އަތޮޅުތަކުގެ ޤުރުއާން ހިތު ދަސްކުރާ ޕްރޮގްރާމްތައް ހިންގާ ތަންތަނާއި ކްލާސްތަކަށް ބޭނުންވާ ވަސީލަތްތަކާއި ކަންކަން ފުރިހަމަކޮށް ދިނުމަށް ސަރުކާރުން އެހީވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަމަށް އާންމު ރައްޔިތުން ވެސް އެހީތެރިވުމަށް އެދިވަޑައިގެންފަ އެވެ.
“މިއީ އަޅުގަނޑުމެންގެ މި ޤައުމަށް ކޮށްދެވޭނެ ވަރަށް މަތިވެރި ޚިދުމަތެއް. މުސްތަޤުބަލުގެ ޖީލަށްޓަކައި ކޮށްދެވޭނެ އަގުހުރި ޚިދުމަތެއް،” ޝަހީމު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދީނީ ކަންކަން ކުރިއަރުވަން އެހީވާ ވަޤުފު ފަންޑުގެ އެކި ދާއިރާތަކަށް މީރާ ގެ ވެބްސައިޓް ތެރެއިން ވާރު ޕޭ އިން ފަސޭހަކަމާއެކު މިހާރު އެހީ ފޯރުކޮށް ދެވޭނެ ކަމަށެވެ.
“ރަމަޟާން މަހަކީ ހެޔޮކަމުގެ މައްސަރު. ހެޔޮކަންކަން ކުރިއެރުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވިފައި.” ޝަހީމު ވިދާޅުވި އެވެ.