ރޯދަމަހާއެކު އޭދަފުށީ ފިހާރަތަކަށް ލޮޅުމެއް؟!

20190504_123432.jpg

އީވީ ފޮޓޯ

ރަމަޟާންމަހާ ދިމާކޮށް އޭދަފުށީ ބޮޑެތި ފިހާރަތަކަށް ބާރުބޮޑުވެ ވިޔަފާރިއަށް “އޮބި ނޯންނަވަރު” ވަމުންދާކަމަށް އޭދަފުށީގެ ވިޔަފާރިވެރިން ބުނެފިއެވެ.

އޭދަފުށީ ވިޔަފާރިވެރިން ބުނަނީ މިދުވަސްވަރު އެންމެ ބާރުބޮޑުވަނީ ރޯދަމަހަށް ހާއްސަކޮށް ގޭގޭގެ ބަދިގެތަކަށް ބޭނުންވެގެން ގަންނަ ސާމާނުކަމަށާ، ކޮންމެ މީހަކުވެސް ގަނޑުކޮށް މުދާގަންނަމުން އަންނަ ކަމަށެވެ. އޭދަފުށީގައި އެންމެ ފުޅާދާއިރާއެއްގައި ހޯލްސޭލް ރީޓޭލް ވިޔަފާރިކުރާ ފަސްމުގޫ ގްރޫޕްގެ މާކެޓިންގް އެންޑް ސޭލްސް ޑިރެކްޓަރ އިސްމާއީލް ޝަހީމް ބުނީ މިދިޔަ ދެތިން ދުވަހު އާންމުކޮށްވެސް ދިޔައީ ވަރަށް ބާރުބޮޑުކޮށް ކަމަށެވެ. އަދި އަތޮޅު ފެރީ އޮންނަ ދުވަސްތަކުގައި އޮބިނޯންނަ ހިސާބަށްވެސް ކަންކަން ގޮސްފައިވާކަމަށް އޭނާ ބުންޏެވެ.

“ބައެއް ގަޑިގަޑީގައި ފަސްމުގޫ ފިހާރަ އެތެރެއަށް މީހުންނަށް ނުވަދެވި، ވަދެ ތިބި މީހުންނަށް ނުނިކުމެވިވެސް އެބަ ތިބެންޖެހޭ. ބާރުބޮޑުކަމުން. ފެރީ އޮންނަ ވަގުތުތަކުގައި ހަމަ އޮތްބެއް ނޯވޭ. ނޭވާނުލާ އުޅެންޖެހޭ ވަގުތުވެސް އާދޭ” އިސްމާއީލް ބުންޏެވެ.

އިސްމާއީލް ބުނީ ކިތަންމެ ބާރުބޮޑުވިޔަސް އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާވަރަށް ރޯދައަށް މުދާ ގެނެވިފައިވާ ކަމަށާ، އިތުރު މުދާ މާލެއާ ރާއްޖެއިން ބޭރުން ލޯޑް ކުރެވެމުން އަންނަކަމަށެވެ. އަދި ރޯދަމަހު ތާޒާ މޭވާއާއި، ތަރުކާރީ ހުސްނުވެ ބެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އޭނާ ބުންޏެވެ.

އޭދަފުށީ ފަސްމުގޫ ފިހާރައަށް މިއަދު ވިޔަފާރިކުރަން ގޮސްތިބި ބަޔަކު / އީވީ ފޮޓޯ: ޝާހިރު އަހްމަދު

އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ އަދި ހޯލްސޭލްވެސް ކުރަމުން އަންނަ ހީނާ އައިޓަމްސް ފިހާރައިންވެސް ބުނީ މިދެތިން ދުވަހު އާދަޔާ ހިލާފަށް ވިޔަފާރިއަށް ބާރުބޮޑު ކަމަށެވެ.

“ހަމަ ހިންދަމާލެވޭ ވަރެއްނޫން. އާންމުކޮށްވެސް ބާރުބޮޑީ ހަމަ. ދެން ދުވާލު ގަޑިތަކުގައި ރަށްރަށުން ދަތުރު ހަދައިގެންވެސް ފުދޭވަރަކަށް އެބައާދޭ މީހުން. ކޭސްކޭހުން ދޯންޏަށް ޑެލިވަރީވެސް ކޮށްދެމުން މިގެންދަނީ” ހީނާ އައިޓަމްސް މެނޭޖަރ ބުންޏެވެ.

އޭދަފުށީ ބަނދަރުގައި ހުރި އެސްޓީއޯ ފިހާރައިންވެސް ބުނީ މިދުވަސްވަރު އެފިހާރައަށް ވިޔަފާރި ކުރަން އަންނަމީހުންގެ އަދަދު ގިނަ ކަމަށާ، ހާއްސަގޮތެއްގައި އަތޮޅު ތެރޭގެ ރައްޔިތުން ގިނައަދަދަކަށް ޒިޔާރަތް ކުރަމުން އަންނަ ކަމަށެވެ.

އޭދަފުށީ ފިހާރަތަކުގެ ވިޔަފާރި ރަނގަޅުވެ އޮބިނޯވެގެންދިޔައިރު ރޯދައާދިމާކޮށް ކާބޯތަކެތީގެ އަގުތައްވެސް ދަނީ އުފުލެމުންނެވެ. އެގޮތުން ބ. އަތޮޅުގައި ކަރާގެ އަގު މިހާރުވަނީ 25ރ އާ 30 ރ އާ ދެމެދުގެ އަގަކަށް އުފުލިފައެވެ. ގިތެޔޮމިރުސް ކިލޯއެއް -/1100ރ އަށް ހުރިއިރު ކާއްޓެއް ގަންނަ ލިބެނީ 10 ރ އަށްވުރެ ބޮޑު އަގަކަށެވެ. ތަރުކާރީގެ ތެރެއިން ކެބެޖް ކިލޯ 60ރ، ބީންސް ކިލޯ 70ރ، ޓޮމާޓޯ ކިލޯ 40ރ އަށް އިއްޔެވަނީ އުފުލިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top