ރޯދަ މަސް ނިމުމުންވެސް އަޅުކަމުގައި ދެމިތިބެން މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.
”ރަމަޟާން މަހަށްފަހު ހެޔޮ އަމަލު ކުރުންމަތީ ދެމި ތިބޭށެވެ!“ މި މައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުުރު ޚުޠުބާގައި ބުނީ ހެޔޮކަމެއް ކުރެވިއްޖެނަމަ އެ ހެޔޮކަމެއް ކުރެވުމުން އޭގެ ފަހުގައި އެއަށް އަމަލުކުރުންމަތީ ދެމިތިބެން ޖެހޭނެ ކަމުގައެވެ. އަދި ކުރެވުނު ޢަމަލެއްގެ މޮޅުކަމުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަގީން ވީކަމަށް ދެކިގެން ނުވާނެކަމަށާއި، މި ބަރަކާތްތެރި މައްސާރާއި ވިދިގެން އަދާކުރުމަށް އަމުރު ކުރައްވާފައިވާ އަޅުކަމެއްވާކަން ޚުޠުބާގައި ހަނދާން ކޮށްދީފައި ވެއެވެ.
ހަމަ އެހެންމެ އަޅުކަން ކުރުމަށް ނޫނީ އިންސާނުންނާއި ޖިންނީން ﷲ ނުހައްދަވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަޅުކަމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫން ކަމަށެވެ. އަދި ރަމަޟާން މަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲކަން ހަނދާން ކޮށްދެއްވި އެވެ.
އެހެންކަމުން މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއް ނޫން ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
“މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވެއެވެ. ރަމަޟާން މަހަކީ އެ ފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ.” ޚުތުބާގައި ބުނެފައި ވެއެވެ.
ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެދަނީ ޝައްވާލުމަހުގެ ހަ ރޯދައަށް ވެސް މަގުފަހިކޮށްދީފައި ކަމަށާއި އެހެންކަމުން ހަ ރޯދައިގެ ނިއުމަތާއި ފައިދާ ލިބިގަތުމަށް ވެސް ޚުތުބާގައި ގޮވާލި އެވެ