ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ އުސޫލަކުން ލިމިޓްތަކެއް ކަނޑައަޅައި، އެކަމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
އެ ބެންކުން ބުނި ގޮތުގައި މާދަމާ އަމަލުކުރަން ފަށާ އެ ލިމިޓުތަކަކީ، މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ކެޓަގަރީތަކަކަށް ބަހާލައިގެން ފޯރުކޮށްދޭނެ ޑޮލަރެވެ.
މި އާ އުސޫލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.
ބީއެމްއެލްއިން ބުނީ އެބޭންކުން މިހާރު ވެސް ކަސްޓަމަރުންގެ ބޭރު ފައިސާގެ ބޭނުންތަކަށް، ރުފިޔާ ކާޑުން ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކާއި، އީ-ކޮމާސް، ސިއްޙީ، ތައުލީމީ، ދަތުރުފަތުރު އަދި ޓީޓީ ހިމެނޭހެން، މަހަކު އެވްރެޖްކޮށް 81.6 މިލިއަން ޑޮލަރު ފޯރުކޮށްދެމުން ދާކަމަށެވެ. އެއީ މި އަހަރުގެ މިހާތަނަށް ޖުމްލަ 653 މިލިއަން ޑޮލަރުކަން ބެންކުން ފާހަގަކުރެއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި އީ-ކޮމާސް މުޢާމަލާތްތަކަށް އަލަށް ކަނޑައެޅުނު ލިމިޓްތަކަކީ ބޭންކުގެ ލިކުއިޑިޓީ މެނޭޖްކުރުމަށް އެޅީ ފިޔަވަޅެކެވެ. އަދި މިއީ ބޭންކުން ކަސްޓަމަރުންނަށް ޑޮލަރު ފޯރުކޮށްދެމުން އަންނަ ނިސްބަތަށް އައި އުނިކަމެއް ނޫން ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި ރުފިޔާ ކާޑު މެދުވެރިކޮށް 40,000 އަށްވުރެ ގިނަ އިންޓަނޭޝަނަލް އީ-ކޮމާސް ޕްލެޓްފޯމްތަކުން މިހާރު ވިޔަފާރި ކުރެވެއެވެ. މި އަހަރުގެ ތެރޭގައި މިފަދަ މުޢާމަލާތްތަކުގެ ޢަދަދު ދުވާލަކު އެވްރެޖްކޮށް 20,000 އަށްވުރެ މައްޗަށް އިތުރުވެފައިވާކަން ބެންކުން ފާހަގަކުރިއެވެ.
އެ މުޢާމަލާތްތައް ސެޓްލްކުރުމަށް ބޭނުންވާ ޑޮލަރުގެ ޑިމާންޑް، ބޭންކަށް ލިބެންހުރި ޑޮލަރަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައިވާކަން ބީއެމްއެލްއިން ތަކުރާރުކޮށް ބުނެފައިވެއެވެ. އަދި އޭގެ ސަބަބުން ޑޮލަރުން ދޭންޖެހޭ އެހެނިހެން މުހިންމު ޚިދުމަތްތަކަށް، ޚާއްސަކޮށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމުގައި މިހާރު ލަސްތަކެއް ކުރިމަތިވެ، ކަސްޓަމަރުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައި ކަމަށް ބެންކުން ބުންޏެވެ.
އެހެންވެ، އެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށާއި މުހިންމު ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުން، އީ-ކޮމާސް ވިޔަފާރިތަކަށް ކޮންމެ ދުވަހަކަށް އަދި ކެޓަގަރީއަށް ބިނާކޮށް ލިމިޓްތަކެއް ކަނޑައެޅީ ކަމަށް ބެންކުން ބުންޏެވެ. އަދި އެ ލިމިޓްތައް ބޭންކުން ދޭތެރެދޭތެރެއިން މުރާޖައާ ކުރަމުންދާނެކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.
ދާއިރާތަކަށް ކަނޑައެޅިފައިވާ ލިމިޓްތަކުގެ ތަފްސީލު:
އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް: ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ހިމެނޭ ގޮތަށް ބޭންކުން އާންމުކުރާ 150 ޕްލެޓްފޯމަށް މަހަކު ޖުމްލަ 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).
ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް: މެޓަ (ފޭސްބުކް، އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ވަސީލަތްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު).
ދަތުރުފަތުރާއި ހޮޓެލް ބުކިން: އެއާލައިން ޓިކެޓާއި ހޮޓެލް ބުކިންތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު). މީގެއިތުރުން ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ.
ޒަރޫރީ ސަބްސްކްރިޕްޝަންތައް: އާންމު ދިރިއުޅުމަށް ބޭނުންވާ މުހިންމު ސަބްސްކްރިޕްޝަންތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).
އެހެނިހެން ވިޔަފާރިތައް: މަތީގައި ބަޔާންކޮށްފައި ނުވާ އެހެން އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު).
ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް އެއްވެސް މާޗަންޓް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި މިފަދަ ޒަރޫރީ ބޭނުންތައް މެދުނުކެނޑި ހަމަޖެއްސުމަށްޓަކައި ޚާއްސަ ބަފައެއް ބޭންކުން ދަމަހައްޓާނެއެވެ.
ވަކި ދާއިރާއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު ނުވަތަ ޑޮލަރު ކާޑެއް ބޭނުންކޮށްގެން މުއާމަލާތް ފުރިހަމަކުރެވޭނެ ކަމަށާއި، ކޮންމެ ދުވަހެއްގެވެސް ލިމިޓް ހެނދުނު 7:00 ގައި ރީސެޓްވާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. މި ބަދަލުތަކަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ޚަރަދު ކުޑަކޮށް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުން ގެނެވުނު ބަދަލުތަކެކެވެ.







