އޭދަފުށީގައި ފުޓްބޯޅަ ކުޅެމުން އަންނަ އަންހެން ކުޅުންތެރިންތަކުގެ ތެރެއިން ލީޝާ ނައީމްއާއި، ފާތިމަތު ޒީނިޔާއަށް ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅެވިދާނެކަމަށް ރާއްޖޭގެ އަންހެން ގައުމީ ކެޕްޓަން ފަދުވާ ބުނެފިއެވެ.
ފަދުވާ މިހެން ބުނީ އޭދަފުށީގައި މިދިޔަ އަޟްހާ އީދުގައި ކުރިޔަށްދިޔަ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ކުޅުން ބެލުމަށްފަހު އީވީއަށް ދިން އިންޓަވިއުއެއްގައެވެ. ލީޝާ ނައީމް އަކީ މިއަހަރު އަދި މިދިޔަ އަހަރުވެސް ބޮޑު އީދު މުބާރާތުގައި ރަނަރއަޕް ޓީމް ހުސްސޮނގުންގެ ގޯލް ކީޕަރެވެ. ޒީނިޔާއަކީ މިދިޔަ އަހަރާ މިއަހަރުވެސް މުބާރާތުގައި ވާދަކުރި ފްރެންޑްސް ޓީމްގެ ނުރައްކާތެރި ފޯވާޑެވެ.
ފަދުވާ ބުނީ އޭދަފުށީގައި އަންހެން ފުޓްބޯޅަ މިހާ ކުރިއަރާފައިވާ ކުރިން ނޭނގޭކަމަށާ، މިއަހަރުގެ މުބާރާތަށް އޭދަފުއްޓަށް އައުމުން ވަރަށް އުފާވާ މަންޒަރުތައް ފެނިގެން ދިޔަ ކަމަށެވެ. އޭނާ ބުނީ މެޗްތަކުގައި ކުޅުންތެރިން ދައްކާ ޕާފޯމެންސް ބެލިކަމަށާ، ފުރުސަތު ލިބިއްޖެނަމަ ޒީނިޔާއާއި، ލީޝާއަށް ގައުމީ ޓީމުން ޖާގަދޭން މަސައްކަތް ކުރާނެކަމަށެވެ.
“އަންހެން ފުޓްބޯޅައަށް މަރުދޭ ރަށެއް އޭދަފުއްޓަކީ ހަމަ، ވަރަށް ފޯރިގަދަކޮށް މުބާރާތް ދިޔައީ. ފްރެންޑްސް ޓީމްގެ ޒީނިޔާއަކީ ވަރަށް ނުރައްކާތެރި ފޯވާޑެއް. ދެން ލީޝާއަކީ ވަރަށް ޔަންގް ހުޝިޔާރު ކީޕަރެއް. މުސަތަގްބަލް އެބައޮތް. އަޅުގަނޑަށް ޗާންސެއް ލިބިއްޖެއްޔާ އޭދަފުށިން ފުރަތަމަ ފުރުސަތުދޭނީ މިދެކުޅުންތެރިންނަށް” ފުޓްބޯޅައިގައި ރާއްޖެތަމްސީލް ކުރުމަށް ބައިނަލް އަޤްވާމީ ގިނަ މެޗްތަކެއް ކުޅެފައިވާ ފަދުވާ ބުންޏެވެ.
ފަދުވާ ބުނީ އޭދަފުށީގައި އަންހެން ފުޓްބޯޅަ ކުރިއެރުވޭނެކަމަށާ، އެކަމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި އަންނަ އަހަރުގެ އަޟްހާއީދުގައި އޭދަފުއްޓަށް ދިއުމަށް އުއްމީދުކުރާކަމަށްވެސް ފަދުވާ ބުންޏެވެ. މިއަހަރުގެ ބޮޑުއީދުގައި އޭދަފުށީގައި އޮތް އަންހެން ފުޓްސަލް މުބާރާތުގައި ފަދުވާއާއެކު ރާއްޖޭގެ ގައުމީ ޓީމްގެ 3 ކުޅުންތެރިއަކު ކުޅުނެވެ.