ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހޮނިހިރު ދުވަހު ހުޅުވާލަނީ

large_176847086229rzyW.jpg

އިލެކްޝަންސް ކޮމިޝަންގެ ރައީސް --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ  ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީން ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައެވެ.

އެ ކޮމިޝަނުން މީގެ ކުރިން ވަނީ ކެންޑިޑޭޓުންގެ ޑިޖިޓަލް ޕޯޓަލް ރަސްމީކޮށް ހުޅުވާލާފައެވެ. އެ ޕޯޓަލް މެދުވެރިކޮށް ކެންޑިޑެންސީ ހުށަހެޅުމުގެ ކަންކަން ފުރިހަމަކުރެވުނު ނަމަވެސް ކެންޑިޑެސީ ހުށަހެޅޭނީ ހޮނިހިރު ދުވަހު ރަސްމީކޮށް ކެންޑިޑެސީ ހުށަހަޅަން ހުޅުވާލުމުންނެވެ.

ކެންޑިޑޭޓުން ފޯމު ހުށައެޅުމުގެ ފަހުގަޑިއަކީ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 12:00 އަށެވެ.

މިއީ އިންތިޚާބެއްގައި ކެންޑިޑޭޓުންގެ ފޯމުތައް ޑިޖިޓަލްކޮށް ޕޯޓަލް މެދުވެރިކޮށް ބަލައިގަންނަ ފުރަތަމަ ފަހަރު ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެއެވެ.

ކޮމިޝަނުން ބުނީ، އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އޮންލައިން ޕޯޓަލަށް އީފާސް މެދުވެރިކޮށް ވަދެވޭނެ ކަމަށެވެ. އެގޮތުން އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއަކުން ކަމަށް އިޚުތިޔާރުކޮށްފިނަމަ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށާއި ސިޔާސީ ޕާޓީތަކުން އެފަދަ ރިކުއެސްޓުތަކާ މެދު ގޮތެއް ނިންމަނީ ސިމެދަ ޕޯޓަލުން ކަމަށް، ކޮމިޝަނުން ބުންޏެވެ.

އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެކަން ފާހަގަކޮށް އެކަން ކުރާނެ ގޮތް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކިޔައިދީފައެވެ. އެ ގޮތުން، އެ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުންނަމަ، ނުވަތަ ނޫން ނަމަ ދާއިރާގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލަށް ވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށް ކަނޑައެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަމަކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރާ ގޮތަށް ބަލާއިރު، ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރެއިން 132 ރަށެއްގައި 3 މެންބަރުންގެ ކައުންސިލެއް އޮންނައިރު، 46 ރަށެއްގައި އޮންނާނީ 5 މެންބަރުންގެ ކައުންސިލެކެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދާ އެއްވަރަށެވެ.

ސަރުކާރު ހިންގާ ޕީއެންސީން މިދިޔަ މަހުގެ 27 ގައި ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވާފައިވާއިރު، އިދިކޮޅު އެމްޑީޕީން ވެސް އެ ޕާޓީގެ ޕްރައިމަރީ މިއަދު ބާއްވާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top