ބ.އަތޮޅަށް ސްޕޯޓްސް ކައުންސިލަރެއް ހޯދަން ކުޅިވަރާބެހޭ ވުޒާރާ އިން މިއަދު ގެޒެޓުގައި އިއުލާންކޮށްފިއެވެ.
ބ.އަތޮޅާއެކު ޖުމްލަ 125ރަށަށް 131 ސްޕޯޓްސް ކައުންސިލަރުން ހޯދަން ކުރި މި އިއުލާނުގައިވާ ގޮތުން ސްޕޯޓްސް ކައުންސިލަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޯލެވެލްގެ ދެ މާއްދާއިން ދަށްވެގެން “ޑީ” ފާސް އަދި ދިވެހި މާއްދާއިން ފާސްވެފައިވުން ނުވަތަ ސެޓްފިކެޓް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމެވެ. އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ ދިހަވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކުޅިވަރާބެހޭ ވުޒާރާއަށް ލިޔުންތައް ހުށަހަޅަން ޖެހެއެވެ.
މި އިއުލާނުގައި ހދ. ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑޫ އަދި މާލެ ފިޔަވައި ކޮންމެ ރަށަކަށް ވެސް ހޯދަން އިއުލާންކޮށްފައިވަނީ އެއް ސްޕޯޓްސް ކައުންސިލަރެވެ. އިއުލާނުގައިވާ ގޮތުން ކުޅުދުއްފުއްޓަށް ދެ ސްޕޯޓްސް ކައުންސިލަރުން ނެގުމަށް ހަމަޖެހިފައިވާ އިރު، ފުވައްމުލަކު އުތުރު އަދި މެދު ދާއިރާއަށް ސްޕޯޓްސް ކައުންސިލަރެއް ނެގުމަށް ހަމަޖެހިފައިވެއެވެ. އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، އެއިން ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ނެގުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން މާލެއަށް ނެގުމަށް ހަމަޖެހިފައިވަނީ ފަސް ސްޕޯޓްސް ކައުންސިލަރުންނެވެ.
ރާއްޖޭގެ ކޮނމް ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.