ގަދަމީހުން: ރަށު ލޯބީގައި ޔޫސޭ

DSCN2719.jpg

(ގައްޔޫމް+ނަސީރު)   އޭދަފުށީ ދޭދަރުގެ ޔޫސުފް މޫސާ (ޔޫސޭ) ގެ ޒުވާން އުމުރު ހުސްކޮށްލީ ރިސޯޓު ތަކުގައެވެ. 30 އަހަރަށްފަހު އެ ދާއިރާ ދޫކޮށްލީ ރަށަށް ކަމެއް ކޮށްދޭ ހިތުންނެވެ. އޭނާ ރިސޯޓު ތަކުގައި މަސައްކަތް ނުކުރާ އެއްވެސް ދާއިރާ އެއް ނެތެވެ. ހުރިހާ ދާއިރާއެއްގައި ވެސް އެންމެ މަތީ ލެވެލްގައެވެ. އެކަމަކު ޗުއްޓީގައި ރަށަށް އަންނަ ފަހަރު ރައްޔިތުންނަށް ބޭނުން ވާ ކަންކަމާމެދު ވިސްނައެވެ. ޔޫސުފްގެ ސިކުނޑި ޓޫރިޒަމް ދާއިރާއިން ހިތްކަނޑުވައިލީ އެހެންވެއެވެ. މަރުވުމުގެ ކުރިން ރަށަށް ކަމެއް ކޮށްދޭ ހިތުންނެވެ.

އުމުރުން މިހާރު 50ގެ އަހަރުތައް ގުނަމުންދާ ޔޫސޭ،، ރަށަށް ޚިދުމަތެއް ކޮށްދިނުމުގެ ގޮތުން ފުރަތަމަވެސް އެޅީ ހިތްވަރު ގަދަ ފިޔަވަޅެކެވެ. އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުުގައި އޭދަފުށީ ދާއިރާއަށް ވާދަކުރުމެވެ. ބޮޑު ޗެލެންޖެކެވެ. ކާމިޔާބުވާނެ ކަމުގެ އުއްމީދުގައެވެ. އެކަމަކު އޭނާ ބަލިވީ އެވެ. ވޯޓުން ރީތިކޮށް ބަލިވިޔަސް ދާއިރާގެ ރައްޔިތުންނަށް އަލަށް ތައާރަފުވި ޔޫސޭ ގެ ކެރުމާ ހިތްވަރަށް ސާބަހުގެ ބަސްތައް ލިބުނެވެ. ދިރިއުޅުމުގައި މިނޫނަސް އޭނާ ވަނީ އެތައް ފަހަރަކު ވެއްޓި ފައެވެ. އެއަށް ވުރެ ބާރަށް އަވަހަށް ތެދުވުމަކީ އޭނާގެ އުސޫލެވެ. ދެން އައީ ސީދާ ރަށަށް، ރައްޔިތުންގެ ގާތަށެވެ. އެންމެ ބޮޑަށް ރައްޔިތުންނަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އެކަމެއް ކޮށްދިނުމަށެވެ.

ބޭކަރީ ވިޔަފާރިއަކީ ރައްޔިތުންނަށް ކޮށްދިން ޚިދުމަތެއްގެ ގޮތުގައި ފެށި ފުރަތަމަ ވިޔަފާރި އެވެ. އަންހެނުންނަށް ކޮށްދިން ކަމެއްގެ ގޮތުގައި ފެށި ވިޔަފާރިއެއް ކަމަށް ވިޔަސް އަސްލު ބޭނުމަކީ ރަށަށް ކަމެއް ކޮށްދިނުމެވެ. އެކަމުގައި އޭނާ ކާމިޔާބު ހޯއްދެވި އެވެ. ކުރިއަށް ފިޔަވަޅެއް އެޅުއްވުމުގެ ގޮތުން ރެސްޓޯރެންޓު ވިޔަފާރިއަށް އިންވެސްޓު ކުރެއްވި އެވެ.

”އަސްލު ރިސޯޓުތަކުގެ އެފްއެންބީ ދާއިރާގައި މަސައްކަތް ކޮށްފައިވާތީ އެކަން ކުރާނެ ގޮތުގެ ތަޖްރިބާހުރި. އެހެންވެ އޭދަފުއްޓަށް އައިސް ގޮސްވާ ދަތުރުވެރިންނާއި ފަތުރުވެރިންގެ އިތުރުން ރައްޔިތުންނަށް ވެސް ޖީބަށް ލުއި އަގެއްގައި މީރު ރަހަ ތަކާއިއެކު ޚިދުމަތެއްގެ ގޮތުގައި ފެށީ.“

”ވިލެޖް ހަޓް“ގެ ނަމުގައި އޭނާ ހިންގި ކެފޭ އަކީ ރަށުގެ ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ކުރަން ފެށި މަސައްކަތުގެ ތެރެއަށް އިތުރުވި ކަމެކެވެ. އަންހެނުން، ހައްވާ ސަމީހާ އާއެކު ކުރަން ފެށި މި ވިޔަފާރިވެސް ވެގެން ދިޔައީ ކުރިއަށް ދިއުމަށް ލިބުނު ފެހި ސިގްނަލަކަށެވެ. އެހެންވެ އިތުރަށް ފުޅާ ކުރުމުގެ ވިސްނުމުގައި އޭދަފުށީ ބަނދަރު ސަރަހައްދުގައި ހިންގި ސަލްސާ ރެސްޓޯރެންޓު ކުއްޔަށް ހިފިއެވެ. ސީވިއު ބިސްޓްރޯގެ ނަމުގައި ފެންނަން އެހެރީ ޔޫސޭ ގެ ތަނެކެވެ.

”އޭދަފުށީ ރައްޔިތުންނަށް ރަނގަޅު ވާނެ ގޮތަކަށް ކަންތައްތައް މި ފަށަނީ. ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ރަނގަޅު ދާއިރާއެއް ބަލާފަ ކަންކަމަށް މި ވަންނަނީ. އަސްލު ސީވިޔު ބިސްޓްރޯ އަކީ ވިޔަފާރީގެ ގޮތުން ބަލާއިރު ބޮޑު ކުއްޔަކާއެކު ނެގުން އެހާ ބުއްދިވެރިއެއް ނޫން. ނަމަވެސް ކުރިންވެސް ބުނިހެން ރައްޔިތުންނަށް އެބަޖެހޭ މިކަހަލަ ތަނެއްގެ ޚިދުމަތްވެސް ކޮންމެވެސް މީހަކު ދޭން. މިއީ ރިސްކެއް.“

ޔޫސޭ، ވިޔަފާރިއަށް ނުކުންނެވިތާ އަދި މިވީ ތިން އަހަރެވެ. މި ތިން އަހަރުގެ ތެރޭގައި އޭނާވަނީ ބޮޑުތަނުން ކުރިއަރައި އިތުރު ކަންކަމަށް އިންވެސްޓްމަންޓް ފުޅާކޮށްފައެވެ.

”ކޮންމެ ކަމަކަށް އިންވެސްޓް ކުރާއިރުވެސް ފުރަތަމަ ޝަރުތަކީ އެކަމަކުން ރައްޔިތުންނަށް ލިބޭނީ ކޮން ފައިދާ އެއްތޯ. ނޫނީ އެއީ ރައްޔިތުންނަށް ކިހާ ބޭނުން ބޮޑު ދާއިރާ އެއްތޯ. އެކަމަށް ބަލައިގެން އިންވެސްޓު ކުރަނީ.“ ސީވިޔު ބިސްޓްރޯގެ ހިތްގައިމު ވީއައިޕީ ރޫމްގައި އިންނަވައިގެން ޔޫސޭ، އީވީ އަށް މައުލޫމާތު ދެއްވި އެވެ.

ޔޫސޭގެ ”ކަލޮން ސެލޫން“ އަކީ އެގޮތުން އޭނާ ކޮށްފައިވާ އިންވެސްޓްމަންޓެކެވެ. އެކަމަކު ވަރަށް ބޮޑަށް މި ކަހަލަ މަސައްކަތެއް ކުރާހިތުން ހުރި އޭނާގެ ފިރިހެން ދަރިފުޅު ނަޝީތުގެ އެދުމަށް އޭނާއަށް ކޮށްދެއްވި ކަމެކެވެ.  އެމަސައްކަތާއި އެތަން ޑިޒައިން ކުރުމާއި ތަނުގެ ކޮންސެޕްޓަކީވެސް ނަޝީގެ މަސައްކަތެވެ.

އޭދަފުށީގައި މުޅިން އަލަށް ތައާރަފް ކުރި އެ ބިއުޓީ ސެލޫން އުފައްދާފައިވަނީ ފަހުގެ އާލާތްތަކާއި ޕްރޮފެޝަނަލް، ތަޖްރިބާ ހުރި ބިއުޓީޝަނަކާއި އެކުއެވެ. އެތަނުން ލިބޭ ޚިދުމތްތަކުގެ ތެރޭގައި އިވްނިންގ އަދި ބްރައިޑަލް އަދި މިނޫން އޮކޭޝަން ތަކަށް އެންމެ ފަހުގެ ޓްރެންޑްސް އަށް ބޯކޮށުން ހިމެނެ އެވެ. ހެޔާ ސްޓައިލް އާއި ވެކްސް ކުރުމާއި ބޮލުގައި ކުލަޖައްސައިދެއެވެ. ހެޔާ ޓްރީޓްމެންޓްސް އާއި މިހެން ގޮސް ސެލޫން އަކުން ލިބެން ހުންނަ ގިނަ ޚިދުމަތްތަކެއް މިތަނުން ލިބެން ހުރެ އެވެ.

އެކަމަކު އަންހެނުންނަށް ޚާއްސަކޮށް މިފަދަ ތަނެއް ހުޅުވުމުން ފިރިހެން ކުދިން ޝަކުވާ ކުރަން ފެށިއެވެ.

”މިހާރު މިވާގޮތަކީ އަންހެނުންނަށް ޚާއްސަ ސެލޫނެއް ހުޅުވުމުން ފިރިހެނުން އެބަ ޝަކުވާ ކުރޭ. އެހެންވެ ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ ދެ ޖިންސުގެ މީހުންނަށް ޚިދުމަތް ދޭ އިތުރު ސެލޫން އެއް ސްކިން ކްލިނިކަކާ ވެސް އެކު ހުޅުވާނަން.“

ޔޫސޭ ހުންނެވީ ފަސް އެނބުރި ބަލާ ގޮތަކަށް ނޫނެވެ. ދިމާވާ ކޮންމެ ހުރަހެއް ގިރާ ކޮށްގެންވެސް ކުރިއަށް ދާށެވެ. ”ކުރިއަަށް ދާ ސްޕީޑެއް ނޫން މުހިއްމީ. މަޑުމަޑުން ވިޔަސް އެއް ފިޔަވަޅު ވެސް ކުރިއަށް އެޅުން މުހިންމީ. މާ ބާރަށް ކުރިއަރައިގެން ދާން އުޅޭނަމަ ބުއްދިވެރިން ބުނޭ އަނގަވަތަށް ވެއްޓިދާނެޔޭ.“ ހެމުން ހެމުން ބުނެލި އެވެ.

އެހެން އޭނާ އެބުނަނީ ވަރަށް ބޮޑު އިތުބާރަކާވެސް އެކުގައެވެ. ސަބަބެއް އޮވެގެންނެވެ. އޭނާ އާއި އެހީވުމަށް އެންމެ ގާތުގައި އަނބިމީހާ ހައްވަ އެބަހުއްޓެވެ. ދަރިންތިބީ ދުރުގައި ޒިންމާދާރު މަގާމު ތަކުގައި ކަމަށް ވިޔަސް މަސައްކަތް ކުރަނީ ދަރިންނާވެސް އެކުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top