ދޮންފަނު އިންވިޓޭޝަން ކަޕްގެ ފައިނަލްމެޗްގައި ހިތްދަތިގޮތަކަށް އޭދަފުށި ބަލިކޮށް ވާދަވެރި ގޮއިދޫން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ގޮއިދޫ ޗެންޕިއަންކަން ހޯދީ ފައިނަލްގައި މިއަދު ހަވީރު ދޮންފަނުގައި ކުޅުނު މެޗްގެ ފުރިހަމަ ވަގުތުގައި އޭދަފުއްޓާ ގޮއިދޫ ހަމަހަމަވެ ޕެނަލްޓީ ޖަހައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތުގެ ނަތީޖާއަކީ 3-3 އެވެ.
މިއަދުގެ މެޗްގައި ފުރަތަމަ ލީޑްނެގީ އޭދަފުށީ ޓީމުންނެވެ. ފުރަތަމަ ހާފްގެ 23 ވަނަ މިނެޓްގައި އޭދަފުއްޓަށް މިލަނޑު ޖަހާދިނީ މިމްރާހެވެ. އޭގެ ތިން މިނެޓްފަހުން ގޮއިދޫން ހަމަހަމަކުރީ ކައުންޓާ އެޓޭކެއްގައި އަލީ މާހިދެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޮއިދޫން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ނަގާފައެވެ. އެލަނޑު ކާމިޔާބުކޮށްދިނީ ނާސިހް ޔޫސުފްއެވެ. ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ ގޮއިދޫގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝަންމޫން ޖަމީލްއެވެ.
ގޮއިދޫގެ ތިންވަނަ ލަނޑާއެކު އޭދަފުށީގެ ކުޅުންގަނޑު ވަރުގަދަކޮށް ކުރިއަށް ޖެހިގެން ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ މެޗްގެ 66 ވަނަ މިނެޓްގައި އޭދަފުށީން ދެވަނަ ލަނޑު އަލީ ނަސީމް ޖެހުމެވެ. އޭދަފުށީގެ 3 ވަނަ ލަނޑު 70 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އުނައިސް ޒުބައިރެވެ.
މިނަތީޖާއާއެކު އޭދަފުށީ ޓީމުން އެޓޭކްތައް ވަރުގަދަކޮށް މެޗްގެ ފަހުވަގުތު އިތުރުގޯލެއް ޖެހުމަށް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗް ނިމުނީ 3-3ގެ ނަތީޖާއެއްގައި އޮވެގެންނެވެ. ޕެނަލްޓީ ގެ ފުރަތަމަ 5 ޕެނަލްޓީން 4 ޕެނަލްޓީ ކޮންމެ ޓީމަކުންވެސް ކާމިޔާބުކުރިއެވެ. ނަތީޖާނެރުމަށް ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން އޭދަފުށި ބަލިވީ 11 ވަނަ ޕެނަލްޓީ ގޮއިދޫ ކީޕަރު ދިފާއުކުރުމާ ގުޅިގެންނެވެ. އެޕެނަލްޓީ ޖެހީ އޭދަފުށި ކީޕަރު މުހައްމަދު ޝާންއެވެ. އެހެންކަމުން މިއަދުގެ މެޗްގެ ނަތީޖާއަކީ 13-12 އެވެ.
މިއަދުގެ ފައިނަލް މެޗަށް ގާތްގަނޑަކަށް ހާހެއްހާ ކުޅިބެލުންތެރިން ދިޔަކަމަށް އޭދަފުށީ ވޮއިސްގެ ރިޕޯޓަރު ބުންޏެވެ. އެއީ އޭދަފުށިން ފައްސަތޭކައެއްހާ ކުޅިބެލުންތެރިން އަދި ގޮއިދުއާއެކު އަތޮޅުގެ އެހެންރަށްރަށުންނާ، ދޮންފަނުން ފައްސަތޭކައެއްހާ ކުޅިބެލުންތެރިންނެވެ. މެޗްގެ ފޯރިގަދަ ވަގުތު ތަކުގައި ކުޅިބެލުންތެރިންގެ ފޯރިގަދަ ސަޕޯޓާއި ދެޓީމްގެ ސަޕޯޓަރުންގެ ޒުވާބުތައްވެސް ފާހަގަކޮށްލެވުނެވެ.
ޗެންޕިއަން ޓީމާ، ޝަރަފްވެރި މަގާމްތަކަށް އިމާނާ ޓްރޮފީ ދެއްވީ ރާއްޖޭގެ މަޝްހޫރު ކޯޗް އަލީ ސުޒޭން އެވެ.
ގޮއިދޫ މުބާރާތުގެ ތަށި ހޯދިއިިރު މިއީ އަތޮޅު ލެވެލްގައި ގޮއިދުއާ އޭދަފުށި މިދިޔަ ފަސްއަހަރުގެ ތެރޭގައި ފައިނަލެއްގައި ބައްދަލުކުރި 3 ވަނަ ފަހަރެވެ. މިތިން މެޗުންވެސް ގޮއިދޫ ވަނީ މޮޅުވެފައެވެ. އެއީ 2012، 2014 ވަނަ އަހަރު އަތޮޅު ޗެލެންޖް ފައިނަލާއި، މި މުބާރާތުގެ ފައިނަލެވެ. އަތޮޅު ޗެލެންޖް 2012 ގައިވެސް އޭދަފުށި ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. 2014ގައި ގޮއިދޫން އޭދަފުށި ބަލިކުރީ 4-1ން ނެވެ.