އޭދަފުށި މޮނިޓަރިން އަށް. ރަށަށް އަރައިފޭބުން މަނާ!

DSCN3341.jpg

އޭދަފުށި ބަނދަރުމަތި.

ބ.އޭދަފުށިން މިއަދު ކޮވިޑް-19 ފެނުމާ ގުޅިގެން މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ.

އޭދަފުއްޓާ އެކު ކަމަދޫންވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހަކު ފެނުމުން އެ ރަށްވެސް މިހާރު ވަނީ މޮނިޓަރިން ހާލަތުގައި ކަރަންޓީނުގަ އެވެ.

މޮނިޓަރިން ހާލަތުގައި އޮންނަ ރަށްރަށަށް އެޗްޕީއޭގެ ހުއްދަ ނެތި އަރައި ފޭބުމަކީ މަނާ ކަމެކެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، އޭދަފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށާ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެން ކަމަށެވެ.

އެޗްޕީއޭއިން ބުނީ މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގައި ކޮންޓެކްޓު ޓްރޭސިން ހެެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ދެ މަސްދުވަހަށް ފަހު އޭދަފުށިން މިއަދު އަނެއްކާވެސް ކޮވިޑް ފެނިފައިވަނީ ރޯގާ ޖެހިގެން ފްލޫ ކްލިނިކަށް ދެއްކުމުން ނެގި ސާމްޕަލްގެ ނަތީޖާއިންނެވެ. އެ އެންމެންވެސް މިހާރު ތިބީ ކަރަންޓިނުގައި ކަމަށާ އަދި ރޭންޑަމް ސާމްޕަލް ނެގުމާއި އެމީހުންނާއި ކޮންޓެކްޓް ވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އޭދަފުށިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ބަޔަކު ފެނުނު ކަމަށްވިޔަސް މިފަހަރު ކެފޭ، ހޮޓާ، ރެސްޓޯރަންޓު ފަދަ ތަންތަން އަދި ބަންދު ކުރަން ނިންމާފައިނުވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ކަމަދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުގެ ފުލޫ ކްލިނިކަށް ދެއްކި ސްކޫލް ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެގެންނެވެ.

“މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ރޭންޑަމް ސާމްޕަލް މުޅި ރަށުގައި ނަގަން ފަށައިގެން ކުރިއަށް ދަނީ. މިއީ ގެސްޓްހައުސް ހިންގާ ރަށެއް ވީމަ އެ އުސޫލުގެ ދަށުން ޗުއްޓީ ނިމުނީމަ ރޭންޑަމް ސާމްޕަލް ނަގަން ފެށީ. މިހާރު ވެސް ކުރިއަށް ދަނީ.” ކަމަދޫ ކައުންސިލު ރައީސް ހަސަން ޒަރީރު ވިދާޅުވިއެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 12 ރަށެކެވެ. އެއީ އޭދަފުއްޓާއެކު ހދ. މަކުނުދޫ، ހއ. ތަކަންދޫ، އދ.ހަންޏާމީދޫ، ށ. ފީވައް، މ. ކޮޅުފުށި، ރ. ދުވާފަރު، ބ. ކަމަދޫ، ކ. ކާށިދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ އާއި ތ. ހިރިލަންދޫއެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top