މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ހުމާއި، އަރިދަފުސް ރޯނގާ އާއި ކޮވިޑް-19 ފަދަ ބަލިތައް ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގަވައިފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި އަރިދަފުސް ރޯނގާ އާއި ކޮވިޑު ފަދަ ބަލިތައް ރިޕޯޓްކުރާވަރު އިތުރުވެފައިވާ ކަމަށާއި މިދިޔަ ސެޕްޓެމްބަރު މަހު 185 ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި މިދިޔަ މަހު 328 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކާ ކަމުގަ އެވެ.
“ކޮވިޑް-19ގެ އާ ވޭރިއަންޓްތަކެއް ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރުވަމުންދާތީ، ކޮވިޑް-19 އިން ތިމާ އާއި އާއިލާ އަދި މުޖުތަމައު ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަބަދު ވެސް ސަމާލުވުމަށް އިލްތިމާސް ކުރަން،” އެޗްޕީއޭއިން ބުންޏެވެ.
އެހެން ކަމުން ކޮވިޑުން އަމިއްލަ ނަފުސާއި އާއިލާއާއި މުޖުތަމައު ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަބަދުވެސް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި، ކޮވިޑާއި އަރިދަފުސް ރޯނގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމާއި އަރިދަފުސް ރޯނގާގެ އަލާމާތެއް ހުރިނަމަ އަނގަ އާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކް އެޅުމާއި އާއްމު ތަންތަނުގައި އުޅޭ އިރު ގައިދުރުކަން ބެހެއްޓުމާއި ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.
ހަމައެއާއެކު ރޯނގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖަހުމާއި ކޮވިޑް ވެކްސިން ޖަހާ އުމުރުގެ މީހުން ވެކްސިން ފުރިހަމަ ކުރުން އަދި ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތުހަމަވާނަމަ ބޫސްޓާ ޑޯޒް ފުރިހަމަ ކުރުމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ބަލި ޖެހުމުން ނުރައްކާވާ މީހުންނާ ވީހާވެސް ދުރުގައި އުޅުމާއި ގޭގައި ވެސް މާސްކް އަޅައިގެން އުޅުމާއި ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާއާއެކު ވީހާވެސް މަދުމީހުން ދިއުމާއި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމުގެ އިތުރުން ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެ ބަޔާނުގައިވެއެވެ.