ސެންޓޭ ދެއްކި ނަމުނާއިން ތައުރީފުތައް އޮހެނީ

big_8GXcSTUkKkVUrDKfghiwdP4Xd.jpg

ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު ސެންޓޭ އާއި ހަމްޕު- ފޮޓޯ :އެފް އޭ އެމް

ދިވެހި ޕްރިމިއާ ލީގްގައި އިއްޔެ ބ. ފެހެންދޫއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި، އޭދަފުއްޓަށް އުފަން އަަލިފާސިރު ދައްކައިދިނީ ދިވެހި ފުޓްބޯޅަ ކުޅުންތެރިން ބަލައިގަންނަން ޖެހޭ ރީތި ނަމޫނާއެއްކަމަށް އޭނާ ކުޅެމުން އަންނަ ނިއުރޭޑިއަންޓް ގެ ކޯޗް ބުނެފިއެވެ.

ކޯޗުގެ ތައުރީފް އޭނާ އަށް އޮއްސާލީ އިއްޔެގެ މެޗުގައި އޭނާއަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތު ދޫކޮށްއެހެން ކުޅުންތެރިއަކަށް އެ ފުރުސަތު ދިނުމުން ނެވެ. އެ ފުރުސަތު އޭނާ ދިނީ އެޓީމަށް ކުޅެމުން އަންނަ އޭދަފުށީގެ ޒުވާން ފޯވާޑް އަޚް ހަމްޒާ މުހައްމަދު ‘ހަމްޕު’ އަށެވެ.

މި މިސާލު ވަނީ އިންޓަނޭޝަނަލް ފުޓްބޯޅައިގާ މަޝްހޫރު ކުޅުންތެރިންގެ ތެރެއިންވެސްދައްކާފައެވެ.

އިއްޔެގެ މެޗުގައި ނިއުގެ ޑިފެންޑަރު ‘ހޮކޭ’ މުހައްމަދު ރަޝީދަށް، ފެހެންދޫގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިން ފައުލު ކުރުމުން ދިން ޕެނަލްޓީގައި، ބޯޅަ ނަގައިގެން ގޮސް ސެންޓޭ ދިނީ އޭނާ އާ އެއްރަށަކަށް ނިސްބަތްވާ ހަމްޕު އަށެވެ.

މި ފައުލާ ގުޅިގެން މެޗުގެ 63 ވަނަ މިނެޓްގައި، ނިއު އަށް ޕެނަލްޓީ ލިބުނު އިރު، ހެޓްރިކު ފުރިހަމަ ކުރަން ސެންޓޭއަށް ބޭނުންވެފައި އޮތީ އެންމެ ލަނޑެކެވެ. ނިއު ރޭޑިއަންޓްގައި އަދި ގައުމީ ޓީމުގައިވެސް، ޕެނަލްޓީ ޖެހުމުގައި އިސްކަން ދެނީ ސެންޓޭއަށެވެ. ކުރީގެ ކެޕްޓަން އަލީ އަޝްފާގް ‘ދަގަނޑޭ’ ނިއު ގައި ހުރިއިރުވެސް ޕެނަލްޓީ ޖެހުމުގައި ސެންޓޭއަށް އިސްކަންދެ އެވެ. އެއީ އެހެން ކުޅުންތެރިންނަށްވުރެ ޕެނަލްޓީ ނިންމާލުމުގައި އޭނާއަށް އިތުބާރު އޮންނާތީ އެވެ.

ސެންޓޭ ދެއްކި ނަމޫނާ އަށް ނިއު ރޭޑިއަންޓްގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް ‘ސޮބާ’ ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

“ސެންޓޭ އެ ދައްކައިދިނީ އޭނާއަކީވެސް ވަރުގަދަ ލީޑަރެއްކަން،” ސޮބާ ފާހަގަ ކުރި އެވެ. “ލީޑަރެއްގެ ހުންނަން ޖެހޭ ވަރަށް މުހިންމު ކޮލިޓީއެއް ތި ފެނުނީ، އެހެން ކުޅުންތެރިންނަށްވެސް ނަމޫނާއެއް އެ ދައްކައިދިނީ.”

އެންމެ ފަހުން ޕެނަލްޓީން ހަމްޕު ލަނޑު ކާމިޔާބު ކުރި ފަހުން ސެންޓޭ ވަނީ ނިއުގެ ހަތް ވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކުވެސް ފުރިހަމަ ކޮށްފަ އެވެ. އަނެއްކާ އޭގެ ފަހުން ލިބުނު އެހެއް ޕެނަލްޓީއެއް ޖަހަން އޭނާ ފުރުސަތު ދިނީ މުހައްމަދު އުމޭރު އަށެވެ.

“އެޓޭކިންގެ ހުރިހާ ކުޅުންތެރިންނަށް ލަނޑު ޖަހާކަށް ފުރުސަތެއް ނުލިބޭ، އެބަޖެހޭ އެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށްޓަކައި އެ ފުރުސަތު ހޯދައި ދޭން،” ސެންޓޭ ބުންޏެވެ. “މިއަދު [އިއްޔަ] އެޓޭކިންގެ ހުރިހާ ކުޅުންތެރިންވެސް ލަނޑު ޖަހައިފި، އެއީ ހަމަގައިމުވެސް ޓީމަށް ލިބޭ ބޮޑު އިތުބާރެއް. ”  “އަވަސް ” އާ ވާހަކަ ދައްކަމުން ސެންޓޭ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top