ބ. މާޅޮހުގެ ”ދަގަނޑު އަންހެނާ”

DSCN2486.jpg

ރާބިޔާ އީވީއަށް މައުލޫމާތު ދެނީ - ފޮޓޯ :އީވީ

ރައީސް ކްލިންޓަންގެ ރިޔާސަތުގައި ސެކްރެޓަރީއޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި މެޑެލިން އޯލްބްރައިޓް ، ކްލިންޓަންގެ ސިޔާސަތު ތަންފީޒުކުރުމަށް ކުރެއްވި ބުރަ އަދި ގޮންޖެހުން ގިނަ މަސައްކަތުގެ ސަބަބުން އޭނާއަށް މީހުން މުޚާތަބުކޮށް އުޅުނީ ދަގަނޑު އަންހެނާގެ ނަމުންނެވެ. އިގިރޭސި ބޮޑުވަޒީރުކަން ކުރެއްވި މާގްރެޓް ޗެތަރއަށް ދަނގަޑުގެ އަންހެނާގެ ލަގަބު ލިބިފައިވަނީ އޭނާ ބޭނުންގޮތަކަށް ދުނިޔެ ބައްޓަން ކުރުމަށްް ގެންގުޅުއްވި ސިޔާސަތުގެ ސަބަބުންކަމަށް ބުނެވެއެވެ.

މިކަހަލަ “ދަނގަޑު އަންހެނުން ” ރާއްޖޭގެ ތާރީޚް ވެސް ދައްކާފައިވެއެވެ. މަހާރަނިންގެ އިތުރުން  ދައުލަތް ހިންގުމަށް އަތް ގަދަ ކޮށްލި “ދަނގަޑު ކަނބަލުން “ތަކެއް ދިވެހި ތާރީޚްގެ ފަތްފުށްތަކުން ޖާގަ ހޯދާފައިވެއެވެ.

މިއީ އޭގެ އާ ޗެޕްޓަރެކެވެ. އާވާހަކައެކެވެ. ރާއްޖޭގެ މަހާރަނިންނާ ވަޒީރުންނާއި އެހެނިހެންވެސް ގައުމުގެ ބަސްކިޔާ މަގާމުތަކުގައި ތިއްބަވައިގެން ގައުމަށް ޚިދުމަތްކޮށްފައިވާ ކަނބަލުންނާ މާޅޮހުގެ މި ބަތަލާ އާ ތަފާތުވަނީ ޚިދުމަތުގެ ދާއިރާއެވެ.  އޭނާ ޚިދުމަތަށް ނުކުންނެވީ ސިޔާސި ދާއިރާ އަކުން ނޫނެވެ. ވިޔަފާރީގެ ދާއިރާއިންނެވެ. މި ދާއިރާގައި އަންހެނުންނަށްވެސް ފިރިހެނުންނެކޭ އެއްގޮތަށް އުޅެވިދާނެކަމާއި އެއްވެސް މަސައްކަތަކުން ހޯދޭ ކާމިޔާބީއަކީ ވަކި ޖިންސަކަށް ޚާއްސަކަމެއް ނޫންކަން ދެއްކުމަށެވެ.

މާޅޮހުގެ “ދަނގަޑު އަންހެނާ” އަކީ ރާބިޔާ އަށް މުޚާތަބުކުރެވޭ ވަނަމެއް ނޫނެވެ. އޭނާއަށް ރައްދު ކުރެވޭ ކުޑައިމިސް ބަހެއް ވެސް ނޫނެވެ. އަޅުގަނޑު އަރުވާ ހިތްވާ ލަގަބެކެވެ.

ކުޑަކުޑަރަށެއްގެ އާދައިގެ އާއިލާއަކަށް އުފަންވެފައިވާ ރާބިޔާގެ ވާހަކަ ފަށަންޖެހޭ ހިސާބަކީ މިއީއެވެ.

ދިރިއުޅުމުގެ ބިންގާ ރާބިޔާ އަޅާފައިވަނީ މާލޭގައެވެ. ޒުވާން އުމުރުގައި އައްޑުއަތޮޅުން ހޯދި ލޯތްބަކުން އުފަންވި ކައިވެނި ވީ އޭނާ ކަހަލަ މީހަކާ އެކަށީގެންވާ ވަރަށްވުރެ މާ ބަލިކަށި ގުޅަމަކަށެވެ. ކަންތައްވީ ހީކުރި ގޮތަކަށް ނޫނެވެ. ނުހަނު ލޯބިން އެކުގައި އުޅެ ތިން ކުދިންވެސް ލިބުނުފަހުން ލޯބީގައި ރެނދުލައި އެ ރެނދު ދުވަހެއް ދުވަހަކަށް ބޮޑުވާން ފެށީއެވެ. ރާބިޔާގެ ހަޔާތުގެ އުދަރެސް ކަޅުކޮށްލީއެވެ. އެންމެ ފަހުން ހަޔާތުގެ ފަންސި ގަނޑު ބެހުނީއެވެ. ކަރުނައިގެ ވާރޭއާއި ޝައްކާއި ވަހުމުގެ ތޫފާނުގައި ޖެހި ދެވޭނުދެވޭތަނެއްވެސް ނޭދި ދުވަސްތަކެއް ވިއެވެ. އެންމެ ފަހުން އަމާން ބަނދަރަކާ ހަމައަށް އާދެވުނު އިރު  އެފަންސިގަނޑުގައި ހުރީ ހަމައެކަނި ރާބިޔާއެވެ. ފިރިމީހާ ގެއްލުނީއެވެ.  އެހިތާމައިގެ ތެރެއަށް ބައްޕަ ނިޔާވުމުގެ ފުން ހިތާމަވެސް އިތުރުވީއެވެ.

އެހެންވީމާ އެނބުރިއައީ އުފަންރަށް މާޅޮހަށެވެ. އުމުރުން 32 އަހަރެވެ. އޭދަފުށީ ބަހިއްޔާއިންނާއި މާލެއިންވެސް ތައުލީމު ހޯދައިގެން ހުރީތީވެ ތައުލީމީ ގޮތުން ހުރީ ފުރިހަމަވެފައޭ ބުނެވިދާނެއެވެ.. ޒުވާންކަމުގެ އެންމެ ހޫނު ދުވަސްވަރު ކަމަށް ވިޔަސް އިސްކަން ދެވުނީ ޒަވާޖީ ހަޔާތަކަށްވުރެ ބޮޑަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލާ އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލެވޭތޯއެވެ.

2001ވަނަ އަހަރު މާޗްމަހުގެ އަށްވަނަ ދުވަހަކީ ރާއްޖޭގައި އަންހެނުންގެ ދުވަހަށް ނިސްބަތްކޮށް ފާހަގަ ކުރާ ދުވަހަށް ވެފައި އެދުވަހާ ނިސްބަތްކޮށް 22000ރުފިޔާގެ ކެޕިޓަލަކާއެކު އޭނާގެ ގޭގައި ފިހާރައެއް ހުޅުވީ އަޒުމެއް އޮތިއްޔާ އަލިމަގެއް ފެންނާނެ ކަމުގެ ޔަގީން ކަމާއެކުގައެވެ. އެ ޔަގީން ކަމުގައި އޭނާ އައީ ކުރިއަށެވެ. މަޑުމަޑުންނެވެ. ހީކުރިވަރަށް ވުރެވެސް މާލަހުންނެވެ. އެކަމާ ވިސްނަން ފެށިއެވެ. އެއަށްފަހު އޭނާ ނެގީ ރިސްކެކެވެ. އޭނާގެ ނަން ވިދަން ފެށި ހިސާބަކީ އެއީއެވެ. އެރިސްކު ނުނަގާ ނަމަ މިއަދު  މާޅޮހު ރާބިޔާ އާއި  ރާއްޖޭގައި ދިރިއުޅޭ އެހެން ރާބިޔާ އިންނާއި ތަފާތުވާނީ ހަމައެކަނި ސިފައިންނެވެ.

ވިޔަފާރީގެ އާފެށުން ފަށައިގަތީ ދިރިއުޅުމުގެ އާ ބައިވެރިއަކާވެސް އެކުގައެވެ. އެކަމަކު އެއީ ދިރިއުޅުމުގެ ބައިވެރިޔާއެވެ. ވިޔަފާރި ބައްޓަން ކޮށް ހިންގުމުގައި އުޅުނީ ހަމަ އެކަނި އޭނާ އެވެ.

މި މަސައްކަތުގައި ދިމާވި އެތައް ގޮންޖެހުންތަކެއް ހުރަސްކުރުމަށްފަހު މިހާރު ރާބިޔާ ހުރި ހިސާބު އެނގޭ ހެއްޔެވެ.

” އާއްމު ކާބޯތަކެތީގެ އިތުރުން ގެދޮރު ހަދަން ބޭނުންވާ ސާމާނު އެއީ ފަރުނީޗަރުކަމަށް ވިޔަސް ޖިޕްސަންބޯޑާ ޓައިލްސް ކަމަށް ވިޔަސް މިކަހަލަ ހުރިހާ އެއްޗެއްވެސް  އަޅުގަނޑު ވިއްކަން. އަންނަން އޮތް ކޮންޓޭނަރުގައި ހުންނާނެ ޓިނުވެސް. ”  ރާބިޔާގެ ވިޔަފާރީގެ ދުވެލި ކުރިއަރާފައިވާ ހިސާބު  އޭނާ ބުނެދިނީ މިގޮތަށެވެ.

މި ކުރިއެރުމާއެކު ރާބިޔާގެ ނަން އިވެނީ ބްރޭންޑެއްގެ ގޮތުގައެވެ. ބ. އަތޮޅުގައި ރާބިޔާގެ ނަމަކީ ހަމަ ފައްކާ ބްރޭންޑެކެވެ. ކޮލިޓީ ރަނގަޅު  އަގުވެސް ރަނގަޅުކަމުން އޭނާގެ ފިހާރައަށް ހަމަ ސީދާ ދަތުރު ހަދައިގެން  ތަށިމުށްޓާ ޖިޕްސަން ބޯޑާ ޕްލައިވުޑް ފިލާ ކަހަލަ ބަރު މުދާ ގަންނަން އަންނަނީ ހަމައެކަނި ބ.އަތޮޅު މީހުންނެއް ނޫނެވެ. ބ.އަތޮޅު ކަނޑުއޮޅިތަކުން ނުކުމެ ކާށިދޫ ކަނޑު ހުރަސްކޮށް މާލެއާ ހަމައަށްވެސް ދިޔައީއެވެ. އެފިހާރައިން ބެޑް ރޫމް ސެޓްކަހަލަ އެއްޗެތި ގަނެގެން މާލެގެންދާކަމަށް ރާބިޔާ ބުނީ މިހެން ވީމައެވެ.

މި މަސައްކަތުން މިއަދު ހިންދެމިލިއިރު އޭނާގެ ގުދަނުގައި މިހާރު ހުރި މުދަލުގެ އަގު ދެ މިލިއަނަށް ވުރެ މަދު ނުވާނެކަމަށް ލަފާ ކުރާއިރު މިހާރުވެސް މާލެ އައުމުގެ މަގުމަތީގައި ތިންކޮންޓޭރ އެބައޮތްކަމަށް ރާބިޔާ ބުންޏެވެ.

އީވީގެ ޓީމް ރާބިޔާއާ ބައްދަލުކުރަން އޭނާގެ ފިޔަފާޅިއިސްޓޯރު ކައިރިއަށް ދިޔައިރު އިއްތިފާގުން އޭނާވެސް އޭނާގެ ވޭވް 125 ގެ ސައިކަލުގައި އައިސް ފިހާރައަށް މަޑު ކޮށްލަނީއެވެ. ފުރަތަމަ ފެނުމާއެކުވެސް މި ވަރުގަދަ ޝަޚްސިއްޔަތު ދެނެގަނެވުނެވެ.

އޭނާ ވާހަކަ އީވީއާ ހިއްސާ ކުރަން ފެށިއެވެ.

“މާޅޮހު ރާބިޔާއެއްގެ ވާހަކަ ތަންކޮޅެއް ކުރިން އަޑުއެހީ އަންހެނުން މިސާލަކަށް ބަލަންޖެހޭ މީހެއްގެ ގޮތުގައި.  އިތުރު މީހަކާ ނުލާ  ރާއްޖެއިން ބޭރަށް ގޮސް އަމިއްލައަަށް މުދާ ހައްދައިގެން ގެނެސް އެ ވިޔަފާރި މިހާރުއޮތީ ވަރަށް ބޮޑަށް ކުރިއަރާފައިވާކަންވެސް އެނގުނު . .އޭރުން ފެށިގެން ބައްދަލުކޮށްލުމުގެ ޝައުގުވެރިކަން އުފެދުނު.  ކިހިނެއްތޯ ބޭރަށް ދިއުމުގެ ޚިޔާލި އައީ؟ ” އަހަރެންގެ ފުރަތަމަ ސުވާލާއެކު އޭނާ ހިނިތުން ވެލީ އޭނާއަށް ރައްދުކުރިބަސްތަކަށް ޝުކުރު އަދާކުރަމުންނެވެ.

” ބާވީސްހާސް ރުފިޔާއިން ފެށި ވިޔަފާރީގައި މާ ބޮޑު ކުރިއެރުމެއް ނުލިބޭތީ ޚިޔާލު ކުރެވުނީ ރާއްޖެއިން ބޭރުން މުދާ ގެނެސްގެން ވިޔަފާރި ފުޅާކޮށްލަން ރިސްކެއް ނެގީ.  ލޯނެއް ނަގައިގެން 15000 ޑޮލަރާއެކު ބެންކޮކަށް ދިޔައީ.  ފުރަތަމަ ފަހަރުވީމާ އެކަނި ނުދާންވެގެން ގާތް ރައްޓެއްސެއްގެ ގާތު މިވާހަކަ ދެއްކުމުން އޭނާ ބުނެފި އަންނާށޭ މެލޭޝިއާއަށް. ދެން މެލޭޝިއާއަށް ގޮސް އޭނާއާއެކު ދިޔައީ ބެންކޮކަށް. އެއްގަމު މަގުން ރޭލުގަ. 18 ގަޑީގެ ދަތުރެއް އެއީ. އޭގެ ފަހުން މީހަކު ނުގެންދަން. ހަމައެކަނި ދިޔައީ. “

ރާބިޔާ ބުނީ އެއީ އެއީ ފެށުންކަމާއި އެހިސާބުން ފަސްއެނބުރި ނުބަލާ ކަމަށެވެ. ރާބިޔާ ގަބޫލުކުރާ ހަމައަކީ ނަސީބު އައިސް އަތުގައި ހިފާނީ އެމީހަކު ނަސީބު ހޯދަން މަސައްކަތް ކޮށްގެންނެވެ. އޭނާ އެދެއްކީ އެނަމޫނާއެވެ. ދިވެހި އަންހެނުންނަށެވެ. އަދި ކާމިޔާބު ވިޔަފާރިވެރިއަކަށް ވާން ބޭނުން ފިރިހެނުންނަށް މެއެވެ.

ރާބިޔާގެ ބޮޑު ދެ ފިހާރަ ހުންނަ އިރު އެއް ފިހާރައިން ވިއްކަމުން ގެންދަނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެއްޗެވެ.  އަނެއް ފިހާރައިގާ ހުންނަނީ ހާޑް ވެއަރއެވެ. އެފިހާރައާއި ޖެހިގެން އޮތް ގޯތީގައި އިމާރާތް ކުރެވެމުން ދަނީ އޭނާގެ ބޮޑު ގުދަނެއްގެ އިތުރުން ގެސްޓް ޝޮޕެކެވެ.

ރާބިޔާގެ ފިޔަފާޅި އިސްޓޯރު ފޮޓޯ :އީވީ

ރާބިޔާގެ ފިޔަފާޅި އިސްޓޯރު ފޮޓޯ :އީވީ

ވިޔަފާރި މިހާ ހިސާބަށް ގެނައުމަށް ރާބިޔާ އެކަނި އަދި ބޭރު ގައުމުތަކަށް ގޮސް މުދާ ގެނަޔަސް އެހެން މީހެއްގެ އިތުރު އެހީތެރިކަމެއް ނުލިބޭ ހެއްޔެވެ؟

ރާބިޔާ ޖަވާބު ދިނެވެ.

“ފިރިމީހާގެ ފަރާތުން އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ. އެކަމަކު މަސައްކަތުގައި އަމަލީ ގޮތުން މިއުޅެނީ އަޅުގަނޑު. ހިސާބުތަކާ މިކަހަލަ ހުރިހާ ކަމެއްވެސް ބަލަހައްޓަމުން ގެންދަނީ  އަޅުގަނޑު. ދެން ގެންގުޅެނީ ދެ މުވައްޒަފުން. ރާއްޖެއިން ބޭރަށް ވެސް މިހުރިހާ ދުވަހު ދިޔައީ އެކަނި. ނަމަވެސް އެންމެ ފަހު ތިން ދަތުރު ދިޔައީ ފިރިމީހާއާ އެކު. “

ރާބިޔާ ބުނީ  މިގޮތަށް އެކަނި ދަތުރު ކުރުމާއި ވިޔަފާރިއާ ގުޅޭ އެހެން ކަންކަމުގައި ވެސް އަންހެނަކަށް ވީތީ ދިމާވާ ދައްޗެއް ނޯންނަ ކަމުގައެވެ.

“އެއްވެސް މައްސަލައެއް ނެތް. އެކަމަކު ތައުރީފުގެ ބަސްތައް ލިބޭ. ބެންކޮކަށް ގޮސް ވިޔަފާރިކުރަން އެކަނި ފިހާރަތަކަށް ވަނުމުން އެމީހުން  ވަރަށް ހިތްވަރު ދޭ.  ވަރަށް ސަޕޯޓް ދޭ ހިތްވަރު ގަދަކަމުން. އެކަން ފާހަގަކުރާތީ އުފާވޭ. އަދި އެއީ ދެން ކުރިއަށް ދާންވެސް ލިބޭ ހިތްވަރަކަށް ވަނީ .”

އެމީހުން އެހިތްވަރުދެނީ އަންހެނަކަށްވެ ހުރެ ކުރާ ބުރަ މަސައްކަތަށެވެ. ވީއިރު  ދިވެހި އަންހެނަކު ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަށް ކުރި ހިތްވަރަށް އަދި މާބޮޑަށް ހިތްވަރު ދޭނެއެވެ.

ރާބިޔާ ހުރީ މިވަރުން ފުދިއްޖެކަމަށް ދެކިގެން  ބްރެކް ޖައްސާ ގޮތަކަށް ނޫނެވެ. އޭނާގެ އުންމީދު ތައް ހުރީ އަދިވެސް ވަރަށް އުހުގައެވެ.

“ވިޔަފާރި އޮތީ ކުރިއަށް. ފުޅާކުރަން ގަސްދު ކުރާތީ މިހާރު އޮންނާނެ 30 ފޫޓުގެފައިބަރު ދޯންޏެއް ގަނެފަ. ބޭނުންވަނީ އަތޮޅުތެރޭގެ މީހުން މިތަނުން ގަންނަ މުދާ އެއްވެސް އިތުރު ޗާޖަކާ ނުލާ ފޮނުވައިދޭން. އެގޮތުން ގޮއި ފުޅަ ފެހެންދޫ ފިޔަވައި އަތޮޅުގެކޮންމެ ރަށަކަށްވިޔަސް  ރަނގަޅު އަދަދެއްގެ މުދާ ގަނެފިނަމަ އެތަކެތި ޑެލިވަރ ކޮށްދޭނަން. މިސާލަކަށް 1000 ގަޑު ތަށިމުށި ކަމަށް ވިޔަސް.

ރާބިޔާގެ ހާޑްވެއަރ ފިހާރަ- ފޮޓޯ :އީވީ

ރާބިޔާގެ ހާޑްވެއަރ ފިހާރަ- ފޮޓޯ :އީވީ

ބ. އަތޮޅުގެ ގަދަ ފަސް ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ރާބިޔާގެ މިސްރާބު ހުރީ ރަނގަޅު ދިމާލަށް ކަމުގައި ބަލަން ޖެހެއެވެ. ވަރަށް ބޮޑަށް ވިސްނާފައި ނޫނީ އޭނާ ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނެއެވެ. އެކަން އެނގެނީ އޭނާގެ ވާހަކަ ތަކުންނެވެ.

ރާބިޔާގެ ވާހަކަ ނިންމާލާފައި ފިހާރައިން ނުކުމެ ފިހާރައިގެ ނަންބޯޑަށް ބަލައިލި އިރު ދެންވެސް ފެނުނީ އޭނާގެ ވިޔަފާރީގެ ސިލްސިލާއަށް އިތުރުވެފައިވާ ބޮޅެކެވެ. އެފިހާރައިގެ ނަންބޯޑު ކައިރީގައި ބަހައްޓާފައިހުރި ބޭންކެްއޮފް މޯލްޑިވްސްގެ އެޖެންޓް ނަންބޯޑު ފަޚްރުވެރިކަމާއެކު ހީލަހީލާ ހުއްޓެވެ. ހަމައެންމެ ދެތިން ފިޔަވަޅު ކުރިއަށް އަޅާލިތަނުން ފެނުނު ގޭސް ސިލިންޑަރުރުތަކުންވެސް ކިޔައިދިނީ އާ ވާހަކައެކެވެ. އޭނާއަކީ މާޅޮހުގެ އެސްޓީއޯ ގޭހުގެ ހީވާގި އެޖެންޓެވެ.

ރާބިޔާގެ ވާހަކަ މި ނިމުނީއެއް ނޫނެވެ. އޭނާގެ ވިޔަފާރިއެކޭ އެއްގޮތަށް އޭނާގެ ވާހަކަވެސް އޮތީ ކުރިއަށެވެ. އެކަމަކު ތަންކޮޅެއް ފަހުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top