ރައްޔިތުންގެ އަޑު: އޭދަފުށީގެ ދަފްތަރުގައި އޮތީ އެންމެ 36 ބިދޭސީން ؟

final-bidheysi.jpg

އޭދަފުށީގައި މަސައްކަތް ކުރާ ބައެއް ބިދޭސީން

ނޯޓް: ”ރައްޔިތުންގެ އަޑު”މިއީ ބ.އަތޮޅުގެ ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާފައިވާ ސަފްހާއެކެވެ. ބޭނުމަކީ ސަރުކާރުން ހިންގާ މަޝްރޫއުތަކާ އަދި އަމިއްލަ ފަރާތްތަކުން ހިންގާ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުން ރައްޔިތުންނަށް ލިބޭ ފައިދާ ނުވަތަ ގެއްލުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ފާޅުކުރުމުގެ ޕްލެޓްފޯމެއް ގާއިމު ކޮށްދިނުމެވެ.

މިފަހަރުގެ ސުވާލު އަމާޒު ކުރެވިފައިވަނީ އޭދަފުށީގައި އުޅޭ ބިދޭސީންނާ ބެހޭ ގޮތުންނެވެ.

ބިދޭސީންގެ ސަބަބުން ގައުމުގެ ގައުމީ މަސްލަހަތަށް މި ވަގުތު މެދުވެރިވެފައިވަނީ އެކަމާމެދު ކޮންމެ ދިވެއްސަކުވެސް ފުންކޮށް ވިސްނާލަން ޖެހޭފަދަ ހާލަތެކެވެ. ގައުމު އޮތީ ކަރުނަ އަލާލަންޖެހޭ ފަދަ ހާލަތެއްގައެވެ. މިދުވަސްވަރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ އެމީހުންލައްވާ އެތައް ދުވަހަކު މަސައްކަތް ކުރުވާފައި މުސާރަ ނުދޭ ވާހަކައެވެ. މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އިންސާނިއްޔަތާވެސް ޚިލާފު އަނިޔާވެރި އަމަލެކެވެ. ތިމާއަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ލިބޭނެ ހިތާމަ އެމީހުނަށްވެސް ލިބޭނެކަން ދަންނަންވާނެ އެވެ.އޭގެ އަނެއް ކޮޅުވެސް އެބައޮތެވެ. އެއވެސް ހާލެއްގައި ގައުމުގެ ސަލާމަތީ ބާރުތަކާ ކުރމަތި ލުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. ގައުމުގެ އެއްވެސް ރައްޔިތަކު މާފު ދޭނޭ ކަމެއްވެސް ނޫނެވެ.

އިމެއް މިނެއް ނެތި ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީންގެ އަދަދު މިއަދު ހާހުން ގުނާލެވޭ އިރު މިއަދަދު އިތުރުވަމުން އެމީހުންގެ އާބާދީ ބޮޑުވަމުން ދިއުމަކީ ނުރައްކަލުގެ ސިގްނަލެކެވެ. އަހުރެމެންގެ އާދަކާދަތަކާ އިޖްތިމާއީ ހަޔާތަށް ހީވެސް ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ތަކެއް ވެގެން ދާނޭ ކަމެކެވެ. އަޚްލާގީ ގިނަ މައްސަލަ ތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. މިއީ ދުނިޔެ ދައްކަމުން ގެންދާ ހަގީގަތެކެވެ. މިކަމާމެދު ވިސްނަން ޖެހެނީ ހަމައެކަނި ސަރުކާރުން އެކަންޏެއް ނޫނެވެ. މިއީ ކޮންމެ ދިވެއްސެއްގެވެސް ފަރުދީ  ޒިންމާއެކެވެ. އެހެން ނޫންނަމަ ބިދޭސީން ގިނަވުމުގެ ސަބަބުން ބައެއް ގައުމުތަކުގައި އެގައުމުގެ އަމިއްލަ ވަންތަކަމާއި ނަސްލު އޮޅި ދާޚިލީ ބޮޑު ހަމަނުޖެހުން ގަނޑަކަށް ދިޔަ ގައުމުތައް ފަދައިން މި ކުޑަކުޑަ ދިވެހި ރާއްޖެ ހިމެނުމަކީ ނުވާނެކަމެކޭ ބުނެވޭވަރަށް ވުރެ ކަންތައްތައް ދަނީ ގޯސް ދިމާއަކަށެވެ.

މި ކަންކަމަށް އަލި އަޅުވާލުމާއެކު މި ނޫހަށް މިފަހަރު ކިއުންތެރިއަކު ފޮނުވާފައިވާ ސުވާލަކީ އޭދަފުށީގައިވެސް ފުދޭ ވަރަކަށް ބިދޭސީން އުޅޭތީއާއެކު އެމީހުން އުޅެމުން އެގެންދަނީ ގަވާއިދާ އެއްގޮތަށް ތޯ ސާފު ކުރުމުގެ ގޮތުންނެވެ. ސުވާލު އަމާޒު ކުރެވެނީ އޭދަފުށީ ކައުންސިލަށެވެ.

ސުވާލު: އޭދަފުށީގައި އުޅޭ ބިދޭސީންގެ ރަޖިސްޓްރީއެއް ނުވަތަ ދަފްތަރެއް އެކުލަވާލެވިފައިވޭތޯ؟ އެހެން ކަމަށްވާނަމަ އޭދަފުށީގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދަކީ ކޮބައިތޯ ؟ރަޖިސްޓަރީއެއް އެކުލަވާލެވިފައި ނުވާނަމަ ރަޖިސްޓްރީއެއް އެކުލަވައިލުމުގެ މަސައްކަތް އެބަ ކުރަންތޯ ؟

ޖ: (ޖަވާބު ދެއްވީ އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހުމާން. )

  ”އޭދަފުށީ ކައުންސިލް އިދާރާގައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލެވިފައި ވެއެވެ. މި އިދާރާގައި އޮންނަ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެތަކެއް ފަހަރު މަތިން އާއްމުކޮށް އިއުލާނު ކުރެވި، އެފަދަ ފަރާތްތައް ގެންގުޅޭ މީހުންނަށް ވަކިވަކިން ސިޓީ ފޮނުވާފައި ވީ ނަމަވެސް މިއަދާ ހަމައަށް މިއިދާރާގައި ރަޖިސްޓްރީ ވެފައިވަނީ ޖުމްލަ 36 މީހުންނެވެ. ކަންމިހެން އޮތުމާއެކު ކަމާބެހޭ ފަރާތްތަކާ ގުޅިގެން އޭދަފުށީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ވާހަކަ ދެންނެވިން.“ ރައީސް ތޮލާލު ލިއުމަކުން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top