ވެކްސިންގެ ކާމިޔާބަކީ އަތޮޅުގެ ރައްޔިތުންގެ އެއްބާރުލުން- ހޮސްޕިޓަލް މެނޭޖަރ

DSCN8875-800x480-800x480-1.jpg

ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު،މުހައްމަދު ރަޝީދު--އީވީ ފައިލް ފޮޓޯ

އެޗްޕީއޭ އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި 28 ރަށުގެ ތެރޭގައި ބ. އަތޮޅުގެ ހަތްރަށެއް ހިމެނުނީ ވެކްސިން ޕްރޮގްރާމަށް އަތޮޅުގެ ރައްޔިތުންގެ އެއްބާރުލެއްވުމުގެ ސަބަބުން ކަމަށް ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. 

އެޗްޕީއޭ އިން ކަނޑައަޅާފައި އޮތީ މި މަހުން ފެށިގެން ވެކްސިން ޖެހުމުގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަތަކަށް ޓެސްޓް ހެދުމަކާ ނުލާ ދަތުރު ކުރެވޭނެ ގޮތަށެވެ. އެގޮތުން ބ. އަތޮޅުން ލުއި ލިބުނު ހަތް ރަށަކީ ފެހެންދޫ، ފުޅަދޫ، ދޮންފަނު، ކިހާދޫ، އޭދަފުށި، މާޅޮސް އަދި ކަމަދޫ އެވެ. ބ. އަތޮޅު ފިޔަވައި ރާއްޖޭގެ އެއްވެސް އަތޮޅަކުން ތިން ރަށަށް ވުރެ ގިނައިން މިލިސްޓްގައި ނުހިމެނެ އެވެ. 

މެނޭޖަރު މުހައްމަދު ރަޝީދު އީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ކާމިޔާބީގެ ހައްގުވެރިންނަކީ އަތޮޅުގެ ރައްޔިތުން ކަމަށެވެ. އޭނާ ވިދާޅުވީ ވެކްސިން ޕްރޮގްރާމަށް ބ. އަތޮޅުގެ ރައްޔިތުން ދެއްވީ އާދަޔާ ހިލާފު ތަރުހީބެއް ކަމަށެވެ. 

“އަޅުގަނޑުމެންގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރި. އަނެއްކޮޅުން ރައްޔިތުން މިކަމަށް ދެއްވީ އާދަޔާ ހިލާފު ތަރުހީބެއް. އެއްބާރުލުން ވަރަށް ފުރިހަމަ. އެހެންވީމަ މިހާބޮޑު ކާމިޔާބެއް ލިބުނީ.” ރަޝީދު ވިދާޅުވިއެވެ. 

ރަޝީދު ވިދާޅުވީ އަތޮޅުގެ ރަށްރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައިވެސް އެހެން އަތޮޅުތަކަށް ބ. އަތޮޅުން ނަމޫނާ ދައްކާފައިވާ ކަމަށާއި، އެއީ ވެސް ރައްޔިތުންގެ ކިޔަމަންތެރިކަމުގެ ނަތީޖާކަމަށެވެ.

“ބައްލަވާ ނައިފަރާ، ދުވާފަރު އަދި ނިލަންދޫ ކަހަލަ ބޮޑެތި ރައްރަށް ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކުރަމުންދާ ތަޖުރިބާތައް. އެއާ ހިލާފަށް ބ. އަތޮޅުގެ ރަށްރަށުން ހޯދި ކާމިޔާބީތަކަކީ ހަމަ ރައްޔިތުންގެ އެއްބާރުލުން ނޫން އެހެން ކޯއްޗެއްތޯ.؟ ބ. އަތޮޅުގެ ރައްޔިތުން ކޮވިޑަށް ވަރަށް ހޭލުންތެރި އަދި އެހާމެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވި.” މެނޭޖަރު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ލިސްތުގައި ނުހިމެނި އޮތް ބ. އަތޮޅުގެ ހަ ރަށުގެ ވެކްސިން ޕަސެންޓޭޖް ވެސް ހުރީ 90 ޕަސެންޓާ ދާދި ގާތުގައި ކަމަށާ، ސެޕްޓެމްބަރު މެދުތެރެއަށް ދާއިރު މުޅިއަތޮޅު ޓާގެޓަށް ވާސިލް ވާނެ ކަމަށެވެ. 

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އިއްޔެއާ ހަމައަށް ރާއްޖޭގައި 383،620 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 302،182 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top