”ޕްރޮގްރާމް މި ހުށައަޅައިދެނީ ނާފިޒާ އަބްދުއްރަޝީދު “

DSCN9629.jpg

(ތައްޔާރު ކުރީ :ގައްޔޫމް، ނަސީރު )

މިއީ ތަންކޮޅެއް ކުރިން ވަރަށް ގިނަ ބަޔަކު އެހުމަށް އިންތިޒާރު ކުރި އަޑެކެވެ. ރޭޑިއޯގެ ބާރު ރާއްޖޭގައި އެންމެ ގަދަވެގެންދިޔަ ދުވަސްވަރު އަހާލަން އެންމެ ބޭނުންވި އަޑުވެސް މެއެވެ. އަދި މިއީ އެއަޑަކަށް މުޅި އޭދަފުށި ފަޚުރުވެރިވި އޭދަފުށީ ސައްކެޔޮގޭ ނާފިޒާ އަބްދުއްރަޝީދުގެ ރަން އަޑުން މީހުންގެ ސަމާލުކަން އަތުލައިގަތް އެންމެ ރީތި ބަސްކޮޅެވެ. މި ބަސްކޮޅު ރީތި ވެގެންދިޔައީ ނާފިޒާގެ ރަން އަޑާއެކު ޕްރޮގްރާމް ހުށައަޅައި ދިނުމުގައި އޭނާ ގެންގުޅުނު އިލްމީ އުކުޅު ތަކުންނެވެ.

އެއީ އެދުވަހެވެ. އޭރު ރޭޑިއޯ އެނައުންސަރުންނަކީ އަހަރެމެންނަށް ނުފެންނަ އެކަމަކުއެންމެ ގާތް އެކުވެރިންނެވެ. އެކަން އަދިވެސް އޮތީ އެގޮތުގައެވެ. އެކަމަކު ރޭޑިއޯ އަށް ޓީވީގެ ބާރު ގަދަ ވެގެންދިޔަ ނަމަވެސް ރޭޑިއޯގެ އަހުލުވެރިން އަދިވެސް ތިބީ އެގޮތުގައެވެ.

ނާފިޒާވެސް ހުރީ އެގޮތުގައެވެ. އޭނާ ހުރީ އަދިވެސް ރޭޑިއޯ ގައެވެ. އެއަށް ވުރެ މާ ވަރުގަދައަށް ގުޅިފައެވެ. އެގުޅުމާ އެއްވަރަށް މަޝްހޫރުކަން ވެސް ލިބިފައެވެ. އެއީ ދިވެހި ރޭޑިއޯ އިން ގެނެސްދޭ ދިވެހި ޚަބަރާ ތަފާތު ޕްރޮގްރާމްތައް ހުށައެޅުމުގައި ފުރޭނިގެން ހޮވާލެވުނު ފަޚުރުވެރި ދިވެހި އަންހެން ދަރިއެކެވެ.

އޭނާ ހުރީ” ދިވެހިރާއްޖޭގެ އަޑު” އޭނާ ދުކޮށް ނުލާހައި ހިނދަކު އެފުރާޅުގެ ދަށުން ނުކުމެގެން ނުދާން ނިންމައިގެންނެވެ.

ނާފިޒާއަކީ ދިވެހިބަހުން ވާހަކަ ދެއްކުމުގައި ބަސްކޮށާރު މުއްސަނދި، ކޮށިކަމެއް ނެތި އޮމާންކަމާއެކު ބަސްތައް އަމުނާލުމުގެ ގާބިލްކަން ލިބިފައިވާ މަދު ދިވެހި އަންހެން ދަރިންގެ ތެރޭގައި ހިމެނޭ މީހެއްކަމީ މަޝްހޫރު ވާހަކައެކެވެ. ދިވެހި ރާއްޖޭގެ އަޑުގެ ރަންޒަމާނުގައި ބަހުގެ ގަވާއިދާ އެއްގޮތަށް ބަސް މޮށެއުޅުނު ނަޖްމާއާއި މިންނާ ވަޖީހު އާއި ޒުހޭރާ އާއި ޒާހިދާ އާއި ޒުނޭރާމެން ފަދަ އެނައުންސަރުންގެ ނަންތައް ފާހަގަ ކުރާ ކޮންމެ ހިނދަކު އެކަނބަލުންގެ ދަރިއެއްގެ އުމުރުގެ ނާފިޒާގެ ނަން ވެސް ގެންނަން ޖެހެއެވެ.

އެކަމަކު މި ހިސާބަށް އޭނާ އަށް އާދެވުނީ އިއްތިފާގަކުން ނޫނެވެ. މިއީ އެންމެ ކުޑައިރުވެސް އޭނާ ދެކެމުން އައި ހުވަފެންތަކުގެ ތައުބީރެވެ. އެހުވަފެން ތައް ހަގީގަތަށް ހެދުމަށް ކުރި އެރނގުގައި ކުރި މަސައްކަތުގެ ނަތީޖާއެެވެ.

އެނގޭހެއްޔެވެ؟ އޭނާ އެނައުންސަރަކަށް ވާހިތް އޮތްލެއް ބޮޑުކަމުން ކުޑައިރުވެސް ކިޔެވުމާ އެއްވަރުގެ ސަމާލުކަން ދެވިފައި އޮތީ ރޭޑިއޯ ޕްރޮގްރާމް ތަކަށެވެ. އެއަށް އަޑު އަޅާގޮތާއި މަންޒަރުތައް ސިފަކުރަނީ ކިހިނެއްކަމާމެދު ވިސްނައެވެ. މުހިއްމުފިލާވަޅެއް ދަސްކުރަން އިންނަ ވަގުތަކުވެސް ރޭޑިއޯގެ އަޑު އިވިއްޖެ ދެން އެހިސާބުން ނިމުނީއެވެ. ވިސްނުން ގޮސް ހުއްޓޭނީ ރޭޑިއޯއަށެވެ.

”ދެން އޭރު ދެނަމާދު ދޭތެރޭވެސް ރޭޑިއޯ ހުންނާނީ ހުޅުވާފަ. ޚަބަރު ކިޔާ އަޑާ އިއުލާނު ކިޔާ އަޑު އިވޭނެ. ހިތަށް އަރާ މި މީހުން ކިހިނެއް ބާއޭ މިއަށް ގޮތްގޮތަށް މި އަޑުތައް އަޅާފަ ހުންނަނީ. ޚާއްސަކޮށް ހަފްތާ ބަންދުގައި އިވޭނެ އެބައުޅޭ އެބައުޅޭ ކުޅޭއަޑު. ކުނި ކަހަން އޮވެފަވެސް އަންނަން އެޕްރޮގްރާމް އަޑުއަހަން. .” ހެމުން ހެމުން ނާފިޒާ ބުންޏެވެ.

އުމުރުން 18 އަހަރުގައި ސްކޫލް ނިމިގެން ވަޒީފާއެއްގެ ދޮރުގައި ޓަކި ޖަހަން ބަލާލިއިރު ވެސް އެނައުންސަރެއްގެ ޚިޔާލު، ހިތުގައި ވިންދު ޖަހައެވެ. ހަމަ އެއާއެކު ދިވެހި ރާއްޖޭގެ އަޑަށް ޕްރޮޑިއުސަރެއް ބޭނުން ވެގެން ކޮށްފައި އޮތް އިއުލާނު ފެނިފައި އޭނާގެ ނަސީބު ވަކަރަށް ޖަހާލިއެެވެ

ކުޑައިރުން ފެށިގެން އަޑަށް ވަންނަހިތުން ރޭޑިއޯ އަތުން ދޫނުކޮށް ނިދެމުން ދާއިރުވެސް އެއަޑާ ވަކިނުވެ އުޅުނު ނާފިޒާއަށް އަޑުން ވަޒީފާ ލިބުނީއެވެ.

ހަމަސްދުވަހުގެ ޓްރޭނިންގ އަށް ފަހު ޕްރޮޑިއުސަރެއްގެ މަސްއޫލިއްޔަތު ނާފިޒާއާއި ހަވާލު ކުރިއިރު ހީވީ މުޅިން އާ ދުނިޔެއަކަށް ހޭލެވުނު ހެންނެވެ. އަލަށް ޕްރޮގްރާމެއް ހަދަން ނުވަތަ ޚަބަރު ކިޔަން ޖެހުމުން ބިރު ގެންފިއެވެ. މުޅި ރާއްޖެ މިހާރު އޭނާގެ އަޑު އަހަމުން ދާނެ ކަމުގެ އިހުސާސާ އެކު ފުރަތަމަ ދުވަސްކޮޅު ހަށިގަނޑު ފިނިވެ މިސްޓޭކްވެސް ހެދުނެވެ.

“ހެނދުނު ހަތެއްގެ ޚަބަރާ ނުވައެއްގެ ޚަބަރު ކިޔަން ތައްޔާރުވާއިރު އޮންނާނެ އޭގެ ޕްރިންޓެއް ނަގާފަ. ވީގޮތަކީ އޮޅިގެން 7ގެ ޚަބަރުގަ މި ކިޔުނީ 9ގެ ޚަބަރު. ދެން، މާފު ކުރައްވާށޭ، އަޅުގަނޑަށް އޮޅިގެން މި ކިއުނީ 7ގެ ޚަބަރުގެެ ބަދަލުގައި 9ގެ ޚަބަރޭ ބުނީ. އެހަނދާން އަދިވެސް އެބަހުރި.”

އެކަމަކު އެކަން ތަކުރާރެއް ނުވެއެވެ.

ތަކުރާރެއް ނުވާނެ ނޫން ހެއްޔެވެ. އޭނާ ‘އަޑަށް ‘ ވަނީ ވަޒީފާއެއްގެ ގޮތުން އެކަންޏެއް ނޫނެވެ. މިއީ އޭނާގެ ދުނިޔެއެވެ. އެންމެ ޝައުގުވެރިވާ ދާއިރާ އެވެ. މިރޮނގުން ދެވުނު އެންމެ ކުރިއަކަށް އަރައި ދިއުމަކީ އޭނާގެ އަމާޒެވެ. އެކަަމަކު އެހެންނެއް ނުވިއެވެ. އަލަތު ދަރިފުޅު ލިބުމުން އަޑުން ވަކިވާން ޖެހުނީއެވެ. ޚަބަރު ކިއުމާއި ތަފާތު ރޭޑިއޯ ޕްރޮރާމްތައް އުފެއްދުމުގައި ނުވަ އަހަރު ހޭދަކޮށް ރޭޑިއޯ އެހުންތެރިންގެ އެންމެ މަގުބޫލު އެއް ޝަޚްސިއްޔަތަށް ވެސް ވީފަހުންނެވެ.

”ފުރަތަމަ ދަރިފުޅު ލިބުމުން ވަޒީފާއިން ވަކިވާން ޖެހުނީ. އެކަމަކު މިއީ ދާއިމީ ނިންމުމެން ނޫން. ކޮންމެވެސް ދުވަހަކުން އެނބުރި އާދެވޭނެ ކަމުގެ ޔަގީން ކަމުގައި.” ނާފިޒާ ބުންޏެވެ.

ވަޒީފާއިން ވަކިވެ ގޭގައިހުރި ހަތަރު އަހަރު ދުވަހުވެސް ވަގުތުގެ ބޭނުން ހިފުމުގެ ގޮތުން އޭނާ ތަފާތު ތަޖްރިބާ އެއް ހޯދި އެެވެ. ޕްރީސްކޫލް ޓީޗަރ ކޯސް ފުރިހަމަކޮށް ”ދޮންދޫނި” ސްކޫލުގައި ކިޔަވައިދިނުމެވެ.

މިއީ އޭނާ ނެގި ބްރޭކެކެވެ. ވަޒީފާއެއްގެ ގޮތަކުން ނޫނެވެ.

ހަތަރު އަހަރަށް ފަހު އަޑަށް ދެވަނަ ފަހަރު އެނބުރި އައީ ކުރިންވެސް އަދާކުރި ޕްރޮޑިއުސަރެއްގެ މަގާމަށެވެ.

ދިގު މެދުކެނޑުމަކަށްފަހު ނާފިޒާގެ ރީތި އަޑު، ވައިގެ ތެރޭގައި ދައުރުވާން ފެށުމުން ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އެތައް ބަޔަކު އޭނާއަށް މަރުހަބާ ކިއެވެ. ޚާއްސަކޮށް އޭނާ ނުދަންނަ “އަޑު”ގެ އެހުންތެރިންނެވެ. އެހުރިހާ ބައެއްގެ ޚާލިސް ލޯތްބަކީ އަޑުގައި ހޭދަކުރި ދިގު މުއްދަތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީއެވެ.

“އަހަރެންގެ އަޑު މީހުން ބަލައިގަތުމަކީ ލިބޭ އެންމެ ބޮޑު އުފާ. ޚަބަރުން ނުވަތަ ހުށައަޅާ ޕްރޮގްރާމަކުން ވިޔަސް އެ ހުށައެޅުންތަކަށް ލިބޭ ފީޑްބެކަކީ އެންމެ އިންތިޒާރުކުރެވޭ އަދި މި ވަޒީފާގައި ދެމިހުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު.” ދެކުދިންގެ މަންމަ ބުންޏެވެ.

“ގިނަ ބަޔަކު ގުޅާފަ ބުނާނެ މިއަދުގެ ޕްރޮގްރާމް ހުށައެޅުން ވަރަށް ރަނގަޅޭ. ނޫނީ މިއަދުގެ ސިއްހީ ޕްރޮގްރާމުން އެގިއްޖެއޭ ދިރިއުޅުން ބައްޓަން ކުރަންވީ ގޮތް، މިސާލަކަށް މައިގްރޭންގެ މައްސަލަ ހުންނަ މީހުން އެކަމައިގެން ކުރިއަށް ދާނެ ގޮތް އެނގިއްޖެއޭ ނާފިޒާ މިއަދު ގެނެސްދިން ޕްރޮގްރާމް އަޑުއެހުމުން .” ނާފިޒާ އިތުރުކޮށްލިއެވެ.

ހަމައެގޮތަށް ޕްރޮގްރާމް ތައް ހުށަހަޅާއިރު ބިނާކުރަނިވި ފާޑުކިއުން ތަކާއެކު ރަނގަޅު ކޮށްލަން ޖެހޭ ކަންތައްވެސް ކިޔައިދެއެވެ. އެހެންވީމާ މައުލޫމާތު މުއްސަނދިވެ އާ ކަންތައްތަކެއް ވެސް ދަސްވެއެވެ.

“ޖުމްލައެއް ނުބައިކޮށް ބުނެފިނަމަ ވަރަށް ގިނައިން ގުޅާނެ. އަނެއްހެން އޯގާތެރިކަމާއެކު ނަސޭހަތެއްގެ ގޮތުގަ. މިއަދު ކިއުނީ މިހެންނޭ، ރަނގަޅު ކޮށްލާށޭ ބުނުމުން އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަން. ”

އެކަމަކު ރޭޑިއޯގައި އޭނާ ހޭދަކުރި ނަވާރަ އަހަރުގެ ތެރެއިން ހިތުން ނާފިޒާގެ ހިތުން ނުފިލާ އޮތް އެންމެ އުފާވެރި ހަނދާނަކީ ދިވެހި ބަހުގެ އުސްތާޒު އަބްދުއްﷲ ސާދިގު (ސޯދުބޭ )ގުޅުއްވާފަ އޭނާއަށް ދިން ހިތްވަރުގެ ބަސްކޮޅު ތަކެވެ.

“ސޯދުބޭ ގުޅުއްވާފަ ވިދާޅުވާނެ ހާދަ ރީއްޗޭ ޚަބަރު ކީގޮތް. ބައެއް ޕްރޮގްރާމް އަޑުއައްސަވާފަވެސް ވިދާޅުވާނެ ވަރަށް ރަގަޅޭ ޕްރޮގްރާމް ހުށަހެޅި ގޮތް. ޕްރޮޑިއުސް ކުރުންވެސް.” ދުވަހަކުވެސް ހަނދާން ނުނެތޭނެ މި ބަސްކޮޅު ނާފިޒާފާހަގަ ކުރިއެވެ.

މިކަހަލަ ކޮމެންޓް ތަކަކީ ނާފިޒާ ދެކޭ ގޮތުގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. އަޑުގައި އޭނާ ހޭދަކުރި 19 އަހަރުގެ ދިގު މުއްދަތުގައި އަދިވެސް ޝައުގުވެރިކަމަށް ބަދަލެއް ނައިސް މިރޮނގުން ކުރިއަށް ދިއުމުގެ އަޒުމެއް އުފެދިފައި މިހިރީ މިދެންނެވި ފަދަ އުފާވެރި ބަސް ތަކުންނެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ދިވެހި ރާއްޖޭގެ އަޑުގައި ޚިދުމަތް ކުރެވުނު ކަމީ ނާފިޒާގެ ހަޔާތުގައި ކުރެވުނު އެންމެ އުފާވެރި ތަޖްރިބާ ކަމުގައި އޭނާ ބުނަނީ މިހެންވެގެންނެވެ.

އޭނާއެކޭ އެއްފަދައިން އަންހެން ކުދިން މި ދާއިރާއަށް ވަނުމަށް ހިތްވަރުދިނެވެ.

”ދިވެހިރާއްޖޭގެ އަޑުގައި ގިނަވާނީ އަންހެނުން. ތިން ހަތަރު ފިރިހެނުން ފިޔަވައި ހުސް އަންހެނުން. އެހެންވީމާ މިއީ އަންހެން ކުދިން އަދާކުރަން ރީތި އަދި ގައުމީ ޚިދުމަތެއްގެ ގޮތުން ކުރިއަށް ދާން ހަމަ ވަރަށް ރަނގަޅު ދާއިރާއެއް. ދަރިން ލިބުނީމާ އުދަނގޫވެދާނެ. އެކަމަކު ކެތްތެރިކަމާއެކު މަސައްކަތް ކުރެވިއްޖެނަމަ މިއީ ވަރަށް ރަނގަޅު ދާއިރާ އެއް.”

ނަވާރަ އަހަރަކީ ކުޑަދުވަސްކޮޅެއް ނޫނެވެ. އިންސާނެއްގެ ހަޔާތުގެ އެއް ދަންފަޅިއެވެ. އެހެންވީމާ ނަވާރަ އަހަރު ފަސްދީ ދާއިރު އާކަންތައްތަކެއް އުފަންވެ ބައެއް ކަންތައް އުވިގެންވެސް ދާނެއެވެ. މި ދައުރާނާ ވުން ނާފިޒާއަށް ވެސް ކުރިމަތި ވާނެއެވެ. އޭނާ އަންނަން ބޭނުންވާ ހިސާބަށް އާދެވިއްޖެއެވެ. އެހެންވިއްޔާ ވަޒީފާ ދޫކޮށް އާއިލާ އާއެކު ވަގުތު ހޭދަކުރަން ޚިޔާލެއް ނުކުރަން ހެއްޔެވެ؟

“ހިތަށް އަރަނީ ހަމައެކަނި ފިރިމީހާއަށް ލިބޭ އެއްޗަކުން ނޫޅެވޭނޭ. ވަޒީފާއަކީވެސް އާއިލާއަށް ޓަކާ ކުރަން ޖެހޭ ކަމެއް. ފިރިމީހާވެސް ގަބޫލު ކުރަނީ އެގޮތް. ކުދިން ބެލެހެއްޓުމާއި އޮފީހަށް ގެންގޮސްދިނުމާ ގެނެސް ދިނުމުގައިވެސް ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑު. އެހެންވީމާ ވަޒީފާ ދޫކޮށްލުމުގެ ސުވާލެއް ނުއުފެދޭ.” 38 އަހަރުގެ ނާފިޒާ ބުންޏެވެ.”

އެހެންނޫނަސް އަމިއްލަ މަސައްކަތުން ”ދާ އޮހޮރުވައިގެން” ލިބޭ އެއްޗެއް ލިބުމަކީ އެންމެ ބަރަކާތްތެރި އާމްދަނީ ކަމަށްވެފައި އެފައިސާއިން އާއިލާއަށް އަދި އެހެން މީހަކަށް ވިޔަސް އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ނާފިޒާ ބުނެއެވެ.

ނިންމާލުމުގެ ކުރިން ނާފިޒާ، އަޑުގެ އާދަޔާ ޚިލާފު ދުނިޔެއަށް ނޭވާ ލީ ދުވަހުން ފެށިގެން އެހީވިމީހުންގެ މަތިން ވަކިވަކިން ހަނދާންކޮށް އެފަރާތްތަކަށް ޝުކިުރުވެރި ވެއެވެ. މަރުހޫމް ޒާހިދާގެ ނަން އެންމެ ފުރަތަމަ އަށެވެ. “ޒާހިދައްތަގެ އެހީތެރިކަމާ ހަފްސައްތަ(ހަފްސާ) ގެ އެހީތެރިކަން ހަމަ ވަރަށް ބޮޑަށް ލިބުނު. ރުގިއްޔާގެ އެހީތެރިކަންވެސް.” އެއީ އޭނާގެ ފުރަތަމަ ދުވަސްކޮޅު އެތަނުގެ އެންމެ ސީނިއަރ އެނައުންސަރުންނެވެ.

މިއަދަށް ބަލާނަމަ ރާޒީއާ ރިޒްނިއާ ޒީނަތު އަދި ޕްރޮގްރާމްގެ ހެޑެއްގެ ގޮތުން ނަސްރުގެ ނަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ.

ކޮވިޑް-19ގެ ސަބަބުން މާލެ ލޮކްޑައުން ކޮށްފައިވާ އިރު ނާފިޒާ ލޮކްޑައުންވެގެން ހުރީ އޭނާގެ ވަޒީފާގައެވެ. އާއިލާއާ ދުރުގައި ދެމަސްދުވަސް ވޭތުވެގެން ދަނީއެވެ. އެކަމަކު ގައުމަށް އޭނާގެ އެހީ ބޭނުންވި މި ދަނޑިވަޅު އިސްކުރީ ގައުމީ ޚިދުމަތެވެ. ސާބަހެވެ. ނާފިޒާއެވެ. ނާފިޒާއަށް ޓަކައި އޭދަފުށި ފަޚުރުވެރިވެއެވެ. ރޭޑިއޯ ދެމި އޮތްހައި ހިނދަކު ނާފިޒާގެ، “ޕްރޮގްރާމް މި ހުށައަޅައިދެނީ ނާފިޒާ އަބްދުއްރަޝީދު “ގެ އަޑަށް އޭދަފުށީގެ އިތުރުން މުޅި ރާއްޖެ ކުރާ އިންތިޒާރަށް ނިމުމެއް ނެތެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top