އެއްދުވަހުން އޭދަފުއްޓަށް 1000 ކުރުނބާ!؟

kurumba.jpeg

އޭދަފުއްޓަށް އިއްޔެ ގެނައި ކުރުނބާތަކެއް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން. އިއްޔެވަނީ އޭދަފުއްޓަށް 1000 އަށްވުރެ ގިނަ ކުރުނބާ އެތެރެކޮށްފައި / އޭދަފުށީ ވޮއިސް ފޮޓޯ

ރަމަޟާންމަހާ ގުޅިގެން އިއްޔެ އޭދަފުއްޓަށް އެތެރެކުރެވުނު ކުރުނބާގެ އަދަދު ހާހަކަށްވުރެ މަދުނުވާނެކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އަތޮޅުތެރެއާ، އޭދަފުއްޓާ ކޮންމެ ދުވަހަކު ގުޅުވާލަދޭ އަތޮޅުފެރީގެ ކެޕްޓަނުން ދިން މައުލޫމާތަށްބަލާއިރު އިއްޔެ އަތޮޅުގެ އުތުރު ރަށްރަށުން އޭދަފުއްޓަށް ގެނައި ކުރުނބާގެ އަދަދު 300 އާ، 400 އާ ދެމެދަށް އަރައެވެ. ދެކުނުގެ ރަށްރަށުން ފެރީގައި ގެނެވުނު ކުރުނބާގެ އަދަދުވެސް ސަތޭކައިން ގުނާލެވޭނެ ކަމަށް ފެރީގައި ދަތުރު ކުރި މީހަކު އީވީއަށް ބުންޏެވެ.

މީގެ އިތުރުން އިއްޔެ އޭދަފުއްޓަށް ދަތުރުކުރި ލޯންޗް ފަހަރާ، އޮޑިދޯނިފަހަރުން ގެނާ ކުރުނބާގެ އަދަދު 400 އާ ގާތްކުރާނެކަމަށް އޭދަފުށީގައި ފިކްޕް ދުއްވާ ފަރާތްތަކާ، ދަތުރު ވެރިން ލަފާކުރެއެވެ. މިހިސާބުތަކަށް ބަލާއިރު އޭދަފުއްޓަށް އިއްޔެ 1000 އަށްވުރެ ގިނަ ކުރުނބާ އެތެރެވެފައިވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ.

އޭދަފުށީ ޕިކަޕް ޑްރައިވަރެއްކަމުގައިވާ އަބްދުއްރަހީމް އަލީ އީވީއަށް ބުނީ “ކުރުނބާ ވަރަށް ގެނައި ކަމަށާ، އަމިއްލަ ޕިކަޕްގައިވެސް ގޭގެއަށް ގިނަ އަދަދެއްގެ ކުރުނބާ އުފުލާދެވުނު” ކަމަށެވެ

އަތޮޅުފެރީން އިއްޔެ އޭދަފުއްޓަށް މީހަކު ކުރުނބާ އިހަލެއް ބާލަނީ. އެއްދުވަހުން ހާހަކަށްވުރެ ގިނަ ކުރުނބާ އޭދަފުއްޓަށް ވަނީ އެތެރެކޮށްފައި / އޭދަފުށި ވޮއިސް ފޮޓޯ

އުތުރު ފެރީގެ ކެޕްޓަން ބުނީ އުތުރުގެ ރަށްރަށުގެ ތެރެއިން ދޮންފަނު ނޫން ހުރިހާ ރަށަކުންވެސް ފެރީގައި ކުރުނބާ އުފުލަމުން ދާކަމަށާ، “އިއްޔެވެސް 5 ރަށަކުން ގިނަ އަދަދަކަށް ކުރުންބާ އެރުވި” ކަމަށެވެ.

ކުރުނބާ ވިޔަފާރި އޭދަފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ “ހީނާ އައިޓަމްސް” ގެ ވެރިޔާ އިބްރާހީމް ރަޝީދު (ހީނާ އިއްބެ) އީވީއަށް ބުނީ އިއްޔެ އެފިހާރައަށް 200 އަށްވުރެ ގިނަ ކުރުނބާ ގެނާ ކަމަށާ، ހުރިހާ ކުރުނބާއެއް ވިކިހުސްވެއްޖެކަމަށެވެ. އޭނާ ބުނީ ކުރުނބާގެ އަގު ހުރީ 20 ރ އަށް ކަމަށެވެ. އަދި ދެން ކުރުނބާ ލިބޭނެ ދުވަހެއް ބުނަން ނޭނގޭކަމަށްވެސް އޭނާ ބުންޏެވެ.

“އަތުފަތު ނޭޅޭ. އިއްޔެ ގެނައިން 10 އިހާ، 200 އަށްވުރެ ގިނަ ކުރުނބާ ހުސްވީ އިއްޔެ . 20 ގެރޭޓުން މިދެނީ. ދެންނޭނގެ ލިބޭނެ ދުވަހެއް ބުނާކަށް”

ބ. އަތޮޅުގެ ކުރުނބާގެ މައި މާކެޓްތައް ކަމުގައިވާ މާޅޮހާ، ކަމަދޫ އަދި ކެންދޫން ލަފާކުރާ ގޮތުގައި ރަމަޟާންމަހު މުޅިއަތޮޅުން ވިހިހާހާ ގާތްކުރާ އަދަދަކަށް ބާޒާރަށް ކުރުނބާ ނެރޭނެއެވެ. އެރަށްރަށުގެ ރުއްރުކުގެ ވެރިން ބުނާގޮތުން ކުރުނބާގެ އަގު ބާޒާރުގައި ހުންނާނީ 16 ރ އާ 20ރ އާ ދެމެދުގެ އަގެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top