ފުނައިން ވަފާޖަމްއިއްޔާ ވަކިވެއްޖެ؟

bodu-beru.jpg

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ބ.އަތޮޅުގެ ފަރާތުން އޭދަފުށީގައި މިމަހު ފަހުކޮޅު ބާއްވަން ނިންމާފައިވާ ކުޅިވަރު ޕްރޮގްރާމް “ފުނަ”އިން އޭދަފުށީ ޖަމްއިއްޔަތުލްވަފާ ވަކިވެއްޖެއެވެ.

މިކަމާބެހޭ ގޮތުން އޭދަފުށީ ކައުންސިލުގެ ފަރާތުން މުހައްމަދު ރިޒާ ވިދާޅުވީ “ފުނަ”އިން ވަކިވާނެކަން ވަފާއިން ސީދާ ބުނެފައި ނެތަސް އޭދަފުށީ ކައުންސިލާ ވަފާއާ ވާހަކަދެކެވި އެއްބަސްވެފައިވާ ގޮތަށް ބ.އަތޮޅު ކައުންސިލުން ބަދަލު ގެނެސްފައިވާތީވެ އެއީ ވަފާ އެކަމުގައި ބައިވެރިކުރަން ބޭނުންނުވާތީ ކުރިކަމެއްކަން ވަފާޖަމްއިއްޔާއިން އޭދަފުށީ ކައުންސިލަށް ފޮނުވިސިޓީއެއްގައި އަންގާފައިވާ ކަމުގައެވެެ.

” ވަފާޖަމްއިއްޔާއިން އެދުނީ “ފުނަ” ބާއްވާނެ ތަނަކަށް ވަފާ ޖަމްއިއްޔާގެ ދެކުނުގައި އޮތް ހިއްކި ބިން ހަމަޖެއްސުމަށް. ކައުންސިލުން އެގޮތް ގަބޫލުކުރީ މިރަށުގައި ސަގާފީ ކުޅިވަރުކުޅޭ ހަމައެކަނި ބަޔަކު ތިބީ އެ ޖަމްއިއްޔާގައި ކަމަށްވެފައި އަތޮޅު ކައުންސިލުން ފުނަ ބާއްވާނެތަނެއް ހަމަޖައްސައި ދިނުމަށް މިކައުންސިލުގައި އެދިފައިވާތީ. އެކަންއެގޮތަށް ހަމަޖެއްސިކަން އަތޮޅުކައުންސިލުގައި ދަންނަވާފައި އޮއްވާ އަޅުގަނޑުމެންނަށް އަންގާލުމެއްނެތި “ފުނަ” އާއި ބެހޭގޮތުން އަތޮޅު ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށް ފުނަ ބޭއްވުމަށްހަމަޖެހިފައިވާތަން އެހެންތަނަކަށް ބަދަލުކުރުމުން ވެގެން އުޅޭގޮތެއްމިއީ. ” ވަފާގެ ހިތްހަމަނުޖެހުން އީވީއަށް ހިއްސާކުރަމުން ރިޒާ ވިދާޅުވިއެވެ.

އެހެންނަމަވެސް އަތޮޅު ކައުންސިލްގެ ވާހަކަ ތަފާތުވެއެވެ. އަތޮޅުކައުންސިލްގެ މެންބަރަކު ވިދާޅުވީ ފުނަ ބާއްވާނެތަނަކާ ބެހޭގޮތުން އޭދަފުށީ ކައުންސިލްގައި އެދިފައި ނުވާނެކަމާއި އެކަމާބެހެގޮތުން އެއްވެސް ވާހަކައެއް ދެކެވިފައި ނުވާނޭ ކަމުގައެވެ. އޭދަފުށީ ކައުންސިލްގައި އެދިފައި އޮންނާނީ މި އިވެންޓްގައި ބައިވެރިވާ އެހެން ރަށްރަށުގައިވެސް އެދިފައިވާނޭފަދައިން “ފުނަ” ބޭއްވުމަށް ފެންނަ ރަށަކާ ބެހޭ ގޮތުންނެވެ. ތަނަކާބެހޭގޮތަކުންނޫނެވެ.

އަތޮޅުކައުންސިލުން ބުނީ މިފަދަ ގައުމީކަމެއްގައި ގައުމީރޫހާ ގައުމީލޯތްބަށްވުރެ އަވަށުރޫހު ކުރިއަށް ނެރުމަކީ ހިތާމަ ކުރާކަމެއް ކަމުގައެވެ. އަދި ވަފާޖަމްއިއްޔާ ބައިވެރިނުވުމަކީ މައްސަލައެއް ނޫންކަމާ އެޖަމްއިއްޔާ ބައިވެރި ނުވިޔަސް އޭދަފުށީގައި ފުނަ ޕްރޮގްރާމް ބާއްވާނެކަމުގައެވެ. ސަގާފީ ކުޅިވަރުތަކާ މިހާރުގެ ކުޅިވަރުތައްވެސް ހިމަނައިގެން “ފުނަ” ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާނެކަމުގައެވެ.

“ފުނަ”އަކީ މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަތޮޅެއްގައިވެސް ސަރުކާރާގުޅިގެން ބާއްވަމުން އަންނަ ސަގާފީ ކުޅިވަރުތަކަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ޝޯއެކެވެ. މި ޝޯއަށް ރައްޔިތުންގެ ބޮޑުތަރުހީބެއް ލިބެމުން އަންނަކަމުގައި ފާހަގަކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top