ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާއެކު ސްކޫލް ކުދިންގެ ރައްކާތެރިކަމަށް އާކަމެއް ތައާރަފްކުރެވުނެވެ. ސްކޫލަށް ކުދިން ދާގަޑިތަކުގައާއި ނިމޭ ގަޑިތަކުގައި ސްކޫލް ހިމެނޭ ސަރަހައްދުގެ ދެމަގު ދުއްވާ ތަކެއްޗަށް ބަންދު ކުރުމެވެ. މިއީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހިފައި އޮތް މުހިއްމު ކަމެއްކަން ބެލެނިވެރިން ވެސް ގަބޫލު ކުރާނެއެވެ. އެތައް ސަތޭކަ ކުދިން އެއްގަޑިއެއްގައި ސްކޫލަށް އަންނައިރު ނުވަތަ ނުކުމެގެން ދާއިރު މަގު ފުރިފައި އޮންނަނީ ފުރިފައެވެ. މިފަދަ ހާލަތުގައި މި ސަރަހައްދަށް ދުއްވާ އެއްޗެތި ވަދެ ނުކުމެވާނަމަ ހިތާމަވެރި ހާދިސާ އެއް ހިނގުމަކީ އެކަށީގެން ނުވާކަމެއް ނޫނެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް ގެ މި ޚިދުމަތަށް ޝުކުރުވެރިވާން ޖެހެއެވެ. އެމުވައްސަސާ އިން އަހަރެމެންގެ ދަރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާތީވެ އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ބަޔަކަށްވެސް ވާން ޖެހެއެވެ. ނަމަވެސް މަދު ބައެއްގެ އަމަލުތައް ހުންނަނީ މިކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ގޮތަކަށް ނޫނެވެ. މިފަދަ މީހުންގެ އަމަލުތަކުން ފެންނަނީ ދަރިންގެ ރައްކާތެރިކަމަށްވުރެ އެމީހެއްގެ އަމިއްލަކަން އިސްކުރެވޭ ތަނެވެ. މަގު ބަންދުކޮށްފައި އޮންނަ މަދު މިނިޓް ކޮޅުގައިވެސް އެކަމަށް ކެތް ކުރުމުގެ ބާރު ނުލިބި ބައެއް ފަހަރު ފުލުހުންނަށް ކުރު ދޮށިން ދެނީއެވެ. ނުވަތަ ފުލުހުންގެ ބަސް އެހުމެއްނެތި ދުއްވާ އުޅަނދުގައި ވަދެގެން ދަނީއެވެ.
އެކަމަކު ހަނދާން ކުރައްވާށެވެ. އެއީ ބޮޑެތިވަމުން އަންނަ ކިޔަވާކުދިންނަށް ނަގައިދެވޭ އަމުރަށް ނުކިޔަމަންތެރި ވުމުގެ ފިލާވަޅެކެވެ. އެކަން ފުރަތަމަ ދަސްކޮށް އެދެވެނީ އަމިއްލަ ދަރިފުޅަށެވެ. މީގެ އިތުރުން މިކަމަކީ ތަހުޒީބީ މުޖްތަމައަކަށް ވަރަށް ބީރައްޓެހި ކަމަކަށް ވާއިރު އަޅުގަނޑުމެން ވާންޖެހޭނީ އެއަށްވުރެ މާބޮޑަށް ހޭލުންތެރި ބައެއް ކަމުގައެވެ. އަޅުގަނޑުމެން މި އަޑު އުފުލަނީ އެހެން ކިޔައިގެން ނޫން ހެއްޔެވެ؟
ޚިޔާލު ތަފާތުވިޔަސް ސަރުކާރުން ކުރާ ކަމަކަށްވީތީ ދެކޮޅު ހެދިނަމަވެސް މިކަމަކީ ސަރުކާރާ ގުޅުން ހުރި ކަމެއް ނޫނެވެ. މިގޮތަށް މަގު ބަންދުކޮށްފަ އޮއްވާ ވަދެގެން އެކްސިޑެންޓެއް ހިގައިގެން ކުއްޖެއްގެ ފުރާނަ ގެއްލުނަސް އެކަމުން ސަރުކާރަށް ލިބޭނެ އުނިކަމެއް ނުވަތަ ފައިދާ އެއްވެސް ނޯންނާނެއެވެ. އެ ގެއްލުނީ އަހަރެމެންގެ ދަރިއަކަށް ވާއިރު އެހުރިހާ ދެރައެއް އެލިބުނީ އަހަރެމެންނަށެވެ.