ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައި ސްކޭމެއް

original_1768651312162.png

ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދީނުގެ މަގު ކިޔާ ފޭސްބުކް ޕޭޖެއްގައިވާ ޕޯސްޓެއް ހިއްސާކޮށް، އެއީ ސްކޭމެއް ކަމަށެވެ.

އެ ޕޭޖުން ކުރި ޕޯސްޓެއްގައި ވަނީ، އައިޝަތު މާޖިދާ ކިޔާ ޒުވާން ކުއްޖަކަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ، އެހީއަށް އެދިފައެވެ. އެ ކުއްޖާގެ ފަރުވާއަށް ހަ މަހާއި އަށް މަހާ ދެމެދަށް އިންޑިއާގައި ހޭދަކުރަން ޖެހޭނެކަމަށް ބުނެ، އެ ޕޯސްޓުގައި ވަނީ ފައިސާ ފޮނުވާނެ އެކައުންޓު ނަންބަރު ވެސް ހިއްސާކޮށްފައެވެ.

ފުލުހުން އާންމުކުރި ފޮޓޯތަކުން އެނގޭގޮތުގައި، މާޖިދާ ކަމަށް ބުނެ އާންމުކޮށްފައިވާ މީހާގެ ފޮޓޯއަކީ މުޝްފިކާ ސުލްތާނާ ކިޔާ ބޭރު މީހެކެވެ. މި ކަމާ ގުޅިގެން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ، އޮޅުވާލައިގެން މީހުންނަށް ގުޅުމާއި ސައްހަ ނޫން ގޮތުގައި އެހީއަށް އެދޭ މީހުންނަށް ނުވަތަ ސްކޭމަރުންނަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

އެ ފަދަ ސްކޭމުތަކަށް ސަމާލުވުމަށް ކުރެވޭނެ ކަންކަން ވެސް އެ ސެންޓަރުން ވަނީ ކިޔައިދީފައެވެ. އެގޮތުން، ފޮޓޯއަކަށް ބަލާފައި އެހީވުމުގެ ކުރިން، ގޫގުލް އިމޭޖަސް ފަދަ ވަސީލަތެއް ބޭނުންކޮށްގެން “ރިވާސް އިމޭޖް ސާޗް” ކުރުމަށް ވަނީ އެދިފައެވެ. އަދި އަމިއްލަ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އެދިފައި ހުންނަ ހާލަތްތަކުގައި އިތުރަށް ސަމާލުވުމާއި ގުޅާ މީހަކަށް މައުލޫމާތު ނުދީގެން ބިރުދައްކާނަމަ، ފޯނު ކަނޑާލުމަށާއި އޯޓިޕީ ހިއްސާނުކުރަން ފުލުހުން އިލްތިމާސްކުރިއެވެ.

ސޯޝަލް މީޑިއާ އެޕްތައް މެދުވެރިކޮށް އޮޅުވާލައި، ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ރާއްްޖޭގައި ފަހަކަށް އައިސް ވަރަށް ގިނަވެފައެވެ. އެގޮތުން މިދިޔަ މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އެފަދަ މައްސަލަތައް ބަލާ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top