ވަކިވުމުގެ ކުރިން : އާދިލުއާއެކު

DSCN5334.jpg

ބ. ގޮއިދޫ ވައިމަތީގެ މުހައްމަދު އާދިލު އަކީ ބ.އަތޮޅު ރައްޔިތުންނަށް މިހާރު އާނަމަކަށް ނުވާނެއެވެ. އޭނާވަނީ ބ.އަތޮޅު ކައުންސިލްގެ ހަޔާތުން ވޭތުކުރި ދެދައުރުގައިވެސް ރައީސް ކަމާއި މެންބަރުކަމުގެ މަގާމް އަދާކުރެއްވުމުގައި ގެންގުޅުއްވި ވަކިއަތަކަށް ނުޖެހޭ ސިޔާސަތާއި މުސާވާތުގެ ރީތިކަމުން އަތޮޅުގައި ނަންހިނގާ މަގްބޫލު ޝަޚްސިއްޔަތަކަށްވެފައެވެ. އޭނާއާއެކު މަސައްކަތް ކުރި މީހުންނާއި މިމަސައްކަތަށް އޭނާ ނުކުންނެވި ހިސާބުން ވަކި ފިކުރެއްގެ މީހަކަށް ވީތީ ފުސްމޫނު ދައްކައިގެން ތިބި މީހުން މިއަދު އޭނާ ދެކެނީ ގަދަރުވެރި އަދި ރައްޔިތެއް ގޮވައިގެން އުޅެވިދާނެ ގާބިލް ބޭފުޅެއްގެ ގޮތުގައެވެ. އެލޯބި ހޯއްދެވީ ކައުންސިލްގެ ތެރެއިންނެވެ. ކައުންސިލް ހިންގެވި އެންމެ އިސް މީހެއްގެ ގޮތުންނެވެ.

އެހެންނަމަވެސް ތިންވަނަ ދައުރު ނުވަތަ މި އާ ދައުރު އޭނާ އަތޮޅު ކައުންސިލަކަށް ކުރިމަތި ނުލައްވައެވެ. އޭނާ ކުރިމަތި ނުލެއްވީ ކީއްވެގެންހެއްޔެވެ؟

ފަސޭހަކަމާއެކު ގޮޑި ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްއިރު ތިންވަނަ ދައުރަކަށް ކުރިމަތި ލައްވައިގެން އޭނާ ފައްޓަވާފައިވާ ޕްރޮގްރާމްތައް ނިންމާނުލައްވާ އޮފީހުން ނުކުމެވަޑައިގަތުމުގައި ކޮންމެވެސް ސަބަބުތަކެއް ވާނެއެވެ.

އާދިލުގެ ދައުރުގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވިފައި ވާނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. ގިނަ ހުރަސް ތަކަކާއެކު މިހާހިސާބަށް ކައުންސިލް ވޭތުކުރި ގޮތްވެސް އާދިލު ކިޔައިދޭ އަޑު ރައްޔިތުން އަހާލަން މިއަދު ބޭނުންވާނެއެވެ. އީވީގެ ޓީމް ބޭނުންވީ އެކަންކަންކަން ސާފުކޮށްލުމަށެވެ .އާދިލު ކިޔައިދެއްވިއެވެ.

އެންމެ ބޭނުންވާގޮތަށް ކައުންސިލު ހިންގުނު ކަމަކަށް ގަބޫލެއް ނުކުރަން

އާދިލު ވިދާޅުވީ އެންމެ ބޭނުންވާ ގޮތަށް ކައުންސިލް ހިންގުނުކަމަށް ގަބޫލު ކުރެވެން ނެތްކަމުގައެވެ. ގާނޫނު، ބޮޑެތި ބާރުތަކެއް އަތޮޅު ކައުންސިލްތަކަށް ލިބިދީފައިވާ އިރު އެބާރުތައް ކޮންމެވެސް ހިސާބެއްގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަންކަން ކުރަން އުނދަގޫވުމާއި ރައްޔިތުންްނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް މަސައްކަތް ކޮށް ވަރުބަލި ވީއިރުވެސް މިދެންނެވި ހިފެހެއްޓުންތަކުގެ ސަބަބުން ކުރިއެރުމެއް ވެސް ނުލިބުނު ކަމުގައެވެ. އޭނާ މިމަގާމަށް ކުރިމަތިލީ ރައްޔިތުންނަށް ކަންތައް ތަކެއް ކޮށްދިނުމުގެ އުއްމީދުގައި ކަމަށް ވިޔަސް އެކަން ފުރިހަމަކޮށްދިނުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވުމީ މި ވަޒީފާއާމެދު ފޫހިވާން ޖެހުނު މައިގަނޑު ސަބަބު ކަމުގައެވެ.

“އާއިލާ އާ ދުރުގައި މިކަހަލަ ވަޒީފާއެއް އަދާކުރުމަކީ ވަރަށް އުދަގޫ ކަމެއް. ނަމަވެސް ފޮނި އުއްމީދުތަކަކާއެކު ވަޒީފާއާ ހަވާލުވީ ކަންތައްތަކެއް ކޮށްދޭ ހިތުން. އަތޮޅު ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭނަމޭ ހިތާ މިކަން ކުރީ.އެހެންނަމަވެސް ކަންތައް ހިނގާދިޔައީ އުއްމީދު ކުރި ކޮތަކަށް ނޫން. ”

“މިސާލަކަށް، ލާމަރުކަޒި ގާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިގްތިސޯސް ކަނޑައެޅިފައި އޮންނަނީ މުޅިއަތޮޅު. އަތޮޅުން ލިބެންވާ މަންފާއާއި އާމްދަނީ ، ގާނޫނު ބުނާގޮތަށް އަތޮޅު ރައްޔިތުންނަކަށް ނުލިބޭ. ކައުންސިލްތައް ފެށިގެން އައިއިރު އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ބައެއް ފަޅުރަށްރަށާ ފިނޮޅުތައްހުރި. އެތަންތަން ރަގަޅުގޮތުގަ ބަލަހައްޓަމުން އަތޮޅު މާލިއްޔަތަށް ފައިސާ ހޯދިން . އެއީ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ދިނުމުގެ ގޮތުން .އެކަމަކު ފަހުން ވީގޮތަކީ އަތޮޅު ކައުންސިލަށްވެސް ނޭނގި ފިޝަރީޒް މިނިސްޓްރީއަށް ފިނޮޅުތައް ނަގާ ވަރުވާގެ އުސޫލުން އެހެން ބަޔަކާހަވާލު ކޮށްފާނެ (މިގޮތުން ގިނަތަންތަން ދީފަހުރީވެސް އަތޮޅުންބޭރު މާލޭގެ މީހުންނައްކަން ފާހަގަކުރެވޭ) އެކަންކަމަށް ވަރަށް މަސައްކަތް ކުރިން ގުޅުންހުރި ވުޒާރާތަކާ ބައްދަލުކޮށް އެކަމުގައި އަތޮޅު ރައްޔިތުންނަށް ފައިދާއެއް ލިބޭނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް .”

ފިޝަރީޒް މިނިސްޓްރީން އެގޮތަށް ކަންކުރެއްވުމާއި ގުޅިގެންވެސް އެތަންތަން އަތޮޅު ކައުންސިލަށް ލިބޭތޯ އެ އުސޫލުގެތެރެއިން ވެސް މަސައްކަތް ކުރެއްވި ކަމަށް އާދިލު ވިދާޅުވިއެވެ.

އޭގެ ފަހުން ދެން ދިމާވި މައްސަލައަކަށް އާދިލު ނެންގެވީ ނެލިވަރު ފިނޮޅާއި ގޮއިދޫ ފަޅުތެރޭގައި އޮންނަ އިންނަފުށްޓާ ބޯދާ ފިނޮޅުގެމައްސަލައެވެ.

“އަޅުގަނޑުމެން މަސައްކަތް ކޮށްކޮށްތިއްބާ މި އެނގުނީ ނެލިވަރު ފިނޮޅު އެހެންފަރާތަކަށް ދީފިކަން. ދީފަ ހުންނަ އަގެއްވެސް އަތޮޅުކައުންސިލަށް ނޭގޭ. އިންނަފުށްޓާ ބޯދާ ފިނޮޅު މި ފަހަރުވެސް މިދިނީ މާލޭގެ ރައްވެއްސަކަށް. އެކަމަަކު އެފަޅުތެރޭގައި ގެސްޓްހައުސްއާ ލޯކަލް ޓޫރިޒަމް ތަރައްގީ ވަމުން ދާއިރު އެބޭފުޅުން އެތަން ކޮންމެ އަގަކަށް ވިޔަސް ބޭނުން ވެފައި ތިއްބާ އެކަމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި މާލޭގެ ރައްވެހިންނަށް ނުވަތަ މާލޭގެ ބޭފުޅަކަށް ދީފި.”

ކުރިންވެސް ރާއްޖޭގެ ފަޅުރަށްރަށް ދީފައި ހުންނަނީ މާލޭގެ ބޭފުޅުންނަށް ކަމަށް ވާއިރު މިފަދަކަންކަން ހިނގާފައި މިހުންނަނީ އެންމެރަނގަޅަކަށް ނޫންކަމުގައި އާދިލު ވިދާޅުވިއެވެ.

އެހެންވީއިރު އާދިލު ބޭނުންވާ ގޮތަށް ނުހިންގުނީ ކައުންސިލްތަކަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުތަކަށް އެހެންބަޔަކު ނުފޫޒެއް ފޯރުވާތީހެއްޔެވެ؟

“ގާނޫނުން ލިބިފަހުރި ބާރުތަކަށް މައިސަރުކާރުން ދޫނުދޭތީ، ގާނޫނު އަޅުގަނޑުމެންނަށް ލިބިދީފައިވާ ބާރުގެ ބޭނުން ނުކުރެވެނީ. ދެން އެކަން ހޯދުމަށް އެލްޖީއޭ ގެ އިތުރުން ގުޅުންހުރި އެހެނިހެން ދާއިރާ ތަކާވެސް މަޝްވަރާކޮށް މަސައްކަތް ކުރިން.”

މީގެ އެއް ހެއްކެއްކަމަށް އާދިލު ވިދާޅުވީ ކޮންމެ އަހަރަކު އެލްޖީއޭއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މަހާސިންތާގައި ވަރަށް ފުޅާ ދާއިރާއެއްގައި މިވާހަކަތައް ދެއްކެވި ކަމުގައެވެ.

“މިދިޔަ އަހަރު ބޭއްވި މަހާސިންތާގައި ފިޝަރީޒް މިނިސްޓްރީން ވަޑައިގެންނެވި ބޭފުޅުން ގާތު ދެންނެވިން އެދުވަސްވަރަކީ ބ.އަތޮޅު ގެ ފިނޮޅުތަކާ ރަށްތައް އިއުލާނުކުރި ދުވަސް ވަރު. އެއިއުލާނާ ގުޅިގެން ފުރަތަމަ ބެލި ބެލުމުން ވާގޮތަކީ އަޅުގަނޑުމެން މިކިޔާ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ހިމެނޭ ތަންތަންވެސް ހިމެނިފައި ހުރީ. އެކަމާ ގުޅިގެން ކައުންސިލުން ނޫސްބަޔާނެއް ނެރުނު ފަހުން އެތަންތަން އުނިކޮށް ރަނގަޅު ކުރި. ދެން ކުރި އިއުލާނެއްގައި އޮންނަނީ ހަނދާންވާގޮތުގައި ދަނޑުވެރިކަން ކުރަން ފިނޮޅެއްގެ ނަން ޖަހާފައި . އަޅުގަނޑު އެފަހަރު ފިޝަރީޒް މިނިސްޓްރީން ވަޑައިގެންނެވި ބޭފުޅުންގެ އަރިހު ދެންނެވިން އަޅުގަނޑުމެންގެ ރޯލެއް ނެތި އިއްޔެ ތި އިއުލާނުކުރެއްވީ ބ.އަތޮޅުގެ ފަޅުތަކާ ފިނޮޅުތަކާ ވަރުވާ އުސޫލުން ދޫކޮށްލަން. .މީތޯ ލާމަރުކަޒީ ކުރުމަކީ؟” ވަރަށް ހިތްހަމަނުޖެހި ހުންނަވައިގެން އާދިލު ވިދާޅުވިއެވެ.

ބ.އަތޮޅު ފިހާރައަކީ އަތޮޅު ރައްޔިތުން އެތައެް ގުރުބާނެއް ވެގެން އިމާރާތް ކުރި އަތޮޅު ރައްޔިތުންގެ ތަނެއް

ބ.އަތޮޅު ފިހާރައަކީ ބ.އަތޮޅުގެ ރައްޔިތުން އެތައް ގުރުބާނެއް ވެގެން މާލޭގައި އިމާރާތް ކޮށްފައިވާ ފިހާރައެކެވެ. އެތަން ބިނާކޮށްފައިވަނީ އަތޮޅުގެ ރަށްރަށުގައި ހުރި ބިޔަ ފުނަގަސްތައް ކަނޑައިގެން އެމީހުންގެ ކޮނޑުން އުފުލައިގެން މާލެއާ ހިސާބަށް ގެންގޮސް ފުން މޫދަކަށް ގާއަޅައިގެން ހިއްކައިގެން ނެވެ. އެކަމަކު އެފިހާރައިން ބ.އަތޮޅު ރައްޔިތުންނަށް އޮތް ފައިދާއަކީ ކޮބާހެއްޔެވެ. އެންމެ ކުޑަމިނުން އެފިހާރައިގެ ރަޖިސްޓްރީ ވެސް އަދިވެސް ވީތަނެއް ނޭނގޭކަމަށް އާދިލް ވިދާޅުވިއެވެ.

“ކޮބައިތޯ ރައްޔިތުންނަށް ވީ ފައިދާއަކީ ؟ އާދިލު ސުވާލު އުފެއްދެވިއެވެ.

” 2006 ވަނަ އަހަރާ ހަމައަށް ހުރި ކުލީގެ ކޮންމެވެސް ޕަސެންޓެއް އަތޮޅު މާލިއްޔަތަށް ލިބިފަ. ދެން އެ ހުއްޓިފާ އޮތް ގޮތަށް އޮވެފަ މިދިޔަ އަހަރުގެ މަހާސިންތާގައި ވަރަށް ފުޅާ ދާއިރާއެއްގައި އަތޮޅު ފިހާރަތަކުން މަންފާއެއް ލިބޭނެ ގޮތަކަށް ވާހަކަ ދެކެވި ކަރުދާހުގައިވެސް ލިޔެވި މިހާރު މިދިޔަ އަހަރު ކުލީގެ އާމްދަނީގެ ކޮންމެސް ވަރެއް އަޅުގަނޑުމެންނަށް ޖަމާކޮށްދީފަ އެބައޮތް މިއަހަރު. އެކަމަކު އޭގެ ތަފްސީލެއްވެސް ނޭގޭ. އަޅުގަނޑުމެން މި އަހަނީ ކޮބާހޭ އަސްލު ކުއްޔަކީ. އެވެސް އަޅުގަނޑުމެންނަކަށް ނޭގެ.” އާދިލުވިދާޅުވީ ބ.އަތޮޅު ފިހާރަ ކުއްޔަށް ދީފަ ވަނީ ކޮން އަގަކަށް ކަންވެސް ނޭނގޭ ކަމުގައެވެ.

އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން ގާއިމް ކޮށްދެވުން

އަތޮޅު ކައުންސިލް ހިންގުމުގައި ދިމާވި ހުރަސް ތަކާ އެކު ވެސް އާދިލު ވަނީ ކަންތައް ތަކެއް ހާސިލްވެސް ކޮށްފައެވެ. ކައުންސިލްގެ ހުންގާނުގައި ހުންނަވައިގެން އަތޮޅު ރައްޔިތުންނަށް ކަންތައް ތަކެއް ކޮށްދެއްވާފައިވެސް ވެއެވެ. އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވީ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.

“އެއީ އަޅުގަނޑު ވަރަށް ބޭނުންވި ކަމެއް. މުވައްސަސާތަކާ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ އެންމެން އެއް ޕްލެޓްފޯމެއްގައި ސިޔާސީ ގޮތުން އައިސްފައޮތް ރުޅިވެރިކަން ދުއްވާލައި އެކުވެރިކަމާއެކު މަސައްކަތްކުރުން.”

އާދިލު ވިދާޅުވީ ފުރަތަމަ މިރަށަށް އައިސް ފޭބިއިރު މީހުންނަށް އަޅުގަނޑު ފެނުނީ އަޅުގަނޑަކީ އެމްޑީޕީ މީހެއްވީމާ (މި ރަށަކީ އެ ފިކުރު މަދު ރަށަކަށް ވާތީ )ވަރަށް ބޮޑު ލައްގަނޑެއް ޖެހިފަ ހުރި މީހެއްގެ ގޮތުގައެވެ.

“އެކަމަކު މިއަދު މަންޒަރު ބަދަލުވެއްޖެ. އެގޮތަށް އަޅުގަނޑާ ދިމާކުރި ބޭފުޅުން މިއަދު ތިއްބެވީ ކަންކަމުގައި މަޝްވަރާއަށް އައިސް އަޅުގަނޑާ އެންމެ ގާތް ގުޅުން އޮތް ބޭފުޅުންގެ ގޮތުގައި. އެއީ ވަރަށް އުފާވާ ކަމެއް. ”

މީގެ އިތުރުން އާދިލު ފާހަގަކުރެއްވީ ކުރަން އުޅެ ނުކުރެވިދިޔަ ވަރަށް މުހިއްމު ދެކަމެކެވެ.

“އަޅުގަނޑު މަސަތްކަތްކުރިން ވެރިކަން ކުރާރަށުގައި ދެމުންދާ ހިދުމަތްތައް ތަރައްގީކުރަން . އެގޮތުން ހޮސްޕިޓަލްގައި ޕްރައިވެޓް ކޮޓަރި ތަކެއް އަޅަން މަސަތްކަތްތަކެއް ކުރިން އެހެންނަމަވެސް އެކަން ވަާގޮތެއްނުވި . ހެލްތުމިނިސްޓްރީން ބުނަނީ ތިމަންނަމެން ހޮސްޕިޓަލް ވަރަށް އަވަހަށް ތަރައްގީކުރާނެކަމައް އެކަމަކު އަދިވެސް އެކަމެއްނުވޭ.”

ދެވަނަކަމެއްގެ ގޮތުގައި އާދިލު ވިދާޅުވީ އަތޮޅު ރަށްޔިތުންނައް ބެނުންކުރެވޭގޮތައް ލޯކަލް މާރުކޭޓެއް ފާހާނަބަރިޔަކާއެކު އޭދަފުށީގައި އެޅުމައްވަރައް ބޮޑައް މަސަތްކަތްކުރެއްވި ކަމަށެވެ. “ބިންވެސްލިބި މަސަތްކަތްފަށަން ބަޔަކާހަވާލުކުރާހިސާބުން ހުއްޓުވި މިކަންވެސް ވާގޮތެއްނުވި ވަރަށްދެރަ (އުންމީދުކުރަނީ މިކަންކަން ކައިރި މުސްތަގުބަލެއްގައި ވާނެކަމަށް)”

ކައުންސިލަށް ކުރިމަތިލާންވާނީ މިއީ ފުލްޓައިމް ވަޒީފާއެއްކަމަށް ބަލައިގެން

ކައުންސިލަރަކަށް ކުރިމަތިލާއިރު މިއީ ފުލްޓައިމް މަސައްކަތެއްކަމަށާއި ރައްޔިތުންގެ މަސައްކަތެއްކަން އެނގެން ޖެހޭނެއެވެ. ވަޒީފާގެ ނިޔަތުގައި ކުރިމަތިލައިގެން ނުވާނެއެވެ ކައުންސިލަކީ 3 އަހަރުގެ ޓާމެއްކަމާއި އެ 3 އަހަރު ގެ ތެރޭގައި ރައްޔިތުންނަށް ކަންތައް ތަކެއް ކޮށްދިނުމުގައި އަޒުމެއް އޮންނަން ޖެހޭނެއެވެ.

މިކަން މިގޮތަށް ނުވިސްނަވާ ހަމައެކަނި ވަޒީފާއެއްގެ ބޭނުމުގައި ބައެެއް ކައުންސިލަރުން ކުރިމަތި ލެއްވުން ކައުންސިލް ހިންގުމަށްވެސް ހުރަސް އެޅިފައި އެބަހުރިކަމަށް އާދިލު ވިދާޅުވިއެވެ.

“އެބަހުރި ވަރަށް ދަތިތައް ކުރިމަތިވެފަ. ކައުންސިލަރުުން ހަމަނުވެގެން ޖަލްސާތައް ނުބޭއްވިގެން ތާރީޚަށް ނިންމަން ޖެހޭ ކަންކަން ނޫނީ ކަންކަން ކުރުމުގައި ވަރަށް ގިނަ ދަތިތަކެއް އެބަހުރި އަޅުގަނޑަށް ދިމާވެފަ. އޭގެ ސަބަބުން އިދާރީ ހިންގުމަށްވެސް ދަތިތަކެއް ކުރިމަތި ވެފައި އެބަހުރި. ނަމަވެސް އެވާހަކަތަކެއް އަޅުގަނޑު އާއްމެއް ނުކުރަން. މެންބަރުންނަށް އަދާކުރަންޖެހޭ އިހްތިރާމް އަދާކުރިން މިސާލަކަށް ރަށަކުން ގުޅާފަ ކައުންސިލަރެއްގެ ކޮންޕްލޭނެއް ކުރިޔަސް ދިފާއުގައި ވާހަކަ ދައްކާފަ ހުންނާނީ. އެކަމަކު މިއަދު ނިމިގެންދާއިރު އަޅުގަނޑު ހިތާމަކުރަން މެންބަރުންގެ ތެރެއިން (ބައެއް މެންބަރުން އޮފީހަށް ހާޒިރުވުމުގަ ފަރުވާކުޑަކަން) ނައުމުގެ އިތުރުން ހަމައެކަނި ކާޑު ޖަހާލާފަ ދިއުން އެއީ އަދި މާ ހިތާމަހުރި ކަމެއް. ބައެއް މެންބަރުން ނާންނަންޏާ އެއްގޮތަކަށްވެސް ނައުން. އޭރުން މުސާރަ ކަނޑާނެ.އެކަމަކު ހާޒިރުވެފަ މަސަައްކަތް ނުކުރާނަމަ އެއީ މާދެރަކަމެއް. މުސާރަ ދޭން ޖެހޭ ހާޒިރުވީތީ. އެކަމަކު މަސައްކަތެއް ނުކުރޭ.

އިދާރީ މުވައްޒަފުންނަކީ ނަމޫނާ ބައެއް

ކައުންސިލްގެ އިދާރީ މުވައްޒަފުންނަކީ ނަމޫނާ ބައެއްކަމުގައި ފާހަގަކުރައްވަމުން ވިދާޅުވީ މިހާރުވެސް ގޮވާލި ކޮންމެ ކަމަކަށް އެބޭފުޅުން އެތިއްބެވީ ތައްޔާރަށް ކަމުގައެވެ. އެނަމޫނާ ، މުވައްޒަފުންގެ ކުރިމަތީގައި ނަމޫނާ ދައްކަވަން ތިއްބެވި ކައުންސިލަރުންގެ އަމަލުތަކުން ނުދެއްކުމުން ބައެއް ފަހަރު ލަދު ގަންނަންޖެހޭ ހިސާބަށް ކަންތައް ގޮސްފައި ހުރިކަމަށް އާދިލު ވިދާޅުވިއެވެ.

ކައުންސިލަރުން އެކަކު އަނެކަކާ އޮންނަންޖެހޭ ގުޅުން ކުޑަވެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަވެ ހަވާލު ކުރެވޭ މަސައްކަތް ތައް ނުކުރެވި އެކަން ސްޓާފް މީޓިންގ ތަކުގައި ސްޓާފުން ފާހަގަ ކުރާ ހިސާބަށް ދިއުމަކީ އެންމެ ދެރަވަރު ކަމުގައި އާދިލު ވިދާޅުވިއެވެ.

އޭދަފުށީ ކުނީގެ މަޝްރޫއު ގެއްލުމާއެކު ހިންގާ ކަމުގެ ޝަކުވާއެއް ނާދޭ

އާދިލު ވިދާޅުވީ އެއްވެސް ފަރާތަކުން ކައުންސިލަށް ޝަކުވާ އެއް ހުށަހަޅައިފިނަމަ އެކަން އޮންނާނީ ބަލާފަ ކަމުގައެވެ. އޭދަފުށީ ކުނީގެ ކަންތައް ރަށު ކައުންސިލުން ގެއްލުމާއެކު ކުރާ ކަމަށް ވަންޏާ އެއީ ވަރަށް ދެރަކަމެއް ކަމުގައި ވިދާޅުވަމުން އާދިލު ވިދާޅުވީ ،ދިމާވާ މައްސަލަ އަކީ ވަރަށް އެކުވެރިކަމާއެކު ވާހަކަ ދައްކާ ހެދި ނަމަވެސް އަމަލީ ގޮތުން އެކަން ކަން ނުފެނުންކަމުގައެވެ. އޭދަފުށި ކައުންސިލް މެންބަރަކު ސަސްޕެންޑް ކުރުމުން އެކަމާ ހިތްހަމަނުޖެހިގެން އަތޮޅު ކައުންސިލްގެ މައްޗަށް ދައުވާ ކުރި. އެއީ އެކައުންސިލަރާ ޒާތީ ގޮތުން ކުރިސަސްޕެންޑެއްގެ ގޮތުގައި ކޯޓަށް ހުށަހެޅި. އެހިސާބުން އެނގިއްޖެ އެބޭފުޅުން އަޅުގަނޑުމެންނާ މެދު ދެކޭ ގޮތް. ”

އެހެންނަމަވެސް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ސަސްޕެންޑް ކޮށްފައިވަނީ ރަނގަޅަށް ކަމުގައެވެ.

ކުއްޔަށް އަތޮޅުގޭގައި ތިއްބެވި ކައުންސިލަރުން އެކުލި ދައްކާފައި ނުވާތީ އެ ކުލި ދެއްކުމަށް ވާނީ އަންގާފައި . އިތުރަށް އެޅޭނެ ފިޔަވަޅުތައް އެބަހުރި

ކުލި ދައްކަންޖެހޭ ކައުންސިލަރުންނަށް ކުލި ދެއްކުމަށް ވާނީ އަންގާފައިކަމަށާ އެކަން ބަރާބަރަށް ލިޔެ ކިއުމުން ފެންނަން ހުންނާނެކަމަށް ވިދާޅުވިއެވެ. ދެން މިގޮތުންވެސް ނުދައްކަވައިފިނަމަ ޝަރުއީ މަރްހަލާ އިންވެސް އެކަން ކުރެވޭނެ ގޮތް އެބައޮތް ކަމުގައެވެ.

ލޯކަލް ކައުންސިލް ނިޒާމަކީ އަތޮޅުތައް ހިންގުމަށް ރަނގަޅު ނިޒާމެއް

“އެކަމަކު މިނިޒާމުގައި އެބަހުރި ގެންނަން ޖެހޭ ބަދަލު ތަކެއް. މި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ތަކެއް އެބަހުރި . އަދި މިގާނޫނާ ގުޅިގެން ދެން ހެދިފައި ހުރި ބައެއް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ތަކެއްވެސް އެބަހުރި .” އާދިލު ވިދާޅުވިއެވެ.

“މިސާލަކަށް ރަށެއްގެ ކައުންސިލް، އެބޭފުޅުންގެ އިހްތިސާސްއަކީ އެރަށެއްގެ ރާޅުޖެހި ފަށުން ފެށިގެން އެތެރެ. އެބޭފުޅުންނާ ގާނޫނީ ގޮތުން ބިމުގެ ބާރުވެރިކަންވެސް ކައުންސިލަށް ދީފަ މި އޮންނަނީ .ނަމަވެސް ލާމަރުކަޒީ ގާނޫނުގައި އެބާރު ދީފައި އޮތް އިރު ބިމާބެހޭ ގާނޫނުގައި ބިނާވެށި ޕްލޭން ގައި މިއޮންނަނީ ހައުސިންގ މިނިސްޓްރީ. އޭގަ އެބަހުރި ހައުސިންގ މިނިސްޓްރީ އަށް ދީފައި ހުރި ބާރުތަކެއް . ލާ މަރުކަޒީ ގާނޫނުގައި އެބަހުރި ކޮންމެ މާއްދާއެއް ނިންމާލާއިރު “އެހެންނަމަވެސް ދެން ހެދިފައި ހުރި އެހެންގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީންނޭ” ބުނެފައި. މިޖެހެނީ އެއްކަލަ ބޮޑު ގާނޫނުގަ. ހައުސިންގ މިނިސްޓްރީގެ ގާނޫނުގަ. އެހެންވީމާ އެ އިސްލާހުކުރަންޖެހޭ މިއާ ގުޅިގެން . ނިޒާމަކީ ރަނގަޅު ނިޒާމެއް ރަނގަޅަށް މި ނިޒާމު ކުރިއަށް ގެންދެވިއްޖެނަމަ.

އާދިލުގެ އިލްތިމާސް

އާދިލުގެ އިލްތިމާސަކީ ކައުންސިލަށް ކުރިމަތިލުމަށް ނިޔަތްގަތުމާއެކު އެކަހެރި ތަނެއްގައި އެކަނި އިނދެގެން ކުރިމަތިލާން މިއުޅޭ ވަޒީފާއާމެދު ވިސްނުމެވެ. ކެމްޕޭނަށް ގެއިން ނުކުތުމުގެ ކުރިން ފުންކޮށް މިކަމާމެދު ވިސްނުމެވެ.”ގާނޫނީ ގޮތުން އެބޭފުޅާ އަދާކުރަންޖެހޭ ޒިންމާއާއި ގާނޫނުތައް ބައްލަވާށޭ..ކޮންކަމަކަށްތޯ ތިމަންނަ މިނުކުންނަނީ. ރައްޔިތުން ވޯޓު މިދެނީ، ރައްޔިތުން ގިނަ ކަންތައްތަކެއް މި މަތިކުރަނީ ކައުންސިލް މެންބަރުންނާ. 2:30ގަ އޮފީސް ނިންމާލާފަ ގެއަށްވަދެ ދެންމިއީ އޮފްގަޑިއޭ ފޯނެއްއައިމާ ނުނެގޭނެއޭ މިހެން ނުބުނެވޭނެ.”

އާދިލް ވިދާޅުވީ ކައުންސިލްގެ ވަޒީފާއަކީ ފުލްޓައިމް ވަޒީފާއެއްކަމާއި އެކަމަކު ރަސްމީގަޑި ނިމުމުން އޯޓީއެއް ނުލިބޭނެކަމުގައެވެ. ގާނޫނުގައި ވަރަށް ސާފުކޮށް ހުރިހާ ވާހަކައެއް ލިޔެފައިވާއިރު ވިދާޅުވީ ހުރިހާ އެއްޗެއް އެނގިގެން ނުކުތުމަށެވެ.

“އަޅުގަނޑު އޭދަފުށީގަ މިހޭދަކުރި ހައަހަރު ދުވަހު ވަރަށް ގިނަތަޖުރިބާތަކެއް ކުރެވުނު.

އަތޮޅު އެއްވެސް ރައްޔިތަކާދޭތެރޭގައި ވަޒީފާގެ ހައިސިއްޔަތުން އަދި އަމިއްލަ ހައިސިއްޔަތުންވިޔަސް ހިތް ނޭދޭކަމެއް ކުރެވިފައިވާނަމަ ނިހާޔަތައް މާފަށް އެދެން.

އަޅުގަނޑުގެ ދުޢާއަކީ އަތޮޅުގެ ރައްޔިތުންނަށް ރަނގަޅުކަންކަމުގައި ރަގަޅޭ ބުނެ ގޯސް ކަންކަމުގައި ގޯހޭ ބުނުމުގެ ހިތްވަރު ދެއްވުން އަދި އަތޮޅަށް ކުރިއެރުމާއި ތަރައްގީ މިންވަރުކުރެއްވުން. އާމީން.”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top