ރާއްޖޭގައި ޑޮލަރުގެ އަގު ދައްވާން ފަށައިފި

dollar.jpg

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު މަޑުމަޑުން ތިރިވެ، ރުފިޔާގެ އަގު މައްޗަށް ޖެހެން ފަށައިފިކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.

ރާއްޖޭގެ ހަބަރު ފަތުރާ ބޮޑެތި ނޫސްތަކުން ބުނާގޮތުން ޑޮލަރުގެ އަގު ދަށަށްދާން ފަށާފައިވަނީ އެސްޓީއޯ އަށް ބޭނުންވާ ޑޮލަރު އާންމު ބާޒާރުން ގަތުން ހުއްޓާލުމާއެކުގައެވެ.

ޑޮލަރު ވިއްކޭނެ އަގު 15.42ރ. ބޭންޑަކަށް ފައްތާފައި އޮތް ނަމަވެސް އާންމު ގޮތެއްގައި ޑޮލަރު ވިއްކަމުން ދަނީ 17ރ.އިން މަތީގަ އެވެ. އެކަމަކު ޑޮލަރެއް 15.42ރ. އަށް ވުރެ ބޮޑުކޮށް ވިއްކުމަކީ ގާނޫނީ ކުށެކެވެ.

ރާއްޖެ އަށް ގިނަ އަދަދަކަށް މުދާ އެކްސްޕޯޓް ކުރާ ބައެއް ފަރާތްތަކުން ހަވީރު އޮންލައިނުގައި ބުނެފައިވަނީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަޅު ބާޒާރުން 16ރ. ގެ މަގުން ޑޮލަރު ގަންނަން ލިބޭ ކަމަށެވެ. އަދި އެހާ ވަރަށް ޑޮލަރުގެ އަގުހެޔޮ ވެފައިވާތީ އެއަށް ވުރެ ބޮޑު އަގުގައި މިހާރު ޑޮލަރު ގަންނަމުން ނުދާ ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ. ހާއްސަކޮށް ކުދި އަދަދުތަކުން ޑޮލަރު ވިއްކާ ފަރާތްތައް ބޮޑެތި އަގުތަކުގައި މިހާރު ޑޮލަރު ނުވިއްކާ ކަމަށް ވެސް އެމީހުން ބުނެ އެވެ.

“އަގު ތިރިވީމަ ޑޮލަރު ބޮޑުކޮށް ވިއްކަން އުޅުނަސް ނުވިއްކިފައި އޮންނަނީ. އެއީ އެންމެ ބޮޑަށް ޑޮލަރު ބޭނުންވާ މީހުން މިހާރު އާންމު މާކެޓަކުން ނުގަނޭ. ހާއްސަކޮށް އެސްޓީއޯ އިން މިހާރު އެއްކޮށް މި އޮތީ ހުއްޓާލާފައި އާންމު ބާޒާރުން ޑޮލަރު ގަތުން. އެއާ އެކު ދެން މި އުޅޭ އިމްޕޯޓަރުންނަކަށް އެއްކަލަ ބޮޑު އަގެއްގައި ޑޮލަރެއް ނުވިއްކޭ،” ރާއްޖެ އަށް ގިނަ އަދަދަކަށް މުދާ އެތެރެކޮށް ހޯލްސޭލް ކުރާ ފަރާތަކުން ބުންޏެވެ.

ސަން އޮންލައިނަށް ވިޔަފާރިވެރިއަކު ބުނެފައިވަނީ ޑޮލަރު ވިއްކޭނެ އަގު 15.42ރ. އަށް ކަނޑައަޅާފައިއޮތް ނަމަވެސް އާމުގޮތެއްގައި މީގެ ކުރިން ޑޮލަރު ގަނަން ލިބެނީ 17ރ. އާއި 18ރ. ދެމެދުގަ އެވެ. ނަމަވެސް މިހާރު ޑޮލަރު ލިބުން ވަނީ ފަސޭހަ ވެފަ އެވެ. ފަސޭހަ ކަމާ އެކު 16ރ. އަށް މިހާރު ޑޮލަރު ލިބޭ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

މީގެ ކުރިން އެސްޓީއޯ އިން އާންމު ފަރާތްތަކުގެ އަތުން ވެސް ޑޮލަރު ގަންނަމުން އަ އެވެ. ނަމަވެސް އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އާންމު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އަދި އެސްޓީއޯ އަށް ބޭނުންވާ ޑޮލަރު ފިނޭންސުން އެ ކުންފުންޏަށް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވަގުތު ޑޮލަރު ލިބޭ އަގު 16ރ. އާ ހަމައަށް ތިރިވި ނަމަވެސް ކުރިއަށް އޮތީ ހައްޖު މޫސުން ކަމަށް ވުމާއި ރޯދަމަހަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި އިމްޕޯޓްކުރަން ޖެހޭނެތީ ޑޮލަރު ބޭނުންވާ އަދަދު މިހާރަށް ވުރެ އިތުރުވާނެ އެވެ. އެއާ އެކު ޑޮލަރުގެ އަގު މައްޗަށް ދިޔުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top