ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް- ޓްރާންސްޕޯޓް

large_156707835612RPoZ.jpg

ބަންޑުން ޖަހާލި ލޯންޗު: ބަންޑުން ޖަހާލި ލޯންޗުގައި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައި ނުވޭ --- ފޮޓޯ/ އެމްއެންޑީއެފް

ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސިންޖަރުން ލައިފްޖެކެޓު އެޅުވުމަކީ އެ އުޅަނދެއްގެ ކެޕްޓަންގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފި އެވެ.

މިއަދު ހދ. ނޮޅިވަރަންފަރުން ހަނިމާދު އަށް ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހަކު މަރުވި ހާދިސާ އަށް ފަހު މިރޭ ޓްރާންސްޕޯޓުން ނެރުނު އިއުލާނުގައި ވަނީ، މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރަށް ފަށާއިރު ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށް އެ ކަންކަން ބެލުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ކޯސްޓް ގާޑުން ބުނިގޮތުގައި އެ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައި ނުވާ ކަމަށެވެ.

މިރޭ ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ބުނީ، އާދަޔާ ހިލާފަށް ވައި ބާރުވެ، މޫސް ގޯސް ދުވަސްތަކުގައި ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ދަތުރުކުރުމަކީ، ނުރައްކާތެރި އަދި ހިތާމަވެރި ހާލަތްތައް މެދުވެރިވާނެ ކަމެއް ކަމަށެވެ. އެގޮތުން މޫސުން ގޯސްވެ، ކަނޑުގަދަވާ ދުވަސްތަކުގައި ދަތުރު ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، ކަނޑުދަތުރު ކުރާ އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިން އަދި އުޅަނދުފަހަރުގެ ކެޕްޓަން ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބަޔާނުގައި ސަމާލުކަން ދިނުމަށް ފާހަގަކޮށްފައިވާ ކަންތައް:

  • ފަސިންޖަރުން އުޅަނދަށް އަރުވާފައިވަނީ އެކަށީގެންވާ މިންވަރަށްތޯ ޔަގީންކުރުން.
  • ލައިފް ޖެކެޓް އަޅުވަން ޖެހޭ ގޮތް ބުނެދީ، ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން.
  • އުޅަނދުގައި ސަލާމަތީ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީން ކުރުން.
  • މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުން ކުރެވޭ ގޮތަށް އެ އާލާތްތައް ހުޅުވާފައި ހުރުން.
  • ދަތުރަށް ބޭނުންވާވަރަށް ތެލާއި، ހަކަތަ އަދި ފެން ހުރި ކަން ކަށަވަރު ކުރުން.
  • ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން.
  • މުސުމާ ގުޅޭ މައުލޫމަތު ކަމާގުޅުން ހުރި ފަރާތްތަކުން ހޯދުމަށްފަހު، މޫސުމަށް ބަލައިގެން ދަތުރުކުރުން.
  • ފަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރިކަމެއްގައިކަން ކަށަވަރުކުރުން.
  • ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top