މި އަހަރު ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ވާދަކުރަން ނިންމައިފި އެވެ.
މި އަހަރު ނޮވެމްވަރު މަހު ޕޯޓެރިކޯގައި ބާއްވާ 75 ވަނަ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނީ އާމިނަތު ޔުއިން މުހައްމަދު ކަމަށް މިސް ޔުނިވާސް އިން ބުނެފައިވެއެވެ. އުމުރުން 22 އަހަރުގެ ޔުއިން އަކީ މާލެ އަށް އުފަން މޮޑެލްއެކެވެ.
ރާއްޖެ އިން ފުރަތަމަ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވީ 2024 ގަ އެވެ. އެ އަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ މަރިޔަމް ޝައިނާ ނަސީމެވެ.
މިސް ވޯލްޑް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތުގައި ސައްތަ ސައްތައިން މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ރާއްޖޭގެ ބައިވެރިޔަކު ގައުމު ތަމްސީލު ކުރަން ނިންމުމާ ގުޅިގެން އޭރު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
އެކަމާ ގުޅިގެން އޭރު ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަމަށްވާތީ ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުމަކީ ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ.





