އެކަށީގެންވާ ހުށައެޅުމެއްލިބިއްޖެނަމަ ބަހިއްޔާ ދޫކޮށްލެވިދާނެ – ކައުންސިލްގެ ރައީސް

bahiyya-1.jpg

އޭދަފުށީގައި ހުރި ރައްޔިތުންގެ ޕްރީސްކޫލްކަމުގައިވާ ބަހިއްޔާ ޕްރީ ސްކޫލް ހިންގުމަށް އެކަށީގެންވާ ރަނގަޅު ހުށައެޅުމެއް ލިބިއްޖެނަމަ އެފަރާތަކަށް ހިންގުން ދޫކޮށްލަށް ތައްޔާރަށް ހުންނެވިކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބަހިއްޔާ ޕްރީ ސްކޫލްގެ ފިރިހެން ބެލެނިވެރިންނަށް ހާއްސަކޮށްބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަ ފުޅެއްގެ ތެރެއިންނެވެ. ބެލެނިވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އަލީވަހީދު ވިދާޅުވީ ބަހިއްޔާ ޕްރީ ސްކޫލް ހިންގުމަށް މިހާތަނަށް ހުށައެޅުމެއް ލިބިފައި ނެތްނަމަވެސް ވިލާއިން ބެލި ބެލުމުން އެކަން ކުރެވޭވަރަށްވުރެ ހަރަދު ބޮޑުވާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ބަލައިގަނެވޭވަރު އަދަދެއްގެ ފީއަކާއެކު ހުށައެޅުމެއް ލިބިއްޖެނަމަ ބަލައިގަންނަށް ތައްޔާރަށް ހުންނެވިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

“ވިލާއިން ބެލިބެލުމުން ކޮންމެ ކުއްޖެއްގެ ފީއަށް ފައްސަތޭކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް މަހަކު ދައްކަންޖެހޭ. އެއީ ރައްޔިތުންނަށް ބަލައިގަނެވޭވަރުގެ އަދަދެއްނޫން. އެހެންވީމާއެކަމަކާ ނޫޅޭ. މިހާރުވެސް އެކަށީގެންވާ ހުށައެޅުމެއް ލިބިއްޖެއްޔާ ކައުންސިލާ މަޝްވަރާކޮށްގެން އެކަންކުރަން އަޅުގަނޑު މިހިރީ ތައްޔާރަށް. އެކަންކުރާނީ ކައުންސިލުން އެއްބަސްވެއްޖެއްޔާ. ހަމަގައިމުވެސް އަޅުގަނޑު އެކަން ކުރަން ބޭނުން” އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ބަހިއްޔާ ހިންގައިގެން ރައްޔިތުންގެ މާލިއްޔަތަށް ފައިދާއެއް ނުލިބޭކަމަށާ، ގިނަފަހަރަށް ވެފައިވަނީ ގެއްލުން ކަމަށެވެ. އޭނާ ވިދާޅުވީ މިފެންވަރުގައިވެސް ބަހިއްޔާ ޕްރީ ސްކޫލް ހިންގަމުންގެންދަނީ އެޑިއުކޭޝަން މިނިސްޓްރީގެ ފަންނީ އެހީތެރިކަމާއެކުކަމަށެވެ.

އޭދަފުށީގެ މިޒަމާނުގެ ތަރައްޤީގެ ބާނީކަމުގައިވާ ޔޫސުފްކަލޭފާނުގެ މޭސްތިރިކަމުގެ ދަށުން އޭދަފުށީގައި މީގެ ހަތްދިހަވަރަކަށް އަހަރުކުރިން އުފެދުނު މަދްރަސަތުލް ބަހިއްޔާ، ޕްރީ ސްކޫލަކަށް ބަދަލުކުރީ މީގެ 15 ވަރަކަށް އަހަރުކުރިންނެވެ. ފޭލި ޖަމްއިއްޔާއިން މީގެ ފަސްއަހަރުކުރިން އިމާރާތްކުރި ޒަމާނީ އިމާރާތަކާއެކު ޕްލޭ ބޭސްޑް މެތަޑަށް މިހާރު ހިންގަމުންއަންނަ ބަހިއްޔާ ޕްރީ ސްކޫލްގައި މިއަހަރު 180 އަށްވުރެ ގިނަ ކުދިން ކިޔަވަމުންގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top