ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ 7 ލޯންޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިއްހީ ވުޒާރާއިން ބުނެފިއެވެ.
މީގެ ތެރެއިން ތިން ލޯންޗެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ “އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ” (އެޕްވެކްސް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
އެ ވުުޒާރާއިން ވިދާޅުވީ، މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތަކުގެ ތެރެއިން ދެވޭ ޚިދުމަތްތައް އެހެނިހެން ރަށްރަށް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށާއި، ވެކްސިން ރަށްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި އަދި ލެބޯޓްރީ ސުންކު ލެބޯޓްރީ ނެތް ރަށްރަށުން އެ ޚިދުމަތް ލިބޭ ރަށްރަށަށް ގެންދިއުމަށް ބޭނުން ކުރެވޭނެ އުޅަނދުތަކެއް ކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން 7 ލޯންޗއް ގެނައުމަށް ހަމަޖެހިފައިވާ އިރު ބާކީ ހުރި ލޯންޗްތައް މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖެ ގެނެވޭނެ ކަމަށް ސިއްހީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.







