އަންނަ ސެޕްޓެމްބަރު މަހު ބ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ފެށުމަށް ނިންމައިފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އާރްޓީއެލް ފެރީގެ ހިދުމަތް އަންނަ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށާއި ރ. އަތޮޅުގައި ފަށާނީ ކުރިއަށް އޮތް އޯގަސްޓް މަހުކަމަށެވެ. އަދި ސެޕްޓެމްބަރު މަހު ބ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެ ކަމަށް އަމީންވިދާޅުވިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތަކީ ރައްޔިތުންނަށް މުހިއްމު ހިދުމަތެއް ކަމަށް ފާހަގަކުރައްވަމުން އަމީން ވިދާޅުވީ އެ ހިދުމަތުގައި ބޭނުންކުރާ ލޯންޗްތައް ދަތުރުކުރާ ބައެއް ރޫޓްތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. ހާއްސަކޮށް ބައެއް ލޯންޗްތައް މަޑުކުރަން ނިންމާފައިވާ ސްޓޮޕްތަކަށް ބައެއް ބަދަލުތައް ގެންނަމުންދާ ކަމަށާއި އެ ބަދަލުތައް ގެންނަނީ ލޯންޗްގައި ދަތުރުކުރާ މީހުންގެ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށްވެސް ވިދާޅުވި އެވެ.
އާރްޓީއެލް ފެރީ ހިދުމަތް މިހާރު ދެމުންދަނީ ޒޯން 1 (ހއ. ހދ. އަދި ށ. އަތޮޅު)، ޒޯން 2 (ޅ. އަތޮޅު)، ޒޯން 5 (ގއ. އާއި ގދ އަތޮޅު) އަދި ޒޯން 6 ( ފުވައްމުލައް އަދި އައްޑޫ ސިޓީ) ގައެވެ.