ސެންޓޭ ނިއުއަށް ސޮއިކުރީ “ބޮޑު އަގަކަށް”

ސެންޓޭ ކަނާތްފަރާތުން 2ވަނައަށް. ނިއުރޭޑިއަންޓަށް އޭނާ ސޮއިކުރީ ބޮޑުއަގަކަށް ކަމަށް ހަބަރުލިބޭ / ފޮޓޯ: އަލީ ފާސިރު ފޭސްބުކް ޕޭޖް

ސެންޓޭ ކަނާތްފަރާތުން 2ވަނައަށް. ނިއުރޭޑިއަންޓަށް އޭނާ ސޮއިކުރީ ބޮޑުއަގަކަށް ކަމަށް ހަބަރުލިބޭ / ފޮޓޯ: އަލީ ފާސިރު ފޭސްބުކް ޕޭޖް

އިއްޔެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކުރި އޭދަފުއްޓަށް އުފަން ގައުމީ ޓީމްގެ ފޯވާޑް އަލީ ފާސިރު “ސެންޓޭ” އަށް ނިއުރޭޑިއަންޓުން “ބޮޑު އަގެއް” ހުށައަޅާފައިވާކަމަށް ހަބަރު ލިބިއްޖެއެވެ.

ސެންޓޭއާއި ގާތް ގުޅުމެއް އޮންނަ ފުރަތަމަ ޑިވިޜަންގައި ކުޅޭ އޭދަފުށީ ކުޅުންތެރިއަކު ބުނީ އާކޮންޓެރެކްޓާއެކު ސެންޓޭއަށް ސީޒަނަކު ހަލައްކައާ ހަތްލައްކައާ ދެމެދުގެ އަގެއް ލިބޭނެކަމަށާ، މިއީ ރާއްޖޭގެ ފުރަތަމަ ޑިވިޜަންގެ ދެވަނަ ނުވަތަ ތިންވަނައަށް އެންމެ އަގުބޮޑު ކޮންޓްރެކްޓްކަމަށެވެ. އޭނާ ބުނީ ސެންޓޭ ގެންދިއުމަށް މާޒިޔާއިންވެސް ވަރަށް މަސައްކަތް ކުރިކަމަށާ، އޭނާގެ އަގާމެދު މާޒިޔާއިން އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ.

“ފުރަތަމަ މާޒިޔާއަށްވެސް ސެންޓޭ ހުށައެޅީ ހަތްލައްކަ ރުފިޔާ. އެކަމަކު މާޒިޔާއިން އެއްބަސްވުމަކަށް ނާދެވުނު. ނިއުއިން އެވަރުގެ އަގެއް ދީގެންކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ. ގައިމުވެސް ހަލައްކަ ފަންސާސްހާސް ރުފިޔާ އަށްވުރެ ކުޑައެއް ނުވާނެ” ގައުމީ ޓީމަށްވެސް ކުޅެފައިވާ ނަންހާމަކުރަން ބޭނުންނުވާ ކުޅުންތެރިޔާ ބުންޏެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަލީ އަޝްފާގްއަށް ދޭ އަގެއް މުޅިން ސާފެއް ނުވެއެވެ. ކުޅުންތެރިޔާ ބުނީ ސެންޓޭއާ، ގޯލްކީޕަރ އިމްރާން މުހައްމަދުއަށް ނިއުއިން ހުށައެޅީ އެއްއަގެއްގެ އެގްރީމެންޓެއްކަމަށް ބެލެވެއެވެ. އެހެންވެއްޖެނަމަ ދަގަނޑޭގެ ފަހަރުން ސެންޓޭއާ، އިމްރާނަކީ މިވަގުތު ރާއްޖޭގެ އެންމެ އަގުބޮޑު ދެކުޅުންތެރިންނެވެ. ސެންޓޭގެ މިއަހަރު ޓީސީއަށް ކުޅެފައިވަނީ ހަތަރުލައްކަ ފަންސާސްހާސް ރުފިޔާގެ އަގަކަށެވެ.

ފުރަތަމަ ޑިވިޜަންގައި ކުޅޭ އޭދަފުށީގެ މަޝްހޫރު ކުޅޫންތެރިންކަމަށްވާ، ޝިފާން، ޝާފީ، ހަމްޒަތު އަށްވެސް އަހަރަކު ތިންލައްކައާ ހަތަރުލައްކައާ ދެމެދުގެ އަދަދަކަށް ފައިސާ ލިބެއެވެ.

ސެންޓޭ ނިއުއަށް ސޮއިކުރިއިރު މިއީ ނިއު އަށް އޭނާ ކުޅޭ ތިން ވަނަ ފަހަރެވެ. އޭވައިއެލް އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދުނުއިރު ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ތިން ސީޒަނުގައި ނިއު އިން ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދިއިރު ސެންޓޭގެ ދައުރު ވަރަށް ބޮޑެވެ.

ނިއު ދޫކޮށް މި ސީޒަނުގައި ޓީސީ އަށް ބަދަލުވެ ސެންޓޭ ވަނީ ކެރިއަރުގައި މިހާތަނަށް ދެއްކި އެންމެ މޮޅު ކުޅުން ދައްކައިފަ އެވެ. މި ސީޒަނުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި ނަމަވެސް ޓީސީއާ އެކު ތަށްޓެއްގައި އަތްލެވޭ ގޮތެއް ނުވި އެވެ.

އަލަށް ނިއުއާ ގުޅުނު ކީޕަރު އިމްރާން މުހައްމަދާއި ފޯވާޑް، އަލީ ފާސިރު (ސެންޓޭ) ގެ އެގްރިމެންޓްގައި ސޮއި ކުރަން އިއްޔެ ބޭއްވި ހަފުލާފައި ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒު (ޓެޑް) ވިދާޅުވީ ނިއު އަލުން ވަރުގަދަ ކުރުމުގެ ޕްލޭނުގައި އަލަށް އެކުލަވައިލީ ވަރަށް ބޮޑު ވަރަށް ތަފާތު ބަޖެޓެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top