ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަކުރި ރަށްރަށުގެ ތެރޭގައި އޭދަފުށި ހިމެނުމުން މިއަދުން ފެށިގެން ޕީސީއާރު ޓެސްޓަކާ ނުލާ އޭދަފުއްޓަށް ދަތުރު ކުރުމުގެ ހުއްދަ ލިބިއްޖެ އެވެ.
ރާއްޖޭގައި ކޮވިޑު ފެތުރުމުންދާތީ، މާލެއިން ރަށްރަށަށް ދަތުރުކުރާ އިރު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. އެކަމަކު ވެކްސިން ޖަހަން ފެށުމުން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނު ވުމެއް ނެތި 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު މާލެއިން ރަށްރަށަށް ދަތުރު ކުރެވޭ ގޮތް މިހާރުވަނީ ހަދާފަ އެވެ.
އެހެންނަމަވެސް މިއަދުން ފެށިގެން، ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށް ރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް ފަހުން އުސޫލު ބަދަލުކުރިއެވެ.
އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެއެވެ.
އެޗްޕީއޭ އިން މިއަދު ވަނީ ވެކްސިންގެ އެ އުސޫލުތަކަށް ފެތޭ 28 ރަށެއްގެ ލިސްޓެއް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ބ.އަތޮޅުން ހިމެނެނީ އޭދަފުށި، ދޮންފަނު، މާޅޮސް، ކަމަދޫ، ކިހާދޫ، އަދި ފުޅަދުއާއި ފެހެންދޫ އެވެ.