއެކު އެވަޓަންގެ 19 އަހަރުންދަށުގެ ޓީމުން އޭނާއަށް ޖާގަ ލިބުނީ އުމުރުން އެންމެ 15 އަހަރުގައެވެ.

ޅައުމުރުގައި ދައްކަމުންދިޔަ ރޫނީގެ ހުނަރު މުޅި ދުނިޔެއަށް ފެންނަންފެށީ އުމުރުން 16 އަހަރުގައި އެވަޓަންގެ ސީނިޔާ ޓީމްގައި ކުޅެންފެށި ހިސާބުންނެވެ. އުމުރުން 16 އަހަރުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗެއްގައި ފަހުވަގުތު އާސެނަލް ކޮޅަށް ވައްދާލި ގޯލާއިއެކު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ރޫނީ އަކީ އޭނާގެ ކޯޗިންގ ކެރިއަރގައި ފެނުނު އިނގިރޭސިވިލާތުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާކަމަށެވެ. މި ގޯލާއިއެކު މީޑިޔާގެ ފަލަ ސުރުހީތަކަށް އޭނަ އެރިއެވެ. އަދި ބޮޑެތި ކުލަބްތަކުން ރޫނީއަށް ބޮޑު ޚަރަދު ކުރުމަށް ތައްޔާރުވިއެވެ. ރޫނީ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތްކުރީ ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އުމުރުން 18 އަހަރުގައި ރޫނީ މެންޗެސްޓަރ ޔުނައިޓެޑަށް ސޮއި ކުރީ 25.6 މިލިއަން ޕައުންޑަށެވެ. މިއީ 20 އަހަރުން ދަށުގެ ކުޅުންތެރިއަކު ކުލަބް ބަދަލުކުރި އެންމެ ބޮޑު އަގުވެސްމެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ޖޯޒީގައި ރޫނީގެ ފުރަތަމަ ފެނިލުންވެސް ތާރިޚުގެ ތެރެއިން ޖާގަ ހޯދިއެވެ. ޗެމްޕިއަންސް ލީގުގައި ފެނަބާޗޭއާއި ދެކޮޅަށް ކުޅުނު މެޗްގައި އުމުރުން 18 އަހަރުގައި އޭނާ ވަނީ ހެޓްރިކެއް ހަދާފައެވެ. މި ހެޓްރިކާއެކު އޭނާ ވެގެންގޮސްފައިވަނީ އެމުބާރާތުގައި ހެޓްރިކެއް ހެދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ދަނޑުމަތީގައި ހިތްވަރުކުރާ އަދި ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައި ސިފަކުރެވޭ ރޫނީ އަކީ އެހެނިހެން ގޮތްގޮތުންވެސް މީޑިޔާގެ ފަލަ ސުރުޚީތަކަށް އަރާފައިވާ ކުޅުންތެރިއެކެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އޭނާގެ ބޮލުން އިސްތަށި މަދުވާން ފެށުމުން 2011 ވަނަ އަހަރު ބޮލުގައި އިސްތަށި ގިނަކުރުމުގެ ގޮތުން ކުރި މަސައްކަތެވެ. ބޮލުގައި އިސްތަށި އިންދުމުން މުޅި ދުނިޔޭގެ މީޑިޔާގެ ސަމާލުކަން ރޫނީގެ ބޮލަށް އަމާޒުވިއިރު ސޯޝަލް މީޑިޔާގައި އޭނާއަށް ގިނަބަޔަކު ޖޯކުވެސް ޖެހިއެވެ.2011 ވަނަ ހެދި ހެއަރ ޓްރަސްޕްލާންޓާއި އެކު ރުނީގެ ބޮލުގައި އިސްތަށި ގިނަވެ ޒުވާންކަން އޭނާއަށް އިހުސާސް ކުރެވުނެވެ. ދެވަނަ ފަހަރަށް ރޫނީގެ ބޮލިގައި އިސްތަށި އިންދީ 2013 ވަނަ އަހަރުގެ ޖޫންމަހުއެވެ.

ސްކޫލްދައުރުގެ ލޯބިވެރިޔާ، ކޮލީން ރޫނީއާއި އެކު ރޫނީ ޒަވާޖީ ހަޔާތެއްފެށީ 2008 ވަނަ އަހަރުއެވެ. 6 އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ކުރި ކައިވެންޏަށް މިހާރު ވަނީ ދެކުދިން ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top