ބ. މާޅޮހުގައި އަލަށް އިމާރާތް ކުރި ޕޮލިސް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިރަށުގައި ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން ރަށުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
775 މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގައި މިތަން އިމާރާތް ކުުރުމަށް ހަވާލުކޮށްފައިވަނީ 2.04 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ކޮންކްރީޓް މަސައްކަތް، ވަޔަރިންގ، ފެނާއި ނަރުދަމާ، ފުރާޅާއި ސީލިންގް، ދޮރުތައް ހަރުކުރުން، ވަށާފާރު ރޭނުން އަދި ކުލަލުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.





