ބ. އަތޮޅުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކޮންމެ ހަފްތާއެއްގެ ހޯމަދުވަހު އަތޮޅުފެރީގެ ހިދްމަތް އެއްވެސް އަގަކާނުލާ ދިނުމަށް އޭދަފުށީ ފަސްމުގޫ ގްރޫޕުން ނިންމައިފިއެވެ.
ފަސްމުގޫ ގްރޫޕުން މިގޮތަށް ނިންމިއިރު އެމްޓީސީސީން ބ. އަތޮޅުގައި ދެމުންއަންނަ އަތޮޅު ފެރީގެ ހިދްމަތް ހޯމަދުވަހު ނޯވެއެވެ. އެފެރީގެ ހިދްމަތް އޮންނަނީ ހޯމައާއި، ހުކުރު ފިޔަވައި ހަފްތާގެ ބާކީ 5 ދުވަހުއެވެ.
ފަސްމުގޫ ގްރޫޕުން ބުނީ މިފަދަ ނިންމުމެއް ނިންމީ ހޯމަދުވަހު ފެރީ ނެތުމުގެ ސަބަބުން ބ. އަތޮޅުގެ ރަށްރަށުން އޭދަފުއްޓަށް ދަތުރުނުކުރެވޭތީ، އެކަން ހައްލުކޮށްދިނުމަށް ގިނަ ރައްޔިތުންތަކެއް އެގްރޫޕަށް ހުށައެޅުމާގުޅިގެންކަމަށެވެ. ފަސްމުގޫ ގްރޫޕްގެ އެއްޑިރެކްޓަރ ކަމުގައިވާ އިސްމާއީލް ޝަހީމް އީވީއަށް ވިދާޅުވީ ފަސްމުގޫން މިކަން މިގޮތަށް ކުރަން ނިންމީ ކުންފުނީގެ އަމިއްލަ އެދުމަށްވުރެ ރައްޔިތުންނަށް ކުންފުނިން އަދާކޮށްދޭންޖެހޭ އިޖްތިމާއީ ޒިންމާއެއް އޮތްކަމަށްވެސް ބޯޑަށް ފެނިގެންކަމަށެވެ.
“ވަރަށް ގިނަ ބަޔަކު ފަސްމުގޫގައި އެދެމުން އަންނަތާ ގިނަދުވަސްތަކެއް ވެއްޖެ ހޯމަދުވަހު ފެރީ ބާއްވައިދިނުމަށް. އެހެންވީމާ ބޯޑުން ނިންމީ އެކަން ކުރިޔަށް ގެންދަން. އެހެންވީމާ އެމްޓީސީސީއާއެކު އަޅުގަނޑުމެން މިހާރު މިދަނީ މަޝްވަރާކުރަމުން މިކަން ކުރިޔަށް ގެންދާނެ ގޮތަކާމެދު. ފަސްމުގޫ ގްރޫޕުން ބޭނުންވަނީ އަތޮޅުގެ ރައްޔިތުން އެދުނު މިއެދުން ފުރިހަމަ ކޮށްދޭން. އެވެސް ޖީބަށް ލުއިވާގޮތަށް އެންމެ ބައިރުފިޔާވެސް އަރުވާ މުދަލަކަށް ދަތުރުކުރާ މީހާއަކަށް ނުނަގާނެ. އެއްވެސް ހާލެއްގައި ފަސްމުގޫގެ ވިޔަފާރިއަށް މާބޮޑު މަންފާއެއް ހޯދަން ކުރިކަމެއްނޫން އިނގޭތޯ” ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރ އޮފް މާކެޓިންގް އެންޑް ސޭލްސް ވިދާޅުވިއެވެ.

ފަމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރ އިސްމާއީލް ޝަހީމް އީވީއަށް އިންޓަވިއު ދެއްވަނީ / ފޮިޓޯ އީވީ ޓީމް
އިސްމާއީލް ވިދާޅުވީ ފެރީ ނިޒާމް މިހާރު އޮންނަގޮތުން އާންމު ރައްޔިތުން ބޭނުންވާ މުދާ އުފުލުމަށްވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަމަށެވެ. ނަމަވެސް ފަސްމުގޫ ހޯމަ ދަތުރުގައި ކޮންމެ ރައްޔިތަށްވެސް އެއްވެސް އަގަކާ ނުލާ ކޮންމެ އެއްޗެއް ރަށަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލާނެކަމެވެ.
“މިހާޜު މިވާގޮތަކީ ގެއެއް އަޅަން އުޅޭ މީހަކުވެސް ދަނގަޑު ހޮޅިއެއް ނުގެނެވިގެން ގެ ހިޔާނުކުރެވި މަސްދުވަސް ހުންނަންޖެހިދާނެ މިހާރު ފެރީ އޮންނަގޮތުން. އެއީ ހޮޅި ނުގެންދެވޭތީ. މާލެއިން ރަށު ބޯޓު އަންނަންދެން މަސްދުވަހު އެމީހާ ހުންނަން މިހާރު މިޖެހެނީ. އެކަން ނިމުމަކަށް އަންނާނެ ފަސްމުގޫ ހޯމަދަތުރުގައި. ހުސްޓިނު ގެންދިޔަޔަސް، ދަގަނޑު ހޮޅިވިޔަސް، ލަކުޑިފިލާވެސް ގެންދެވޭނެ. އެންމެ ރުފިޔާއެއްވެސް ޗާޖުނުކޮށް ސީދާ ރަށަށް” ފަސްމުގޫ ގްރޫޕްގެ ވިޔަފާރީގައި ވޭތުވެދިޔަ ހަތާވީސް އަހަރު ހޭދަކޮށްފައިވާ އިސްމާއީލް ވިދާޅުވިއެވެ.
ބ. އަތޮޅު އަތޮޅު ފެރީ ނިޒާމް ކުރިން އޮންނަގޮތުން ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް އަތޮޅު ފެރީގެ ހިދްމަތް ދެމުންގެންދިޔައެވެ. ނަމަވެސް އެމްޓީސީސީން ހިދްމަތް ފެށިފަހުން ހޯމައާއި، ހުކުރު ދެދުވަހު ފެރީ ނުބާއްވައެވެ. އެމްޓީސީސީން ކޮންމެ ދަތުރުވެރިއެއްގެ އަތުން ކޮޅަކަށް 20 ރުފިޔާ އަދި އުފުލާ ދާގީނާއަކަށް 5 ރުފިޔާ ޗާޖުކުރެއެވެ. އެމްޓީސީސީން ބ. އަތޮޅަށް އޮޕަރޭޓް ކުރާ ފެރީތަކަކީ ފަސްމުގޫ ގްރޫޕުން ކުއްޔަށް ހިފާފައިވާ ފެރީތަކެކެވެ. ފަސްމުގޫން ބުނީ ހޯމަ ފެރީގެ ހިދްމަތް ކުރިޔަށް ގެންދަން މިވަގުތު ނިންމާފައިވަނީ އަންނަ ރަމަޟާންމަހުގެ ނިޔަލަށް ކަމަށެވެ.