19ވަނަ މަޖިލިސް އިންތިޚާބު ނިމިއްޖެއެވެ. އެއްބަޔަކު ހެއްވާލާފައި އަނެއް ބަޔަކު ރޮއްވާލާފައެވެ. ސިޔާސީ ބޮޑު އީދެއް އައިސް ނިމިދިޔަތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވީއެވެ. ރާއްޖޭގައި މިއަށްވުރެ ވަކިން ބޮޑު ފޯރިއެއް ނެގި “ކުޅިވަރެއް” މިހާތަނަށް އަދި ދެކިފައެއް ނުވާނެއެވެ. އެކަމުގެ އުފަލުގައި އެއް ބަޔަކު އަދިވެސް އުފާކުރަމުން ދާއިރު ހިތާމައިގާ ތިބި މީހުން ތިބީ އަދިވެސް ނާކާމިޔާބާމެދު ވިސްނުމުގައެވެ.
އޭދަފުށީ ދާއިރާވެސް އޮތީ އެގޮތުގައެވެ. އެކަމަކު ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރެއްވި ބުރަ މަސައްކަތާ ނަތީޖާއިން ބުނެދިން ވާހަކަތައް އަލުން މި ދޮރޯށީގައި މުރާޖައާ ކުރަން ބޭނުންވާ ބަޔަކު އެބަތިއްބެވެ. އެވާހަކަތައް ނުހުއްޓިގެން މިއުޅެނީ އެހެންވީމައެވެ.
މި އިންތިޚާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކަންތައްތަކެއް އޮޅުން ފިލުވަން ބޭނުންވެފައިވާ ކެންޑިޑޭޓަކަށް ލޭބަރ ޕާޓީން ނުކުންނެވި ކެންޑިޑޭޓް ޔޫސުފް މޫސާ (ޔޫއްބެ) ވާނެއެވެ. އެހެންވެ “ސިޔާސީ ކަންމަތި”ގެ ފުރަތަމަ ސެގްމަންޓް މި ޚާއްސަ ކޮށްލީ ޔޫއްބެއަށެވެ. އަންނަ ހަފްތާގައި ސިޔާސީ ކަންމަތިން ބައްދަލު ކުރާނީ މި އިންތިޚާބު ކާމިޔާބު ކުރެއްވި އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމުއެވެ.
ދިރިއުޅުމުގެ ބޮޑުބައި ރިސޯޓު ދާއިރާގައި ހޭދަކުރައްވާފައިވާތީ ޔޫއްބެ ވާނީ މި ދިރިއުޅުން ހިތުދަސްކޮށްފައެވެ. މިހާރުވެސް ހުންނެވީ އެދާއިރާގެ ހިންގުންތެރި އިސް މަގާމެއްގައެވެ. ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ކަށަވަރު ނުވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެކަން ޔޫއްބެއަށް މާރަނގަޅަށްވެސް އެނގޭނެއެވެ.
ލޭބަރ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލުމުގެ ބޭނުމަކީ މަސައްކަތްތެރިންނަށް ލިބެންޖެހޭ ހައްގު ތައް ހޯދައިދިނުމަށް ވަކާލާތު ކުރުމާއެކު އެކަން ކަށަވަރު ކުރުމަށް ކަމަށް ޔޫއްބެ ބުނެފައި ވެއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރި ތަނެއް ނުފެނުނެވެ. ފަހުވަގުތު ފެނިގެން ދިޔައީ ހަތިޔާރު ބަހައްޓާފައި އަމާން ދެއްވި ތަނެވެ. މިވީ ކިހިނެއްތޯއެވެ.
މިއޮތީ ޔޫއްބެއާއި އީވީއާދެމެދު މިގޮތުން ދެކެވުނު ބައެއް ވާހަކަތަކެވެ.
ޓޫރިޒަމްދާއިރާގައި ރަނގަޅު އާމްދަނީއަކާވެސް އެކު ދިރިއުޅުން ވަރަށް ރީތިކޮށް ގިނަ އަހަރުތަކެއް ވޭތު ކުރަމުން ދާއިރު ވަޒީފާ ދޫކޮށްލާފައި ސިޔާސީ ދާއިރާ އަށް މިސްރާބު ޖެހީ ކީއްވެތޯ؟
ޔޫއްބެ: މަޖިލީހަށް ކުރިމަތިލީ ސިޔާސީ ދާއިރާ އަށް ވަނުމުގެ ބޭނުމެއްގައެއް ނޫން. މި ދާއިރާއަށް ބަދަލު ތަކެއް އަންނަން ބޭނުންވާކަމަށް އެތައް ބަޔަކުބުނާތީ އާއެކު އެކަން އަހަންނަށް ވެސް ގަބޫލު ކުރެވޭތީ އެތައް ބައެއްގެ އެދުމާއެކު. ކުރުކޮށް ބުނާނަމަ ބަދަލަކަށް ބޭނުން ވެގެން.
ފުރަތަމަ އަޑު އިވުނީ ޔޫއްބެއަކީ ޕިޕީއެމް މެންބަރެއް ވީމާ ޕީޕީއެމް އިންކަމަށް ނުކުންނާނީ. ކިހިނެއްވެގެންތޯ އެޚިޔާލު ބަދަލުވީ ؟
ޔޫއްބެ: ޕީޕީއެމް އިން ނުކުންނަން އުޅުނީ. އެކަން ބޭނުންވެގެން ޕީޕީއެމްގެ އިސް ބޭފުޅުންނާ އަމިއްލަގޮތުން ބައްދަލުކޮށް މަޝްވަރާކޮށްލަން އެދުނިން. ނަމަވެސް އެބޭފުޅުންގެ ރިޕްލައިއެއް ނައި. ދެން ރަށުގެ ބައެއް ރައްޔިތުންނާ ވާހަކަ ދެއްކިން މުންޑު ކޯލިޝަންގެ މީހުންނާވެސް ވާހަކަ ދެއްކުމުން އެއެންމެންވެސް ލަފާދިން ކުރިމަތިލުމަށް. އެކަމަކު ވަރަށް ވާދަވެރިކަން ބޮޑުވާނެކަން ވިސްނިގެން ފަހުން ޚިޔާލު ބަދަލުވީ މި ދާއިރާއިން ނުކުންނާނެ އެހެން މީހެއްގެ ފަހަތުގައި ހުންނަން. އެކަމަކު ރައްޔިތުން އާނ ބަސް ބުނާވަރުގެ މީހަކު ނުނިކުތުމުން އަމިއްލަ ގޮތުން ނުނުކުންނަންވެގެން ޕީޕީއެމް ދޫކޮށް ލޭބަރ ޕާޓީން ނުކުތީ.

ޔޫއްބެ މިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައި މާޅޮހުގައި ކެންޕޭންކުރަނީ. އޭނާ ބުނީ ނުހޮވުނީ ފައިސާގެ ނުފޫޒު ވަދެގެންކަމަށް / ފޮޓޯ: ޔޫއްބެ ފޭސްބުކްޕޭޖް
ޔޫއްބެ ގަބޫލުކުރާ ގޮތުގައި މި އިމްތިހާނުގައި އެހާބޮޑު ނާކާމިޔާބީއަކާ ކުރިމަތިކާން ޖެހުނީ ކީއްވެގެންތޯ؟
ޔޫއްބެ: އޭދަފުށީގެ ގިނަ މީހުންނަކީ ރައީސް ޔާމީން އަށް ނުވަތަ ޕީޕީއެމް އަށް ތާއީދު ކުރާ މީހުން. އެހެންވީމާ ކޮންމެ ގޮތެއްވިޔަސް ޕީޕީއެމްގެ މީހަކު އެހެން ޕާޓީއަކުން އަންނަ މީހަކަށް ތާއީދެއް ނުކުރާނެ. އަނެއް ސަބަބަކީ ފައިސާގެ ނުފޫޒު. ބައެއް މިހުން ހަމަ ފާޅުގައި އެބަބުނޭ އަތަށް އަރާ އެއްޗަކަށޭ ވޯޓުދޭނީ. ވޯޓަކީ މިހާރު ވިއްކާ އެއްޗެކޭ. އެއީ ހޮވޭ މީހާ ހޮވުނީމަ ނިމުނީއޭ. ތިމަންނަމެންނަކަށް ނެތޭ މެންބަރެއްގެ ފަރާތުން ފެނުނު އެއްވެސް ކަމެއް. ހޮވުނީމާ ގެއްލުނީއޭ. އެމީހުން ފެންނާނީ ފަސް އަހަރުން އެއް ފަހަރުއޭ. އެމީހުންގެ ފަރާތަކުން ވާނެ އިތުރު ފައިދާއެއް ނޯންނާނެއޭ. އަހަރެން ބޭނުންނުވީ މަޖިލީހުގެ ގޮނޑިއާ އަހަންނާ ދޭތެރޭގެ މެދުވެރިއަކަށް ފައިސާގެ ނުފޫޒު ވައްދައިގެން މުޖްތަމައު ހަލާކުކޮށްލާފައި މީގެ ތެރެއަށް ވަންނަން.
ދެން އަންނަ ދައުރެއްގައި މަޖިލީހަށް ނުވަތަ ކައުންސިލަށް ކުރިމަތި ލާފާނަންތޯ؟
ޔޫއްބެ: ބައެއް ފަރާތްތަކުން އެބަބުނޭ އަތޮޅު ކައުންސިލަށް ކުރިމަތިލާން. އެކަމަކު އަދި ވިސްނުމެއްނެތް. އެއީ ކޮންމެ އެއްޗެއްވެސް ގުޅިފައި މި ހުންނަނީ ފައިސާ އާ. ފައިސާގައި ނުހިފާ ގައުމީ މަސްލަހަތަށް ލޯބިކުރާ ބަޔަކު ތިބިނަމަ ކުރިމަތިލާގޮތަށް މިހިރީ. ވަރަށް ކުރިން ފެށިގެން ދާއިރާގެ ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ބޭނުންވެފައި މި ހުންނަނީވެސް.