ގައުމީ އަމިއްލަ އިމްތިހާނެއް ފަރުމާކުރަނީ

big_5cdJqqPIGXZobLAIromXZXC01.jpg

ދިވެހި ދަރިވަރުންނަށް ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އޯ ލެވެލް އާއި އޭ ލެވެލް ފަދަ ބޭރުގެ އިމްތިހާނު ތަކަށް ބަރޯސާވުމުގެ ބަދަލުގައި މިހާރުގެ އެންމެ ބޮޑު އެއް ވިސްނުމަކީ ގްރޭޑް 10 ނިންމާ ކުދިންނަށާއި ގްރޭޑް 12 ނިންމާ ދަރިވަރުންނަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ތައާރަފުކުރުން ކަމަށެވެ. ރާއްޖޭގައި ކިޔަވައިދެނީ ނެޝަނަލް ކަރިކިއުލަމަށް ކަމަށްވާތީ އެގްޒާމް ބޮޑީއަކުން ހެދޭ ޕޭޕަރުތައް ދަރިވަރުންނަށް މާ ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“އޭރުން ދިވެހިރާއްޖެއާ ގުޅޭ، ކޮންޓެކްސްޓްއަލީ ރިލަވަންޓް ޕޭޕަރުތަކެއް އަޅުގަނޑުމެންނަށް ފަރުމާ ކުރެވޭނެ. އެ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ފަށާފައި ވާނީ. އެކަމަކު އަދި އެއީ ކުރެވެމުންދާ މަސައްކަތެއް،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަމިއްލަ އޯލެވެލް އިމްތިހާނެއް ހަދަން ފެށިއްޖެ ނަމަ ދިވެހިރާއްޖެއާ ގުޅޭ، ކޮންޓެކްސްޓް ރިލަވަންޓް ޕޭޕަރުތަކެއް ފަރުމާ ކުރެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އުންމީދަކީ އެކަން އެގޮތަށް ހާސިލްވުން ކަމަށެވެ.

މިނިސްޓަރުގެ މި ވާހަކަތަކަށް އިޝާރާތް ކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ރާއްޖޭގައި ގައުމީ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަަމަށެވެ. އެއީ ވަރަށް ގިނަ ގައުމުތަކުގައި މިހާރުވެސް ކުރަމުންދާ ކަމެއް ކަމަށާއި އެކަމަކީ ގައުމީ މަންހަޖާއި ގައުމީ އުސޫލުތަކާއި އަމިއްލަވަންތަކަން ކުރިއެރުވުމަށް ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި އޯ ލެވެލް ހަދަނީ ކެމްބްރިޖު އިމްތިހާނެވެ. އޭ ލެވެލްގައި ހަދަނީ އެޑެކްސެލެވެ. އެކަމަކު މިނިސްޓްރީން ވަނީ އަންނަ އަހަރުން ފެށިގެން އޭ ލެވެލްއަށް ވެސް ކެމްބްރިޖު އިމްތިހާނު ދޭން ނިންމައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top