ގައުމު ހަލާކުވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާ ހެދިކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ އިއްޔެ ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ކޮރަޕްޝަން މައްސަލަތަކުގެ ވާހަކަތައް އެ ކޮމެޓީގައި ދެއްކުމުންނެވެ.
ސަލީމް ވިދާޅުވީ ހުރިހާ ކުށްވެރިންނަކީ މެމްބަރުންކަމަށާއި ރާއްޖޭގައި ކޮރަޕްޝަންގެ ޖަރީމާ ހިންގާ މީހުންނާ މެދު މިދިޔަ 15 ވަރަކަށް އަހަރު ވެސް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނުވާކަމަށެވެ. އަދި ގައުމު އިސްލާހުކުރުމުގެ ކުރުމުގެ ހުރިހާ ބާރެއް ރައްޔިތުން ދީފައިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އަތްމައްޗަށްކަމަށާއި މެންބަރުންގެ އެ ހިތްވަރު ނެތްނަމަ ގައުމު އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ގޯހުން ކަމެއް ހިނގިޔަސް ނުވަތަ މީހަކު ކުރިނަމަވެސް އެ މީހަކަށްވެސް ފިޔަވަޅު އެޅުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށެވެ.
ރައްޔިތުން ހުރިހާ ބާރެއް ދިނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އޭގެ ތެރޭގައި ގާނޫނު ބަދަލުކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ފަނޑިޔާރުން ވަކިކުރުމުގެ އިތުރުންވެސް އެހެނިހެން ބާރުތައް ހިމެނޭކަން ސަލީމް ފާހަގަކުރެއްވިއެވެ.