މަސްވެރިކަމުގެ މާހިރު، ހާފިޒް އަވަހާރަވެއްޖެ

large_171698681952SMCG.jpg

މަސްވެރިކަމުގެ ދާއިރާއިން މާހިރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މ. ޒިޔާރަތްދޮށުގޭ އަހްމަދު ހާފިޒް 62، މިއަދު އަވަހާރަވެއްޖެ އެވެ. ހާފިޒް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަދުވަސް ތަކެއް ފަހުން މިއަދު މެންދުރު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

އޭދަފުށީ ދޫރެސް، އަމީދާ އިބްރާހީމް އާއި ކައިވެނި ބައްލަވައިގެން އުޅުއްވާ ހާފިޒު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ދިރާގުގެ ބޯޑު މެންބަރުކަމުގެ އިތުރުން ސަރުކާރުގެ އެތައް މަގާމެއް ފުރުއްވައިފައެވެ. އަދި އޭނާއަކީ ކުޅިވަރުގެ ރޮނގުން ވެސް ވަރަށް ބޮޑު ޚިދުމަތްތެރިއެކެވެ. އެގޮތުން ކްލަބް ވެލެންސިއާގެ ގޯލްކީޕަރެއްގެ ގޮތުގައި ކުޅެ، ބާސްކެޓު ބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރެއްވިއެވެ.

ހާފިޒަށް ވަނީ 1991 ވަނަ އަހަރު ވަނީ މަސްވެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމުވެސް  ލިބިވަޑައިގެންފައެވެ. އަދި މަސްވެރިކަމުގެ ރޮނގުން ލިޔުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ވެސް ވަނީ ހާސިލްކުރައްވާފައެވެ.

ހާފިޒަކީ ކުޑައިރުއްސުރެން މަސްމަހާމެއްސާބެހޭ މައުލޫމާތު ވަރަށް މުއްސަނދި ބޭފުޅެކެވެ. މަހެއްގެ ނަން ބުނެލިޔަސް ނުވަތަ ފޮޓޯއެއް ދައްކާލިޔަސް އެމަހަކާ ބެހޭ ތަފުސީލީ މައުލޫމާތު އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެގޮތުން ދިވެހި ކަނޑުގެ ސަރަހައްދާއި، އެ ސަރަހައްދުގައި ދިރިއުޅޭ މަސްމަހާމެއްސަށް އޭނާ ވަރަށް ވެސް ފަރިތައެވެ.

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާ ބެހޭ މައުލޫމާތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ހާފިޒުގެ ނަމާ ގުޅުވައިގެން މަހަކަށް “ހާފިޒް”ގެ ނަން ދިން ހަމައެކަނި ބޭފުޅަކީ ވެސް ހާފިޒެވެ. ހާފިޒް އަވަހާރަވީއިރު އަނބިކަނބަލުންގެ އިތުރުން ފިރިހެން ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ހާފިޒް އަވަހާރަވުމާ ގުޅިގެން އެ އާއިލާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top