ތުޅާދޫ ކައުންސިލުން 8 ދުވަސްތެރޭގައި ރައީސް ޔާމީނަށް 8 ސިޓީ

medium_76696.jpg

ބ. ތުޅާދޫ

ބ. ތުޅާދޫ ކައުންސިލުން ރާއްޖޭގެ ރައީސުލްޖުމްހޫރިޔާގެ އެޕޮއިންޓްމެންޓަކަށް އެދި 8 ދުވަހުގެ ތެރޭގައި 8 ސިޓީ ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ތުޅާދޫ ކައުންސިލުން ބުނީ މިގޮތަށް ސިޓީ ފޮނުވީ ތުޅާދޫން ގޯތި ދޫކުރުން ލަސްވަމުންދާ މައްސަލައިގައި ހައުސިން މިނިސްޓްރީން އެއްބާރުލުން ނުލިބި ލިގުލައިގެން ދިއުމާއި ގުޅިގެން، ރައީސުލް ޖުމްހޫރިއްޔާއާ މަޝްވަރާކޮށް ހައްލެއް ހޯދުމަށް ބޭނުންވާތީ ކަމަށެވެ. އަދި މިއީ ކައުންސިލުން ފާސްކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެއްކަމަށްވެސް ތުޅާދޫ ކައުންސިލުން ބުނެއެވެ. 2017 މެއި 15 ވަނަ ދުވަހު ބޭއްވި ތުޅާދޫ ކައުންސިލްގެ ދެވަނަ ދަޢުރުގެ 118 ވަނަ ޢާންމު ޖަލްސާގައި ނިންމާފައިވަނީ ރައީސް އޮފީހުން ރައީސުލްޖުމްހޫރިއްޔާއަށް އެޕޮއިންޓްމަންޓެއް ހަމަޖެހެންދެން ކޮންމެ ދުވަހަކު ސިޓީ ފޮނުވާގޮތަށެވެ. 

ތުޅާދޫ ކައުންސިލްގެ ނާއިބްރައީސް އަހްމަދު ރަޝީދު އީވީއަށް ވިދާޅުވީ މިމަހު 19 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާ ހަމައަށް މެދުނުކެނޑި 8 ސިޓީ ރައީސް އޮފީހަށް ފޮނުވުނު ކަމަށާ، އިއްޔެ ސިޓީގެ ޖަވާބު ލިބުމުން ސިޓީ ފޮނުވުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޖަވާބުން ހައުސިން މިނިސްޓްރާއި މިހާރު ބައްދަލުކުރެވޭނެކަން އެނގިވަޑައިގެންފައިވާކަމަށާ، އެކަމާއިގެން ކައުންސިލް ކުރިޔަށްދާން ނިންމާފައިވާކަމަށެވެ.

“8 ސިޓީ ފޮނުވިފަހުން އިއްޔެ ޖަވާބު ދެއްވައިފި ހައުސިންގް މިނިސްޓަރާ ބައްދަލުކޮށްގެން ކުރިޔަށް ގެންދިއުމަށް. އެކަން ހަމަޖެހޭނެކަމަށް. އެހެންވީމާ އެކަމާއިގެން މިހާރު މިއުޅެނީ”

ރަޝީދު ވިދާޅުވީ ތުޅާދޫ ހިއްކިބިމުން 142 ގޯތި ދޫކުރުމަށް މީގެ ހަތްއަހަރު ކުރިން ހައުސިން މިނިސްޓްރީން ހުއްދަ ދެއްވާފައިވާކަމަށާ، އެކަމަށްޓަކައި އިޢްލާންކޮށް އާންމުންގެ ފަރާތުން ލިބުނު ފޯމްތައްވެސް އިވެލުއޭޓް ކުރިފަހުން ހައުސިންގް މިނިސްޓްރީގެ އަމަލުތަކާ ހުރެ ގޯތި ދޫކުނުކުރެވި ލަސްވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ގޯތި ދިނުމަށް ކަނޑައެޅި ސަރަހައްދުގައި ހައުސިންގް މިނިސްޓްރީން ހައުސިންގް ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާތީ، ވާނުވާ ނޭނގޭކަމަށެވެ.

“ހުއްދަދެއްވި ސަރަހައްދުން މިހާރު ދެވެން އޮތީ 50 ގޯތި. ބާކީ އޮތްބައިގައި ހައުސިންގް މިނިސްޓްރީން ގެ އެޅުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ދަނީ. ދެން ހަދާނެ ގޮތެއް ހައުސިންގް އިން ނާންގާތީ މިމައްސަލަ ބޮޑުވެގެން މިއުޅެނީ. ގޯތިބޭނުންވާ 600 މީހުން އެބަތިބި.”

3000 އާ ގާތްކުރާ އާބާދީއެއް އޮންނަ ތުޅާދޫގެ ބިން ފުރިފައިވާތީ، 2010 ވަނަ އަހަރު ސަރުކާރުން އެރަށުގެ ފަޅުން 17 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ނަމަވެސް މިހާތަނަށް އައިއިރު އެބިމުން ރައްޔިތުންނަށް ގޯތި ދޫކޮށްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top