އަތޮޅުތަކުގެ ސިއްހީ ހާލަތު ސިފަކޮށްދެއްވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އިހަށްދުވަހު ވިދާޅުވެފައިވެއެވެ. “މިހާރު އަތޮޅުތަކުގެ ސިއްހީ ނިޒާމު އޮތީ އޮޔާ ދަންދެން ދޫކޮށްލައިފައެވެ.” މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ 16 މޭ ގައި ހެލްތު މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލު ވުމެއްގައި ސިއްހީ ހާލަތާބެހޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.
އެއީ ތެދެއް ހެއްޔެވެ؟ ޔަގީން ކަމާއެކު ބުނެވޭނީ ފެންނަން މިހިރަ ބ.އަތޮޅު ހޮސްޕިޓަލްގެ ވާހަކައެވެ. އެދަރަޖައަށް ބ.އަތޮޅު ހޮސްޕިޓަލް ވެއްޓި އޮޔާގޮސްފައިވާ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ބައެއް ދިމަދިމާގައި ލޫޕްހޯލްތައް އެބަހުއްޓެވެ. އެކަމަކު އޮޔާދާން ދޫކޮށްލެވިފައިވާ ހޮސްޕިޓަލެއްގެ ގޮތުގައި އެސިފަކުރެއްވި ސިފަ ކުރެއްވުމަކީ އަމިއްލަ ޒިންމާއިން ރެކެންވެގެން ކުރެއްވި ހަގިގަތާ ޚިލާފު ތުހުމަތެކެވެ. ދިވެހިންގެ ތެރޭގައި މިއަދާހަމައަށްވެސް ދެމިގެން އައިސްފައިވާ އާދަކާދައިގެ މަތިން ،ނަގައިގަތް ކަތީބަށް ރައްޔިތުންނަށް ކަމެއް ކޮށްދެވިފައި ނުވާކަން ރައްޔިތުންގެ ބޮލަށް ވެއްދުމުގެ ގޮތުން އަލަށް އައި ކަތީބު ބުނި ބަހެކެވެ. ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ނެތެއް ނޫނެވެ. ލޫޕްހޯލްތަކަށް ބަލާނަމަ އެންމެ ބޮޑަށް ފާހަގަކުރެވޭ ދިމާއަކީ ނަރުހުންގެ ދާއިރާއެވެ.
ނަރުހުންގެ ވަޒީފާ ތަފާތެވެ. އިންސާނިއްޔަތަށް ޓަކައި ޚިދުމަތް ކުރާ ބައެކޭ ބުނަނީ އެހެންވެގެންނެވެ. 24 ގަޑިއިރު އެލާޓުގައެވެ. ދަންފަޅި ބަހައިގެން ޑިއުޓީ އަދާކުރަން ޖެހޭ ބަޔަކަށް ވާއިރު ކުރިން އެނގުމެއްނެތި ހީވެސް ނުކުރާ ކަމެއް ކުރަން ނުވަތަ ތަނަކަށް ދާން ޖެހިދެއެވެ. ބައެއް ފަހަރު ބަލިމީހަކު ގޮވައިގެން ހަމަ މިހާރު މާލެ ފުރަން އެންގުމުން ހަމަ މިހާރު ފުރުން ނޫން ގޮތެއް ނޯންނާނެއެވެ. މެންދުރެއް މެންދަމެއްނެތި މޫސުން ކިތަންމެ ގޯސްވިޔަސް ފުރަން އަންގައިފިނަމަ އެއީ ފަހުގެ ނިންމުމެވެ.
ބ.އަތޮޅު ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ ނަރުހުންގެ އެންމެ ބޮޑު ޝަކުވާއަކީ މިއީއެވެ. ފުރަން ޖެހުމަކީ މައްސަލަ އެއް ނޫނެވެ. އެއީ އޭނާގެ ޑިއުޓީއެވެ. އެކަމާ ޝަކުވާއެއް ނުކުރެއެވެ. ޝަކުވާ ކުރުމުގެ ޖާގައެއްވެސް ނޯންނާނެއެވެ. ޝަކުވާ އަކީ ދަތުރު ކުރުމުގައި އުފުލަންޖެހޭ ތަކުލީފެވެ. އަލަށް އުފަންވެފައިވާ މި މައްސަލަ ދިމާވާން ފަށާފައިވަނި ބ.އަތޮޅު ހޮސްޕިޓަލްގައި އޮންނަ ސީއެމްބިއުލާންސް ހަލާކުވެފައިވާ ހިސާބުންނެވެ. މިއަހަރުގެ ޖަނަވަރީން ފެށިގެން ސީއެމްބިއުލާންސް އޮންނަނީ ހަލާކުވެފައެވެ.
ބ.އަތޮލު ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާ އަދާކުރާތާ ދިހަ އަހަރުވެފައިވާ ނަރުހަކު ބުނީ ސީ އެމްބިއުލާންސް ހަލާކުވުމާ ހަމައިން ބަލިމީހުން ގޮވައިގެން މާލެދާންޖެހޭ ނަރުހުން އުފުލަން ޖެހޭ ތަކުލީފު ވަރަށް ބުރަކަމުގައެވެ.
“ވާ ގޮތަކީ ޕޭޝަންޓް ބަލިމީހަކު ރެފަރ ކުރާއިރު ފުރަތަމަ ބުނާނީ މަތިން ޖާގަ ހޯދަން. ވަރަށް ގިނަ ފަހަރު މަތިން ޖާގައެއް ނުލިބޭ. ދެން ރ.ނުވަތަ ޅ. އަތޮޅުގަ އޮންނަ ސީ އެމްބިއުލާންސް މި ހަމަޖައްސަނީ. އުސޫލު އޮންނަ ގޮތަކީ އެ ސީ އެމްބިއުލާންސް އަންނަ ތަނަކުން ނަރުހުން ވެސް އަންނަން. މިސާލަކަށް ޅ.އިން ނަރުސް ކުއްޖާ އައިސްފަ މާލެ ގޮސްފަ ސީއެމްބިއުލާންސް ދާނީ ޅ.އަށް. އެކަމަކު މިހާރު ހަދާ ގޮތަކީ ސްޓާފުން ޝޯޓޭޖޭ ކިޔާފަ އެތަންތަނުން ނަރުހުން ނުފޮނުވަނީ. ދެން އޭދަފުށިން ނަރުސް ދާން ޖެހެނީ. އެހެންވީމާ ސީއެމްބިއުލާންސް ނަރސްގޮވައިގެން އޭދަފުއްޓަށްވެސް އަންނަން ޖެހެނީ. އެކަމަކު ސީ އެމްބިއުލާންސްގަ ތިބޭ މީހުން އެގޮތް ބޭނުމެއް ނުވޭ. އެމީހުން ބުނަނީ ތިމަންނަމެން ރިޕެއަރ އަށޭ މިދަނީ އަނބުރައެއް ނާންނާނަމޭ ދެދުވަސްވަރު ވާނެއޭ.”
މިހިސާބުން ނަރސް މިޖެހެނީ އަމިއްލަ އަށް ޖާގަ ހޯދައިގެން މާލެއިން އެނބުރި އަންނާށެވެ. ނަރސް ބޭނުންވާނީ އަވަހަށް ރަށަށް އައުމެވެ. އޭނާގެ ޑިއުޓިއަކީ ޕޭޝަންޓް އައިޖީއެމްއެޗްގެ ޑޮކްޓަރަކާ ހަމައަށް ގެންދިއުމެވެ.އެހިސާބުން ޑިއުޓީ ނިމުނީއެވެ. ދެން އެނާ ބޭނުންވާނީ ވީހާ އަވަހަކަށް އެނބުރި އައުމެވެ. އެކަމަކު ގިނަ ފަހަރު ވަގުތުން ޖާގައެއް ވެސް ނުލިބެއެވެ. ޖާގަ ލިބޭނީ އަނެއް ދުވަހު ނުވަތަ އެއްދުވަސް ދެދުވަސްވަރުގެ ފަހުންކަމަށްވެސް ވެދާނެއެވެ. އެއަށްވުރެ އަވަހަށް ބޭނުންވާނަމަ އޮތް ހަމައެކަނި ގޮތަކީ އަމިއްލަ އަށް ޚަރަދުކޮށްގެން މާލެއިން އައުމެވެ.
މި ހިނގާ ރަމަޟާން މަހުވެސް ނަރސް އަކަށް ވަނީ މިފަދަ ގޮތެއް ދިމާވެފައެވެ.
“ނަރސް ދިޔައީ ޅ. އަތޮޅު ސީ އެމްބިއުލާންސްގައި އޭދަފުށިން ބަލި މީހަކު ގޮވައިގެން މާލެއަށް. ފުރުމުގެ ކުރިން މާލެ، އާސަންދައިން މި ބުނަނީ ނަރސް އޭދަފުއްޓަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން އެމްއެންޑީއެފް އުލިގަމުން ދީފައިވާ ކަމަށް. އެޔަގީންކަން ދިނީމަ ނަރސް މި ފޮނުވީ. ރޭގަނޑު 12:30 އެހާކަށް ހާއިރު. އެކަމަކު މާލެފުރަން ލޯންޗަށް އެރިތަނުން އެމީހުން ބުނެފި އެނބުރި އޭދަފުއްޓަކަށް ނާދެވޭނެއޭ. ތިމަންނަމެން މިދަނީ ރިޕެއަރ އަށޭ.” ބ.އަތޮޅު ހޮސްޕިޓަލުގެ ނަރުހަކު ކިޔައިދިނެވެ.
ނަރސް މާލެއަށްފުރީ ރޭގަނޑު 12:30ގައެވެ. މާލެ ދެވުނު އިރު ދަންވަރު 2 ޖަހައިފިއެވެ. ރަށަށް އެނބުރި އާދެވޭނެ ގޮތެއްނެތެވެ. ކާނެ ބޯނެ އެއްޗެއްވެސް ނުލިބި ރޯދަ ވީއްލި ގޮތަށް އެރޭ އެނާ ހޭދަކުރީ އައިޖީއެމްއެޗް މިސްކިތުގައެވެ. މިއީ މިކަން ހިނގަން ޖެހެނެ ގޮތެއް ނޫނެވެ. ނަރސްގެ މި ގައުމީ ޚިދުމަތް ބަލައިގަންނަން ޖެހޭ ގޮތަކީ މިއީ ކަމަށް ވާނަމަ ދައްކާނެ އިތުރު ވާހަކައެއް ނެތެއް ނޫންތޯއެވެ.
މިކަން މިގޮތަށް ހިނގާ ކަން ބ.އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހުމަދުވަހީދު ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާމެދު އަތޮޅު ހޮސްޕިޓަލުން ކުރެވޭނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
“އެބަޖެހޭ އައިޖީއެމްއެޗުންވެސް މިފަދަ ވަގުތަކު ބަލިމިހުންނާއެކު ދާ ނަރުހުންނަށް އިރުއަރަންދެން އެކުދިން ތިބެލާނެ ތަނެއް ހަމަޖައްސަން. އެމްއެންޑީއެފް އާއެކު އޮތް ބައްދަލުވުމެއްގައި ވަރަށް ގިނަ އަތޮޅުތަކުން އެ ޝަކުވާކުރި. ވަރަށް ޕޮޒިޓިވްކޮށް ޖަވާބުވެސް ދިނީ. އެކަމަކު އަދިވެސް ހަމައެއް ނުޖެހޭ.” ވަހީދު ވިދާޅުވިއެވެ.

އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު ހެލްތް މިނިސްޓަރާއެކު. ނަރުހުންގެ ޝަކުވާތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި / ފޮޓޯ: އަތޮޅު ހޮސްޕިޓަލް އެފްބީ ޕޭޖް
އެހެން ނަރުހެއްގެ ޝަކުވާއަކީ ޑިއުޓީ އަދާކުރަންޖެހޭ ވަގުތު ދިގުވުމެވެ. ސިވިލް ސާވަންޓުންނަށް ރޯދަ މަހު ހަތަރު ގަޑިއިރު އޮންނަ އިރު ނަރުހުންނަށް ހަ ގަޑިއިރު އޮވެފައި ރޯދަމަސް ނޫން މަސްމަހު ނަރުހުންނަށް 8ގަޑި އޮވެފައި އެހެން މުވައްޒަފުންނަށް ހަ ގަޑިއިރު ޑިއުޓީ އަދާ ކުރަންޖެހުމަކީ ނަރުހުންނަށް އުފުލަން ޖެހުނު އިތުރު ބޮޑު ބުރައެއްކަމަށް އޭނާ ބުންޏެވެ.
އެކަމާ ބެހޭގޮތުން ވަހީދު ވިދާޅުވީ ނަރުހުން އަށްގަޑިއިރު ޑިއުޓީގައި ތިބޭ ވާހަކަ ދައްކާއިރު އެނިންމުމަކީ އެމީހުންނަށް މުސާރަ ބޮޑުކުރަންވެގެން ނިންމި ނިންމުމެއް ކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމުގައެވެ. އަދި ސިވިލް ސަރވިސް އެހެން މުވައްޒަފުންނާ ނަރުހުންގެ މުސާރަ ތަފާތުވާ ވާހަކަ ނުދައްކަނީ ކީއްވެގެންތޯ ވަހީދު ސުވާލު އުފެއްދެވިއެވެ.
ނަން ހާމަ ނުކުރުން އެދި ބ.އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވީ ނަރސްއަކު އޭނާގެ އުދާސްތައްވެސް ބޭރުކޮށްލިއެވެ.
“ބޭނުމަކީ މައްސަލައެއް އުފެއްދުމެއް ނޫން. ބޭނުމަކީ ކަންކަން ރަނގަޅު ކުރުން.” ފުރަތަމަވެސް ބުނެލީ މިހެންނެވެ.
“މިތަނުގަ ފުދޭ ވަރަކަށް ނަރުހުން މަދު. މިތަނުގެ ވަޒީފާގައި ރަޖިސްޓްރީވެފައިވާ ފަސް ހަ ނަރުހަކު ވަޒީފާއިން ވަކިނުވެ ނޯޕޭ ލީވް ނަގައިގެން ހިނގައްޖެ. އެހެންވީމާ މިވާގޮތަކީ އެކުދިންގެ ޖޮބް މި އޮންނަ ގޮތުން އިތުރު ކުދިން ނެގޭކަށް ނެތް. އެމީހުން ތިބީ ވަޒީފާގައި. އިތުރު މަގާމްތަކެއް ނުއުފެއްދެނެތާ!” އޭނާ އޮޅުން ފިލުވައިދިނެވެ.
އެހެންވީމާ މުޅިތަން މެނޭޖްކުރަން ޖެހެނީ ހޮސްޕިޓަލަށް ބޭނުންވާ ނަރުހުންނަށް ވުރެ ފަސް ހަ ނަރުހުން މަދުކޮށެވެ. މާނައަކީ ވަޒީފާގައި ތަނުގައި މަސައްކަތްކުރާ މަދު ނަރުހުންނަށް އަނެއްކާވެސް ޕްރެޝަރ ބޮޑުވީއެވެ. މިސާލަކަށް ޑެންޓަލް ހިދުމަތަކީވެސް އަލަށް ފެށި ހިދުމަތެއް ކަމަށްވިޔަސް އިތުރު ނަރުހަކު ނެތި އެތަންވެސް މެނޭޖްކުރަމުން ދަނީ މިހާރު ތިބި ނަރުހުންނެވެ.
އޭނާ އިތުރަށް ބުނީ މިރަށުގައި ވަޒީފާ ބޭނުން ނަރުހުން ވެސް އެބަތިބި ކަމަށާ އެކަމަށް އެޕްލައިވެސް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެކުދިންނަށް ޖޮބް ނުލިބިގެން މިއުޅެނީ މިތަނުގައި ވަޒިފާ ނެތިގެންކަމަށެވެ.
“ކޮންޓްރެކްޓް އުސޫލުން އެފަދަ ނަރުހުން ނެގިދާނެ. އެހެންނަމަވެސް އަލަށް އަނެއްކާވެސް މަގާމެއް އުފައްދަން ޖެހުމަކީ ބަޖެޓަށް ވެސް ބާރު ބޮޑުވާކަމެއް ވާއިރު އެއީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ” ވަހީދު ވިދާޅުވިއެވެ.
ނަރުހުންގެ ޝަކުވާ ތައް ނިމުނީއެއް ނޫނެވެ. މިއީ ކުޑަ މިންވަރެކެވެ. ބޭނުމަކީ ކުރިން ވާހަކަ ދެއްކި ނަރސް ބުނިހެން މައްސަލަ އުފެއްދުމެއް ނޫނެވެ. ކަންތައްތައް ރަނގަޅު ވުމެވެ. އެކަމަކު ކަންތައް ރަނގަޅުވާނީ ރަނގަޅު ކުރަން ތިބި މީހުންގެ އިޚްލާސްތެރިކަން ހުރެގެންނެވެ. މިއީ ވަރަށް ވާހަކައެވެ.
ކިޔުންތެރިންގެ ޚިޔާލު