”ތުޅާދޫގައި އަޅާ އެއާޕޯޓް މިވެރިކަމުގައި ނުނިންމޭނެ“

big_7g181AwqIXi4TqfgxJDWzJ2j1.jpg

ތުޅާދޫ

ތުޅާދޫ ހިމެނޭ ގޮތަށް ރާއްޖޭގެ ހަ ރަށެއްގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓުތައް މިދައުރުގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ހަ އެއާޕޯޓްގެ ތެރޭގައި ހިމެނޭ ށ. ބިލަތްފަހީގެ އެއާޕޯޓްގެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ތުޅާދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓާއެކު ބިލެތް ފައްސާއި ހދ. މަކުނުދޫއާއި ތ. ވިލުފުއްޓާއި، ފ. މަގޫދޫ އަދި ރ. އަތޮޅު ދެކުނު ބިތުގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ޑިސެމްބަރު އިއުލާން ކުރި އެވެ،

އަސްލަމް މިއަދު ވިދާޅުވީ ބިލެތްފަހީގައި އެއާޕޯޓްއަޅަން ރަންވޭއެއް ޑިޒައިންކޮށްފައިވާ ކަމަށާއި އަދި އެއާޕޯޓް އަޅަން ބިން ހިއްކައި އަދި ހިއްކި ސަރަހައްދު ހިމާޔަތްކޮށް ރަންވޭއަށް 23 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ.

ބާކީ ފަސް އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަން ކްރޮސް ސަބްސިޑީ މޮޑެލްއަކުން މަސައްކަތް ކުރިއަށް ގެންދަން އިއުލާންކޮށް 12 ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި އޭގެ ތެރެއިން ޕްރޫޕް ފައިނޭންސް ހުރި ކަމަށް ހުށަހެޅި ފަރާތްތަކާމެދު އެމްއޯޔޫއެއްގައި ސޮއިކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ފައިނޭންސް ހުރި ކަމަށް އެ ފަރާތްތަކަށް ސާބިތުކޮށް ނުދެވިއްޖެނަމަ އަނެއްކާވެސް އެހެން ފަރާތްތަކާމެދު މަޝްރޫއު ކުރިއަށް ގެންދަން މަޝްވަރާ ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

“އަޅުގަނޑަށް ޔަގީން [ހަ އެއާޕޯޓް] އަޅާ ނުނިންމޭނެކަން ބާކީ މިއޮތް މުއްދަތުގެ ތެރޭގައި. އެހެންނަމަވެސް މަސައްކަތްތައް ފެށިއްޖެނަމަ އެ މަސައްކަތް ކޮންމެ ގޮތެއް ވިޔަސް ކުރިއަށް ދާނެ.” އަސްލަމް ވިދާޅުވި އެވެ.

ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން މި ސަރުކާރުން ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

އޭގެ ތިންމަސް ފަހުން މާރިޗު މަހު 27ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި އޮންލައިންކޮށް ބ.އަތޮޅު ކެންޑިޑޭޓުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުވުމުގައި ތުޅާދޫގައި އެއާޕޯޓް އަޅަން ރަނގަޅު ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ތުޅާދޫ އެއާޕޯޓާ ބެހޭ ގޮތުން ތުޅާދޫ ކައުންސިލުން އެއަހަރު ސެޕްޓެމްބަރު 16ގައި ރައީސް އޮފީހުގައި ރައީސް އާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގެ ތެރޭގައި ރައީސް ސޯލިހު ވިދާޅުވީ ތުޅާދޫގައި އަޅަން މިސަރުކާރުން ވައުދު ވެފައިވާ އެއާޕޯޓު އޮތީ ބިޑް އިވެލުއޭޝަންގެ މަރުހަލާގައި ކަމަށެވެ.

ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރު ޑިސެމްބަރު މަހުގައިވެސް އިއުލާނު ކުރިއެވެ. އެއާޕޯޓަކަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއް ކަމަށް ބުނެފައި އޮތީ ފަސް މިލިއަން ޑޮލަރެވެ. ނަމަވެސް އިންވެސްޓަރުން ނުލިބިގެން އަލުން އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަހަރު ފެބްރުވަރީ މަހުވެސް ތިން މިލިއަން ޑޮލަރަށް އަގު ހެޔޮކޮށް އަލުން އިއުލާނު ކުރި އެވެ.

ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި ތުޅާދޫ އެއާޕޯޓަށް ކަނޑައަޅާފައިވަނީ 21.9 މިލިއަން ޑޮލަރެވެ.

ތުޅާދޫގައި އެއާޕޯޓެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ވެސް ތުޅާދޫ ރައްޔިތުންގެ ތާއީދު ހޯދަން އެމްޑީޕީން އެންމެ ކުރިއަށް ނެރުނީ އެ ވައުދެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top